ޚަބަރު

ސިނަމާލެ ފްލެޓުތައް ތަޅާލައި އަލުން އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ


މާލޭގައި ހުންނަ ސިނަމާލެ ފްލެޓުތައް ތަޅާލައި، އަލުން އެތަން އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

ސިނަމާލެ ފްލެޓުތައް ތަޅާލައި، އަލުން އެތަން އިމާރާތްކުރުމަށް މާލެ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވަނީ ހިމަނާފައެވެ.

ސިޓީ ކައުންސިލުން މިހާރު ވަނީ "ސިނަމާލެ ރީ ޑެވެލޮޕްމަންޓް ޕްރޮޖެކްޓް" އަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ޕްރޮޕޯޒަލް ހުށައެޅުމަށް ހުޅުވާލާފައެވެ. އަދި އަންނަ މަހުގެ 4ވަނަ ދުވަހުގެ މެންދުރު 1:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ވާން ޖެހޭނެއެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ދަށުން ޖުމްލަ 1500 އެޕާޓްމަންޓު ހަދަން ވަނީ ނިންމާފައެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން 700 އެޕާޓްމަންޓް ހިމެނޭ 5 ފަންގިފިލާގެ އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން 800 އެޕާޓްމަންޓުގެ 5 ފަންގިފިލާގެ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓުގެ ދަށުން ހަދަން ނިންމާފައިވަނީ ތިން ބާވަތުގެ އެޕާޓްމަންޓުތަކެވެ. އެއީ ދެ ކޮޓަރި އާއި ތިން ކޮޓަރި އަދި ހަތަރު ކޮޓަރީގެ އެޕާޓްމަންޓުތަކެވެ. އަދި ގްރައުންޑް ފްލޯގައި ކޮމާޝަލް ޔުނިޓުތައް ހުންނައިރު ބޭސްމެންޓުގައި ޕާކިން ޒޯނެއްވެސް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މި ޕްރޮޖެކްޓު ހިންގުމަށް ޝައުގުވެރިކަން ފާޅު ކުރާ ކުންފުންޏަކީ ދިވެހި ކުންފުންޏެއްނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި 300،000 ރުފިޔާ ދައްކަން ޖެހޭނެއެވެ. އަދި ބޭރު ކުންފުންޏެއްނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި ދައްކަން ޖެހޭނީ 25،000 ޑޮލަރެވެ. މި ޕްރޮޖެކްޓު ކުރިއަށްގެންދާނެ ކުންފުންޏަކު ހޮވާއިރު މުޅި ޕްރޮޖެކްޓު ހިންގުމަށް އެންމެ ކުޑަ އަގެއް ކަނޑައަޅާ ފަރާތްތަކާއި ކޮންސެޕްޓް ޑިޒައިނާއި އެ ކުންފުންޏެއްގެ ގާބިލުކަމަށް ބަލާނެއެވެ.

މިހާރު ހުރި ސިނަމާލެ އިމާރާތްތަކަކީ ގިނަ ދުވަސްވުމުގެ ސަބަބުން އެތައް މައްސަލަތަކެއް ދިމާވެފައިވާ އިމާރާތްތަކަކެވެ.