ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރުގައި 11200 އަށްވުރެ ގިނަ މީހުން


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރުގައި މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު އެންމެ ގިނައިން ރަޖިސްޓަރ ކޮށްފައިވަނީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ނަފްސާނީ ބައްޔެއްގެ ސަބަބުން ނުކުޅޭދުންތެރިކަން ހުންނަ މީހެއްކަން ކަނޑައަޅަނީ، އެކަމަށްޓަކައި އެކުލަވާލާފައިވާ، "ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކޮބައިކަން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވައިލުމާއި، އެ ދަފުތަރު ބެލެހެއްޓުމުގެ ގަވާއިދު" ގެ ދަށުންނެވެ.

އެމީހެއްގެ ސިކުނޑިއަށް ދިމާވާ މައްސަލައެއްގެ ސަބަބުން ނަފްސާނީގޮތުން އަދި އުޅުމުގައި އުނިކަމެއް ހުރުމާއެކު އެހެން މީހުން ފަދައިން މުޖުތަމަޢުގައި ފުރިހަމައަށް ބައިވެރިވެ ޙަރަކާތްތެރިވެ އުޅުމަށް ދަތިވާނަމަ މި ގަވާއިދުގެ ދަށުން އެއީ ނަފްސާނީ ގޮތުން ނުކުޅެދުމެވެ. މިގޮތުން ސިކުނޑީގެ އެކި ބަލިތަކާއި ދިގު މުއްދަތަކަށް ދެމިގެންދާ ސިކުނޑިއާ ގުޅިފައިވާ އެކި ޙާލަތްތައް ގަވާއިދުގައި ވަނީ ފާހަގަކޮށްފައެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ ނުކުޅެދުންތެރިކަމުގެ ތެރެއިން އެންމެ ގިނައިން މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓަރކޮށްފައިވަނީ މިފަދައިން ނަފްސާނީ ނުކުޅެދުންތެރިކަން ހުރި ފަރާތްތަކެވެ. އެންސްޕާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިފަދަ 179 މީހުން ވަނީ މި 4 މަސްދުވަހުގެ ތެރޭގައި ރަޖިސްޓަރކޮށްފައެވެ. މިއާއެކު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރުގައި، ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޢަދަދު ވަނީ 304 އަށް އިތުރުވެފައެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ ނަފްސާނީ އުނިކަންކަމުގެ ތެރޭގައި، ޑިޕްރެޝަނާއި، އޯގެނިކް މެންޓަލް ޑިސްއޯޑަރއާއި ސްކިޒޮފްރޭނިއާއާއި، ބައިޕޯލަރ އޭފެކްޓިވް ޑިސްއޯޑަރއާއި، ޕަރސަނަލަޓީ ޑިސްއޯޑަރއާއި، އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑަރއާއި، އީޓިންގ ޑިސްއޯޑަރގެ އިތުރުން، އިޚްތިޔާރެއް ނެތި އަމިއްލަ ނަފްސަށް ގެއްލުންދޭ ފަދަ ގޮތަކަށް އުޅުން ހިމެނެއެވެ.

ދެވަނައަށް އެންމެ ގިނައިން ރަޖިސްޓަރކޮށްފައިވަނީ އެއް ނުކުޅެދުންތެރިކަމަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. މިފަދަ 162 މީހުންނާއެކު ޖުމްލަ 2148 މީހުން މިހާރު ވަނީ އެއް ނުކުޅެދުންތެރިކަމަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައެވެ. ޖިސްމާނީގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. 147 މީހުންނާއެކު ޖުމްލަ 3192 މީހަކު މިހާރު ޤައުމީ ދަފްތަރުގައިވަނީ ރަޖިސްޓަރކޮށްފައެވެ.

8 ބާވަތެއްގެ ނުކުޅެދުންތެރިކަމެއް ކަނޑައަޅާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރެއް ވަނީ އެކުލައްވައިފައެވެ. މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް މި ދަފްތަރުގައި ޖުމްލަ 11216 މީހުން ވަނީ ރަޖިސްޓަރކޮށްފައެވެ.

މި ދަފްތަރު އެކުލަވެއްވުލުމުގެ މައިގަނޑު ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުރިމަތިވާ ދަތިތަކާއި ހުރަސްތައް ނައްތައިލެއްވުމެވެ. އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ، ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޢަދަދާއި އެފަރާތްތަކަށް ކުރިމަތިވާ ނުކުޅެދުންތެރިކަމުގެ މަޢުލޫމާތު އެއްކުރެވިފައި ނެތުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މިދަފްތަރާއެކު، މިމައްސަލައަށް ޙައްލެއް ލިބި، ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ މާލި އަދި އެނޫންވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ޢިނާޔަތްތަކުގެ މަޢުލޫމާތު މިއަންނަ މަހުގެ ތެރޭގައި ހާމަކުރައްވާނެކަމަށް ސަރުކާރުން ވަނީ ކުރިން ވިދާޅުވެފައެވެ.