ޚަބަރު

ހއ.އަތޮޅު 9 ރަށެއްގައި ތަޢުލީމީ ދާއިރާއިން 15 މަޝްރޫޢު


2005ވަނަ އަހަރާ ހަމައަށްވެސް ރާއްޖޭގެ ގިނަ ސްކޫލްތަކުގައި ތަޢުލީމުދެމުން އައީ ޕްރައިމަރީ ގްރޭޑްތަކާ ހަމައަށެވެ. ނަމަވެސް ވޭތުވެދިޔަ 20 އަހަރު ކުރެވުނު މަސައްކަތުން، މިހާރު ނިސްބަތުން ހުރިހާ ރަށެއްގައިހެން ސާނަވީ ގްރޭޑްތަކާ ހަމައަށް ކިޔަވައިދެއެވެ.

އަދި އަމިއްލަ ރަށުގައި ތިބެގެން މަތީ ގްރޭޑްތަކަށް ކިޔެވުމުގެ ފުރުޞަތާއެކު، ކިޔެވުމަށް ރަށުން ބޭރަށް ދާ ކުދިންގެ އަދަދު މަދުވެ، އަމިއްލަ ރަށުގައި ކުދިން ކިޔަވަންފެށިއެވެ. މިއާއެކު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ، ޖާގައިގެ ދަތިކަމެވެ.

ގިނަ ސްކޫލްތަކުގައި އަދިވެސް ކިޔަވައިދެނީ ދެ ދަންފަޅިއަށެވެ. ސްކޫލްތަކުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރުމަށް ސަރުކާރުން މަސައްކަތްކުރެއްވި ނަމަވެސް، އެކަމަށް ބޭނުންވާ ޖާގަ ގިނަ ސްކޫލްތަކުގައި ނެތެވެ. އަދި މުޤައްރަރަށް ގެނައި ބަދަލުތަކާއެކު، ސްކޫލްތަކުގައި ގިނަ ޙަރަކާތްތަކެއް ވެސް ވަނީ ހިމަނައިފައެވެ. ސްކޫލްތަކުގައި ލައިބްރަރީ ހެދުމާއި، ލެބޯޓްރީތަކާއި އަދި ކޮމްޕިއުޓަރ ލެބާއި، އެކިކަހަލަ ޙަރަކާތް ހިންގޭ ހޯލުތަކަކީ ކޮންމެހެން ހުންނަންޖެހޭ ތަންތަނެވެ. މިކަމަށްވެސް އޮތް ހުރަހަކީ ސްކޫލްތަކުގައި އެކަށީގެންވާ ޖާގަ ނެތުމެވެ. ކްލާސްރޫމްތަކުގައި، ޕަރޓިޝަންޖަހާ ކްލާސްތައް ބަހައިގެން ކިޔަވައިދޭ ސްކޫލްތައް އަދިވެސް އެބަހުއްޓެވެ. އަދި ސްކޫލް ހޯލު ތިން ހަތަރު ބަޔަށް ބަހައިގެން ކްލާސް ހަދައިގެންވެސް ކިޔަވައިދެއެވެ.

ތަޢުލީމީ ދާއިރާއިން މި ސަރުކާރުން ފައްޓަވާފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ، ސްކޫލްތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ޤާއިމުކޮށްދެއްވާ، އެއް ދަންފަޅިއަށް ސްކޫލްތައް ބަދަލުކޮށް ދަރިވަރުންނަށް ފުރިހަމަ ތަޢުލީމުގެ ނިޒާމެއް ފައްކާކޮށްދެއްވުމެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި، ސްކޫލްތައް އިތުރަށް ތަރައްޤީކުރުމުގެ ގިނަ މަސައްކަތްތައް ދަނީ ހިންގަމުންނެވެ. އެގޮތުން މާލެއާއި ރާއްޖޭގެ 20 އަތޮޅު ހިމެނޭހެން 243 މަޝްރޫޢުގެ މަސައްކަތް މިދާއިރާއިން ކުރިއަށްދެއެވެ.

އެގޮތުން އެއްމެ ގިނަ މަޝްރޫއުތައް ކުރިއަށްދާ 7 އަތޮޅުގެތެރެއިން އެއް އަތޮޅަކީ ހއ.އަތޮޅެވެ. އެއަތޮޅުގައި ޖުމްލަ 15 މަޝްރޫޢެއް ހިންގުމަށްވަނީ ކަނޑައަޅުއްވާފައެވެ. މީގެތެރޭގައި ބައެއް މަސައްކަތްތައް ނިމި، މިހާރު އަންނަނީ އެ ތަންތަން ކިޔަވައިދިނުމުގައި ބޭނުންކުރަމުންނެވެ. 14 ރަށް ހިމެނޭ، އެ އަތޮޅުގެ 9 ރަށުގައި ތަޢުލީމީ ދާއިރާއިން ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދެއެވެ.

ތަޢުލީމީ ދާއިރާއިން ހއ.އަތޮޅުގައި ކުރިއަށްދާ މަޝްރޫޢުތައް:

  • * ހއ.ތުރާކުނު: 2 ކްލާސްރޫމް، ފާޚާނާ، ލައިބްރަރީ، އޮފީސް ޢިމާރާތް
  • * ހއ.އުލިގަމު: 8 ކްލާސްރޫމް، ސައިންސް ލެބް، އޭވީރޫމް، ވަށާފާރު
  • * ހއ.ކެލާ: 3ބުރި ޢިމާރާތް، ޝައިޚް އިބްރާޙީމް ސްކޫލް ހޯލް އަދި ކްލާސްރޫމް
  • * ހއ.ފިއްލަދޫ: ސްކޫލް ހޯލް
  • * ހއ.އުތީމު: 4 ކްލާސްރޫމް / ނިމި ވަނީ ބޭނުންކުރަން ފަށާފައި
  • * ހއ.މޮޅަދޫ: 3 ކްލާސްރޫމް
  • * ހއ.އިހަވަންދޫ: 4 ފަންގިފިލާގެ އިމާރާތް، މަލްޓިޕަރޕަސް ހޯލް
  • * ހއ.ދިއްދޫ އަތޮޅު ތަޢުލީމީ މަރުކަޒު: އޮފީސް، 12 ކްލާސްރޫމް ޢިމާރާތް
  • * ހއ.މާރަންދޫ: 2 ފަންގިފިލާގެ ޢިމާރާތް

2023 ވަނަ އަހަރުގެ ބަޖެޓުގައި ތަޢުލީމީ ދާއިރާގެ، އިމާރާތާއި ވަސީލަތްތައް ޤާއިމްކުރުމަށްޓަކައި 142 ރަށެއްގައި، 195 މަޝްރޫޢެއް ހިންގުމަށް ބަޖެޓްކޮށްފައިވެއެވެ. ކޮންމެއަހަރަކުވެސް ސަރުކާރުން އަންނަނީ ތަޢުލީމީ ދާއިރާއިން ބޮޑު ބަޖެޓެއް ކަނޑައަޅާ މަސައްކަތްތައް ކުރިއަށްގެންދަމުންނެވެ.