ޚަބަރު

ލެކްޗަރާއިންގެ މުސާރާގައި ހުރި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ލިބިގެންދާނެ: ރައީސް


ޔުނިވަރސިޓީގެ ލެކްޗަރާއިންގެ މުސާރައާއި ބެހޭގޮތުން ގެންނަންޖެހޭ ބަދަލުތައް، ފިނޭންސް މިނިސްޓްރީއާއި ޕޭ ކޮމިޝަނާ އެކީގައި މަސައްކަތްކޮށް، ނިމުމަކާ ހިސާބަށް ގޮސްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މިރޭ ބޭއްވި އެ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފުލާ 2023ގެ ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ. މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިސްލާމީ ޔުނިވަރސިޓީގެ ލެކްޗަރަރުންގެ މުސާރައަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ޕޭކޮމިޝަނާއި މިނިސްޓްރީ އޮފް ފިނޭންސްއާ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައް ނިމުމަކަށް އައިސްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އިމާމުންގެ މަސައްކަތާ ގުޅޭގޮތަށް މުސާރައާ، ލިބެންވާ ޗުއްޓީއަށް ހެޔޮބަދަލުތަކެއް ލަސްތަކެއްނުވެ ގެންނަވާނެކަމަށާއި، ހަމައެހެންމެ ކުރިންވެސް ސަރުކާރުން އިޢުލާނުކުރައްވާފައިވާގޮތަށް ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މި ސަރުކާރުން ދޭން ނިންމި އެލަވަންސް އެގޮތަށް އަންނަ ޖޫން މަހުގެ ތެރޭގައި ދޭން ފަށްޓަވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މި ޔުނިވަރސިޓީގެ ލެކޗަރަރއިންގެ މުސާރައާ ބެހޭގޮތުން ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން، ފިނޭންސް މިނިސްޓްރީއާއި ޕޭ ކޮމިޝަނާ އެކީގައި މިހާރު އަޅުގަނޑުމެން މަސައްކަތްތަކެއްކޮށް ނިމުމަކާ ހިސާބަށް ގޮސްފައިވާ ވާހަކަވެސް ތިޔަބޭފުޅުންނަށް މިރޭ އަޅުގަނޑު ދަންނަވާލަން." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ޒުވާނުން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޔުނިވަރސިޓީން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި ހަރުކަށި ފިކުރާ ދެކޮޅަށް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ އެކުވެސް އިސްލާމީ ޔުނިވަރސިޓީން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

ޒަމާނީ ޢިލްމު ފުޅާކޮށް، ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދީ މުޅި ރާއްޖެ ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ބަޖެޓުގެ 10.9 އިންސައްތަ ނުވަތަ 4.6 ބިލިއަން ރުފިޔާ ޚާއްޞަކޮށްފައި ވާނީ ތަޢުލީމީ ދާއިރާއަށްކަން ފާހަގަކުރައްވާފައެވެ. އަދި އޭގެ ތެރެއިން 857 މިލިއަން ރުފިޔާ ޚާއްޞަކޮށްފައި ވަނީ މަތީ ތަޢުލީމުގެ ދާއިރާތަކަށް ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ހިލޭ ޑިގްރީ ޕްރޮގްރާމާއި، ސްޓޫޑެންޓް ލޯނު ޕްރޮގްރާމާއި އަދި ޤައުމަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކޮށް އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުގައި އަލިއަޅުވާލެއްވެވިއެވެ.

"ފެންވަރު ރަނގަޅު ޑޮކްޓަރުން، ނަރުހުން، ޓީޗަރުން، އިންޖިނޭރުން، ލޯޔަރުން، ޕައިލެޓުން، އަދި މި ނޫނަސް ޤައުމަށް ބޭނުންވާ ކޮންމެ ދާއިރާއަކުންވެސް މީހުން ބިނާކުރެވޭނީ ތަޢުލީމަށް ހޭދަކޮށްގެން. އަޅުގަނޑު ހިތުން ދިވެހި ރައްޔިތުންވެސް މިއަދު އެ ޙަޤީޤަތް އެބަ ޤަބޫލުކުރޭ. ހިލޭ ޑިގްރީ ޕްރޮގްރާމަށާއި، ސްޓޫޑެންޓް ލޯން ޕްރޮގްރާމަށް ލިބޭ ބޮޑު ތަރުޙީބަކީ އެކަމުގެ ހެއްކެއް." ރައީސް ވިދާޅުވިއެވެ.

މި ޙަފްލާގައި އިސްލާމީ ޔުނިވަރސިޓީން އެކި ދަރަޖައިގައި ދަސްވެނިވާ 709 ދަރިވަރުންނާ އަދި ބެސްޓް ސްޓޫޑެންޓް އެވޯޑް 9 ދަރިވަރަކު ޙާޞިލުކޮށް އިނާމާ ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ. މީގެ ތެރޭގައި ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް ސަރުކާރުން ވީ ވަޢުދުގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއާ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން 2020 ވަނަ އަހަރު ފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިރޭގެ ޙަފުލާގައި ދަސްވެނިވި 78 އިމާމުން ވެސް ހިމެނެއެވެ.

މި އިމާމުންނާއި ބެސްޓް ސްޓޫޑެންޓް އެވޯޑް 9 ދަރިވަރުންނަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ހަފުލާގައި، ކުއްލިއްޔާ އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް ޓީޗިންގ އެންޑް ލާރނިންގ އިން ދަސްވެނިވި ދަރިވަރުންނަށް ދަރަޖަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.