ޚަބަރު

މިއަހަރުގެ ފުރަތަމަ ޔޫތު ލީޑާރސް ފޯރަމް ކޮޅުފުށީގައި ފަށައިފި


ޔޫތު ލީޑާރސް ނެޓްވޯކުން ޒުވާން އިސްވާރުން ބިނާކުރަން ބާއްވާ މިއަހަރުގެ ފުރަތަމަ ފޯރަމް މ.ކޮޅުފުށީގައި ފަށައިފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކުރިއަށްގެންދާ މިއަހަރުގެ ފުރަތަމަ ޔޫތު ލީޑާރސް ފޯރަމް ފަށްޓަވައިދެއްވީ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲއެވެ. މިއަހަރުގެ މިފޯރަމްގައި މ.އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭހެން 80 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވެއެވެ.

ފޯރަމް ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ މިފޯރަމް ވެގެންދާނީ ކޮޅުފުއްޓާއި, މ.އަތޮޅަށްވެސް ވަރަށް މުހިއްމު ފޯރަމަކަށްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ މުސްތަޤްބަލަށްޓަކައި ޒުވާނުން ބިނާކުރުމުގައި ދީނުގެ ހަމަތަކުގެ މައްޗަށް ބިނާކޮށް ޤައުމިއްޔަތުގެ އަސާސްތަކާއެކުގައި ޒުވާނުން ތަރުބިއްޔަތުކުރުމަކީ އެޤައުމެއް ކުރިއަރާ ދިއުމަށް ވަރަށް މުހިއްމުކަމެއް ކަމަށެވެ. އެމަސައްކަތް ކުރުމަށް ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންނާއި ޒުވާނުންނާއެކުގައި ކުރެވޭ މަސައްކަތަކީ ޒުވާން ލީޑަރުން އުފެއްދުމަށް ވަރަށްބޮޑަށް މަގުފަހިކޮށްދޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ޤައުމެއް ބިނާވާނީ, ޤައުމެއްގެ ކުރިމަގު އުޖާލާ ކުރެވޭނީ އެޤައުމެއްގެ ޒުވާން ޖީލަކީ ޢިލްމީ ޤާބިލް ދުޅަހެޔޮ ހުނަރުވެރި ބަޔަކަށްވެގެން.” މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިފަހަރުގެ ފޯރަމް ކުރިއަށް ގެންދަނީ "ޒުވާން އިސްވާރުން" މިޝިޢާރުގެ ދަށުންނެވެ. ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫތު ލީޑާރސް ނެޓްވޯކްގެ އެޑްވައިޒަރީ ބޯޑުގެ މެންބަރު އަލީ ޒަކީ ވިދާޅުވީ ޒުވާނުންނަކީ ވަރަށް ޒިންމާދާރު އަދި ޒިންމާ ނަގައިގެން މަސައްކަތްކުރާ ބައެއްކަމަށެވެ.

"ޒުވާނުން ޒިންމާދާރުކަމާއެކުގައި ކުރިއަށްގޮސްފިނަމަ ޤައުމު ތަރައްޤީކުރުމަކަށް ހުރަހެއް ނޯންނާނެ." އަލީ ޒަކީ ވިދާޅުވިއެވެ.

މިމަހުގެ 27 ގެ ނިޔަލަށް ކުރިއަށްގެންދާ ފޯރަމްގައި 9 ސެޝަނެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. އޭގެތެރޭގައި ޓީމް ބިލްޑިންގއާއި, ލައިފް ސްކިލްސްއާއި, ދިވެހިންގެ ވާހަކައާއި, ދިރިއުޅުމުގެ އެންމެ ފުރިހަމަ ނިޒާމް އަދި އަމާން ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމުގައި ޒުވާނުންގެ ދައުރާއި ބައިވެރިވުމުގެ މުހިއްމުކަމާގުޅޭ ސެޝަންތައް ހިމެނެއެވެ.

މި ސެޝަންތައް ނަންގަވައިދެއްވަނީ އެދާއިރާތަކުގެ އިލްމާއި ތަޖުރިބާ ލިބިވަޑައިގެންތިއްބެވި ބޭފުޅުންނެވެ.