ޚަބަރު

ތިމާވެށީގެ ދިރާސާތަކަށް ޚާއްޞަކޮށްގެން ބަނދެފައިވާ އުޅަނދު މިމަހު ރާއްޖެ ގެންނަނީ


ރާއްޖޭގެ ތިމާވެއްޓާއި ގުޅުންހުރި ދިރާސާތަކުގެ މަސައްކަތްތަކަށް ޚާއްޞަކޮށްގެން ބަންނަ އުޅަނދުގެ މަސައްކަތް ނިމި، ރާއްޖެ ގެނައުމުގެ މަސައްކަތް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ފަށްޓަވައިފިއެވެ.

"ތިމާވެށި" ނަން ދީފައިވާ މި އުޅަނދަކީ ކަޓަމަރައިން ޑިޒައިނަށް ފައިބަރުން ބަނދެފައިވާ 100 ފޫޓްގެ އުޅަނދެކެވެ. މި އުޅަނދަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ކުރިއަށްދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުން ހަރަދުކޮށްގެން އިންޓަނޭޝަނަލް ބިޑިންގެ އުސޫލުން ބީލަން ކާމިޔާބުކުރި އިންޑިޔާގެ ކުންފުންޏެއް ކަމުގައިވާ ވިޖޭ މެރައިން ޝިޕްޔާޑާއި ހަވާލުކޮށްގެން ބަނދެފައިވާ އުޅަނދެކެވެ. މި އުޅަނދު ބޭނުންކުރާނީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ކުރިއަށްގެންދާ ދިރާސާ މަސައްކަތްތަކަށެވެ.

މި އުޅަނދުގެ ޢަމަލީ މަސައްކަތްނިމި އިންސްޕެކްޝަން އަދި ސީ ޓްރައިލްގެ މަސައްކަތް އީޕީއޭ އަދި އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒިފުން ހިމެނޭ ޓީމަކުން ވަނީ އިންޑިޔާގެ ގޯއާގައި ކުރިއަށް ގެންގޮސްފައެވެ.

އީޕީއޭއިން ވިދާޅުވީ، ތިމާވެށީގެ ދާއިރާއިން ފަންނީ އަދި އިލްމީ ދިރާސާތަކުގެ ބޭނުންކުރުމުގެ މަޤްޞަދުގައި ބަނދެފައިވާ އެ އުޅަނދު ހަރަކާތްތެރިވާނީ ރާއްޖޭގެ ކަނޑުތަކުގައިކަމަށެވެ.

މި އުޅަނދުގެ މެއިން ޑެކްގައި 3 މީހުންގެ ޖާގައިގެ 2 ކޮޓަރި، ފާޚާނާއާއެކު އަދި ކާތަނެއްގެ އިތުރުން ބަނދިގެއެއްވެސް ހިމެނޭކަމަށް އީޕީއޭއިން ވިދާޅުވިއެވެ. މި ޑެކްގައި މަސައްކަތަށް ޚާއްސަކުރެވިފައިވާ ޖާގައިގެ އިތުރަށް ވެޓްލެބް, ޑްރައި ލެބް, އަދި ޑައިވިން ކޮމްޕްރެސަރ ރޫމެއްވެސް ހިމެނޭކަމަށް އީޕީއޭއިން ވިދާޅުވިއެވެ.

މީގެ އިތުރުން މަތީ ޑެކްގައި ވީލް ހައުސްގެ އިތުރަށް މާސްޓަރ އަދި އިންޖިނިއަރ އަށް ހާއްސަ ރޫމަކާއި އިތުރު 4 މީހުންގެ ޖާގައިގެ 3ކޮޓަރި ހިމެނޭކަމަށާއި، މި އުޅަނދާއެކު އިމަރޖޭންސީގައި ބޭނުންކުރުމަށް ހާއްސަ ޑިންގީއެއްވެސް ހިމެނޭކަމަށް އީޕީއޭއިން ވިދާޅުވިއެވެ.


އުޅަނދުގެ ފަޅުވެރިންގެގޮތުގައި މަސައްކަތްކުރާނެ ފަރާތްތައް ހޯދުމަށް އީޕީއޭއިން މިހާރު އަންނަނީ މަސައްކަތްކުރައްވަމުންނެވެ.

މި އުޅަނދު ދިވެހި ސަރުކާރާއި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އިންސްޕެކްޝަން އަދި ޓްރަޔަލްގެ މަސައްކަތްނިމި ރާއްޖެ ގެނެސް އެކަމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިވަގުތު ބޯޓް އޮތީ ކޮންޓްރެކްޓަރކަމަށްވާ ވިޖޭ މެރައިން ގެ ބެލުމުގެ ދަށުގައެވެ.

މި އުޅަނދު މިމަހުގެ ފަހުކޮޅު ރާއްޖެ ގެނެވޭނެކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއެވެ.