ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައީސް ފ. އަތޮޅަށް ވަޑައިގަންނަވަނީ


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ފ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި، އަންނަ ހޮނިހިރު ދުވަހު ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ އޮފީހުގެ ތަރުޖަމާނު މިޢްވާން މުޙައްމަދު ވިދާޅުވީ، ފ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި، ފ. ނިލަންދޫ، ދަރަނބޫދޫ، މަގޫދޫ، ފީއަލި، އަދި ބިލެތްދުއަށް އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެ ރަށްތަކުގައި ސަރުކާރުން ހިންގާ ބައެއް މަޝްރޫޢުތައް ނިންމާ އެ ޚިދުމަތް އިފްތިތާޙުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ރަށެއްގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާވެސް ރައީސް ބައްދަލުކުރައްވާނެއެވެ.

"މި ބައްދަލުވުންތަކުގައި ރަށްރަށުގެ ޙާލަތު ސީދާ ރައީސްއަށް ކައުންސިލުތައް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ" މިޢްވާން ވިދާޅުވިއެވެ.

މިޢްވާން ވިދާޅުވީ، މި ދަތުރުފުޅުގައި، އެ ރަށްރަށުގެ ރައްޔިތުންނާވެސް ރައީސް ބައްދަލުކުރައްވާނެއެވެ. ރައީސް، ފ. އަތޮޅުގެ 5 ރަށަކަށް ކުރައްވާ މި ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ.