ޚަބަރު

ޤައުމަށް އަންނަ ތަރައްޤީއާއެކު ތަޙުޒީބުކަން ދަމަހައްޓަންޖެހޭ: ނާއިބު ރައީސް


ޤައުމަށް އަންނަ ތަރައްޤީއާއެކު، ކަންކަމުގައި ގެންގުޅޭ ތަޙުޒީބުކަން ދަމަހައްޓަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސަރުކާރުގެ މައި ފެން ކުންފުނި، އެމް.ޑަބްލިޔު.އެސް.ސީގެ 28 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހެންވޭރު ދަނޑުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، އެމް.ޑަބްލިއު.އެސް.ސީގެ 28 އަހަރުގެ ތާރީޚުގައި އެކުންފުނިން ބޮޑެތި ކުރިއެރުންތަކެއް ހޯދާ މުހިއްމު ޚިދުމަތްތަކެއް މާލެއާއި އަތޮޅުތަކުގައި ފޯރުކޮށްދެމުންދާކަމަށެވެ.

ފެނާއި ނަރުދަމާގެ ޚިދުމަތަކީ އެންމެ އަސާސީ އެއް ޚިދުމަތްކަމަށްވާއިރު، މިހާތަނަށްވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ޚިދުމަތް ޤާއިމުވެފައިނެތްކަމީ މިއަދުގެ ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއްދިން އެއް މައްސަލަކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ. އަދި މި 5 އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅެއްކަމަށާއި، އެކަމުގައި ޢަމަލީ ސިފަޖެހެމުންދާތަން މުޅި ރާއްޖޭން ފެންނަމުންދާކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސް ފައިޞަލް ވިދާޅުވީ، ސަރުކާރު ކުންފުނިތަކަކީ ރައްޔިތުންނާއި ގުޅުންހުރި މުހިއްމު ޚިދުމަތްތަކެއް ފޯރުކޮށްދޭ ކުންފުނިތަކެއްކަމަށާއި، މި ޚިދުމަތްތަކުގެ ފަހަތުގައި އެތައް މުވައްޒަފުންނެއްގެ ބުރަ މަސައްކަތްތައް ހިމެނޭކަމަށެވެ. ނާއިބު ރައީސް ވިދާޅުވީ، ކާމިޔާބުކަމާއެކު އެއްވެސް ތަނެއް ހިންގޭނީ އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި އޮންނަ ބަދަހިކަން ވަރުގަދަވެގެންކަމަށާއި، މުވައްޒަފުން ކުރާ ބުރަ މަސައްކަތްތައް ފާހަގަކޮށް، އެކަންކަމުގެ އަގުވަޒަންކުރުން މުހިއްމުކަމަށެވެ.

"ތަނެއްގެ ތެރޭގައި މައްސަލަތަކެއް ހުރެދާނެ. އެކަމު މައްސަލަތައް ހައްލުކުރުމުގެ ޤާބިލުކަން އަޅުގަނޑުމެންގެ ގައިގައި ހުންނަންވާނެ. އަޅުގަނޑު ވަރަށް އުފާކުރަން ޚާއްސަކޮށް އަޅުގަނޑުމެންނަށް ކުންފުނިތަކުގައި އެފަދަ މުވައްޒަފުން ފެނިގެންދާތީ. އެހެންވީމަ އެފަރާތްތަކަށް އަބަދުވެސް އަޅުގަނޑުމެންގެ ހިތު ތެރޭގައި އެ ޝުކުރުވެރިކަން އޮންނަ ވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުން" ނާއިބު ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސް ފައިޞަލް ނަސީމްގެ ވާހަކަފުޅުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކަކާއި މަސައްކަތްތަކެއް ކުރިއަށްދާކަން ފާހަގަކުރައްވާ، މިކަންކަމާއެކު އަޅުގަނޑުމެންގެ އުޅުމާއި ތަހުޒީބުކަމަށްވެސް ބަދަލުތަކެއް އަންނަންޖެހޭކަމަށެވެ. އެގޮތުން މަގުމަތީގެ ސާފުތާހިރުކަމަކީ ޚާއްސަ ސަމާލުކަމެއް އަޅުގަނޑުމެން ދޭންޖެހޭކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މާލޭ އޭރިއާއަށް ބަލައިފިކަމަށްވަންޏާ، ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއްދޭންޖެހޭ. އަޅުގަނޑުމެން ތަރައްޤީގެ ވާހަކަދައްކާއިރު، އަޅުގަނޑަށް ހީވަނީ ހުރިހާގޮތަކުންވެސް އަޅުގަނޑުމެން ޖެހޭނެހެން ތަޙުޒީބުކަން ދަމަހައްޓަން. އަޅުގަނޑުމެން ދެރަވޭ، ލަދުވެސްގަނޭ އަޅުގަނޑުމެން ދާ މަގުމަތީގެ އެކި ތަންތަނުގައި ކުނިކޮތަޅުތަކާއި ފުޅިތަކާއި އެއްޗެހި އުކާފައި މަގުތައް މަތީގައި ހުންނައިރު، އެއީ އަޅުގަނޑުމެން ހަމަގައިމުވެސް ރާއްޖެއަށް މިކަހަލަ ސިޓީއަކަށް ގުޅޭ ކަންތައްތަކެއް ނޫން" ނާއިބު ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ އެމްޑަބްލިއުއެސްސީގެ "ޔުނީކް ޕަރފޯމަންސް އެވޯޑް" އާއި، "ޗެއަރމަންސް އެވޯޑް ފޯރ އެކްސެލެންސް" އެވޯޑް ލިބުނު މުވައްޒަފުންނަށް އެވޯޑް ޙަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި އެކުންފުންޏަށް އެކިގޮތްގޮތުން ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށްވެސް ޚާއްސަ އެވޯޑްތައް މި ރަސްމިއްޔާތުގައި ޙަވާލުކޮށްފައިވެއެވެ.

ސަރުކާރުގެ މައި ފެން ކުންފުނީގެ ގޮތުގައި އެމް.ޑަބްލިއު.އެސް.ސީ ވުޖޫދުވީ މީގެ 28 އަހަރު ކުރިން، 1 އޭޕްރީލް 1995 ގައެވެ. އެކުންފުނީގައި މިވަގުތު 1200 އަށްވުރެ ގިނަ މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.