ކުޅިވަރު

ބެޓަރ އިން ބާ: ފަސޭހަ މޮޅަކާއެކު އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ގޮއިދުއަށް


ބ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ދަރަވަންދޫގައި ކުރިއަށްގެންދިޔަ "ބެޓަރ އިން ބާ" ފުޓްސަލް ފިއެސްޓާގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ގޮއިދޫން ހޯދައިފިއެވެ.

ދަރަވަންދޫ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މި މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

ގޮއިދޫން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މުބާރާތް ބޭއްވި ދަރަވަންދޫއާ ބަދައްލުކޮށް 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. ގޮއިދޫން ކޮންޓްރޯލްކޮށްގެން ކުޅުނު މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މައިޝާ އަބްދުލް ހަންނާނާއި، ފިރުޝާނާ ނަސީރުގެ އިތުރުން ޝާނިޔާ އަޙްމަދު ނިޒާމެވެ. މީގެ ތެރެއިން މައިޝާ ވަނީ މި މެޗުގައި ގޮއިދުއަށް ދެ ހެޓްރިކް ހަދައިދީފައެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ގޮއިދޫގެ މައިޝާ އަބްދުލް ހަންނާނާއި، އެ ޓީމުގެ ފިރުޝާނާ ނަސީރާއި، ދަރަވަންދޫގެ އާމިނަތު މައިހާގެ އިތުރުން އެ ޓީމުގެ ގޯލްކީޕަރު ސަޖުވާ އިބްރާޙީމް ވަހީދު އަދި މާޅޮހުގެ ރަފާ އަޙްމަދެވެ. އަދި އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ހިތާދޫ ޓީމުގެ ސިޔާދާ އުސްމާނެވެ.

މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ގޮއިދޫ ޓީމަށް 18 ލަނޑު ޖަހައިދިން މައިޝާއެވެ. އަދި އަންހެން ޑިވިޝަނުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ގޮއިދޫ ޓީމެވެ.

ޗެމްޕިއަން ޓީމަށާ ރަނަރަޕް ޓީމުތަކަށް ފައިސާގެ އިނާމާ މެޑެލް އަދި ޓްރޮފީ ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ޗެމްޕިއަން ޓީމަށް ފަންސާސް ހާސް ރުފިޔާ ދީފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ ފަންސަވީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.