ވިޔަފާރި

މާސްޓަރ ޕްލޭންގެ އަަމާޒު: ފަތުރުވެރިކަމުގެ އާމްދަނީ 92 ބިލިއަން ރުފިޔާއަށް އިތުރުކުރުން


ސަރުކާރުގެ އަމާޒަކީ 5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންއާއެކު 2027 ވަނަ އަަހަރާއި ހަމައަށްދާއިރު ފަތުރުވެރިކަމުގެ ސިނާއަތުން އަހަރަކު 6 ބިލިއަން ޑޮލަރު ނުވަތަ 92 ބިލިއަން ރުފިޔާ އާމްދަނީއެއް ހޯދުންކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ ޕްލޭން އެކުލަވާލެއްވުމުގައި އެންމެ އިސްކޮށް އުޅުއްވި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޑރ.ނައުޝާދު މުހައްމަދު ވަނީ މާސްޓަރ ޕްލޭންގައި ހުރި ކަންކަމަށް ވަރަށް ތަފްސީލީ ގޮތެއްގައި ބައްލަވާލައްވާފައެވެ.

5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްޤީކުރުމަށް 2023 އިން 2027 އަށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންއެކެވެ.

މި މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ހިލޭ އެހީގެ ދަށުންނެވެ.

މާސްޓަރ ޕްލޭން ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޑރ. ނައުޝާދު މުޙައްމަދު ވިދާޅުވީ، މި މާސްޓަރ ޕްލޭންގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށްއޮތް 5 އަހަރަށް ބައްޓަންކުރާނެ އަދި ހާސިލްކުރަން ބޭނުންވާނެ މުހިންމު ކަންކަން ހިމެނިފައި ވާނެކަމަށެވެ. އެގޮތުން އެންމެ މުހިންމު އެއްކަމަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުންކަމަަށް ނައުޝާދު ވިދާޅުވިއެވެ.

2021 ވަނަ އަހަރު ފަތުރުވެރިކަމުން ލިބިފައިވާ އާމްދަނީ އުޅެނީ 3 ބިލިއަން ޑޮލަރުގައެވެ. އަދި މިއަހަރު ފަތުރުވެރިކަމުން ލިބޭ އާމްދަނީ ހުންނާނީ 4.2 ބިލިއަން ޑޮލަރުގައިކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.

ޑރ. ނައުޝާދު ވިދާޅުވީ 5 ޓޫރިޒަމް މާސްޓަރ ޕްލޭންއާއިއެކު 2027 ވަނަ އަހަރާއި ހަމައަށް ދާއިރު ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ އަހަރަކު 6 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް ޕްލޭންތަކެއް އެކަށައަޅާއި، އަމާޒުތަކެއް ކަނޑައެޅިފައިވާކަމަށެވެ.

“2027 ވަނަ އަހަރާއި ހަމައަށް ދާއިރު ފަތުރުވެރިކަމުގެ އަހަރަކު 6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމަކީ 5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންގެ އަމާޒެެއްކަމަށް. މިކަމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި ސަރުކާރާއި އަދި މުޖްތަމައުންވެސް މަސައްކަތްކުރަންޖެހޭ. މިއީ ހާސިލްކުރެވޭނެ ކަމެއް. މި ޓާގެޓް ކަނޑައަޅާފައިވަނީ ޓޫރިޒަމް މިނިސްޓްރީއާއި، ފިނޭންސް މިނިސްޓްރީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީއާއި، ފަތުރުވެރިކަމުގެ ދާއިރާގެ އެހެން ފަރާތްތަކާއި މަޝްވަރާކުރުމަށްފަހުގައި.” ނައުޝާދު ވިދާޅުވިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރު ނިމުނުއިރު 140 ރިސޯޓްގައި 35،887 މުވައްޒަފުން މަސައްކަތްކުރިއެވެ. މީގެތެރެއިން %88 އަކީ ފިރެހެނުންނެވެ. އަދި %12 އަކީ އަންހެނުންނެވެ. މީގެތެރެއިން ދިވެހިންގެ ނިސްބަތަކީ 42 އިންސައްތައެވެ. އަދި އަނެއް %58 އަކީ ބިދޭސީންނެވެ.

ޑރ.ނައުޝާދު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި ކިޔެވުމާއި އަދި ތަމްރީން ހޯދުމަށް އަންހެނުންނާއި ޒުވާނުންނަށް ފަހި ފުރުސަތުތައް އެކަށީގެންވާވަރަށް ނެތްކަމަށެވެ. އެހެންކަމުން ޓުރިޒަމްގެ މާސްޓަރ ޕްލޭންގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހިންގެ އަދަދު އިތުރުކުރުމަށްވެސް ޙާއްސަ އިސްކަމެއް ދީފައިވާކަމަށެވެ.

“މަސައްކަތުގެ ތަމްރީން ލިބިފައިވާ ދިވެހިން ރިސޯޓްތަކަށް ލިބުމާއި އަދި މަސައްކަތް ކުރަން ބޭނުންވާ ނިސްބަތް އުޅެނީ ވަރަށް ދަށުގައި. 5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންގައި ތަމްރީނާއިއެކު ފަތުރުވެރިކަމުގެ މަތީ މަގާމުތަކަށް ދިވެހިން ގެނައުމަށް އިސްކަމެއްދޭނެ.” ނައުޝާދު ވިދާޅުވިއެވެ.

5 ވަނަ މާސްޓަރ ޕްލޭންގައި ހާސިލްކުރަން ކަނޑައަޅާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ފަތުރުވެރިކަމުން ލިބޭ މަންފާ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ރައްޔިތުންނަށް އިތުރުކުރުމާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ތަފާތު، އާ އުފެއްދުންތައް އަދި ތަޖުރިބާތައް އެ ދާއިރާ އަށް ތައާރަފްކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ޝާމިލުވާ ހުރިހާ ފަރާތްތަކުން މޫސުމަށް އަންނަ ބަދަލުތަކަށް ރައްކާތެރިވެ، ރާއްޖޭގެ ގުދުރަތީ ހަޒާނާތައް ހިމާޔަތް ކުރަން މަސައްކަތް ކުރުން ހިމެނެއެވެ.

މީގެއިތުރުން ރާއްޖެ އަންނަ ހުރިހާ ފަތުރުވެރިންނަށް ޒަމާނީ ފެންވަރުގެ ދަތުރުފަތުރުގެ ނިޒާމެއް ކަށަވަރުކޮށްދިނުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްތެރިން ދަމަހައްޓާ، މަސައްކަތްތެރިން އެ ސިނާއަތަށް ޝައުގުވެރި ކުރުވުންވެސް ވަނީ ހިމަނާފައެވެ.