ޚަބަރު

ނައީމާގެ މަރުގެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި


ނ. މަނަދޫގައި ރަޚުމްކުޑަގޮތަކަށް މަރާލާފައި އޮތްވާ ފެނުނު ނައީމާ މޫސާ މަރާލިކަމުގެ ތުޙުމަތުގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

ނައީމާ މޫސާ މަރުވެފައި އޮތްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު އޭނާ ދިރިއުޅެމުންދިޔަ ގޭގައެވެ. މިއާއެކު މަރުގެ މައްސަލާގައި ފުލުހުންގެ ޚާއްޞަ ތަޙްޤީޤު ޓީމެއް ދަނީ މަނަދޫގައި ހަރަކާތްތެރިވަމުންނެވެ.

މި މައްސަލައިގެ ތަޙްޤީޤާއި ގުޅޭ އެންމެފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، ނައީމާ މޫސާ މަރާލި މައްސަލައިގެ ތަހްޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަމަށެވެ. އަދި މި މައްސަލާގައި ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށާއި، މައްސަލައިގެ ތަޙްޤީޤަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކޮށްފައިވާކަމަށެވެ.


އެގޮތުން ނައީމާ މޫސާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނުރ 2 ހަތިޔާރު އަދި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ އަންދާޅުމަށްފަހު ފަސްއަޅާ ފޮރުވާފައިވާތަން ކޮނެ އެތަކެތި ނަގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ ވަނީ މަރުގެ މައްސަލަ ތަޙްޤީޤު ކުރުމުގެ ތަޖުތިބާކާރު، އިންސްޕެކްޓަރ މުޙައްމަދު ސާމިހު އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން، މި މަރުގެ ހަޤީޤަތް ހޯދާ އިންސާފު ޤާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ.

ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރުމުން ނައީމާގެ މަރުގެ ތަޙްގީޤު ފުލުހުން ކުރިއަށް ގެންދަނީ ބަޔަކު ނުވަތަ މީހަކު އެނާ މަރާލާފައިވާކަމަށް ބަލައިގެންނެވެ.

ނައީމާގެ މަރަށް 50 ދުވަސްވެފައިވާއިރު، މިއީ މި މައްސަލައިގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ. މަރުގެ ތަޙުޤީޤަށް ފުލުހުންގެ ގިނަ ޢަދަދެއްގެ ފޮރެންސިކް އެކްސްޓާޕުން އެ ރަށުގައި ހަރަކާތްތެރިވިއެވެ. އަދި އެ ރަށުގެ ގިނަ ބައެއްގެ ޑީ.އެން.އޭ ސާމްޕަލްވެސް ނެގިއެވެ.