ޚަބަރު

ޖޫރިމަނާ ފައިސާ 3 އަހަރުން ދެއްކެވުމަށް އަދީބު އެއްބަސްވެވަޑައިގެންފި


ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ތެރެއިން ނުދައްކަވައި އޮތް އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ 3 އަހަރަށް ބަހާލައިގެން ދެއްކެވުމަށް ބަންޑާރަ ނައިބްގެ އޮފީހުން ހުށަހެޅި ހުށަހެޅުއްވުން އަދީބު ޤަބޫލުކުރައްވައިފިއެވެ.

އަދީބުގެ މައްޗަށް 2 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް އިއްވާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނައި ގުޅިގެންނެވެ.

މި މައްސަލައިގައި ޢަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ޙުކުމެއް އިއްވައި 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ 5 އޮކްޓޫބަރު 2020 ވަނަ އަހަރުއެވެ. އަދި އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ޙުކުމުގައިވެއެވެ. މިފައިސާގެ ތެރެއިން އަދީބު ނުދައްކަވައި އޮތް އެއް މިލިއަން ރުފިޔާ ހޯއްދެވުމަށް ބަންޑާރަ ނައިބްގެ އޮފީހުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ އޮފީހުން ހުށަހެޅުއްވީ ދެލައްކަ ރުފިޔާ ދެއްކެވުމަށްފަހު 8 ލައްކަ ރުފިޔާ 3 އަހަރަށް ބަހާލައިގެން ދެއްކެވުމަށެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅުއްވި މި ހުށަހެޅުއްވުމަށް އަދީބު އެއްބަސްވީ ބުދަ ދުވަހު ސިލްކޯޓުގައި ބޭއްވި އަޑު އެހުމުގައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ޢަދީބުގެ މައްޗަށް ދައުލަތުން އުފުލި ދަޢުވާތަކުގެ ތެރޭގައި ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދަޢުވާއާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދެ ދަޢުވާއާއި މަނީލޯންޑަރކުރުމުގެ ދެ ދަޢުވާގެ އިތުރުން، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ ހިމެނޭހެން ޖުމްލަ 7 ދަޢުވާއެކެވެ.

މިހުރިހާ ދަޢުވާއަކަށް އަދީބުގެ މައްޗަށްވަނީ 20 އަހަރުގެ ޖަލު ޙުކުމް އިއްވާފައެވެ. އަދީބާ ދެކޮޅަށް ދައުލަތުން އުފުލި 7 ދަޢުވާއާއި ގުޅިގެން ދައުލަތާއި އަދީބާ ދެމެދު އިޢުތިރާފްގެ އެއްބަސްވުމެއް ޤާއިމްކުރުމުން އަދީބު ވަނީ ހުރިހާ ދައުވާތަކަށް ކޯޓުގައި އެއްބަސްވެފައެވެ.

އަދީބު ޖަލަށް ލާން ހުކުމް ކުރިނަމަވެސް، ބަލި ޙާލަތަށް ރިޔާޢަތްކުރައްވާ ގޭބަންދަށް އޭނާ ވަނީ ބަދަލުކުރައްވާފައެވެ.