ޚަބަރު

ޒުވާނުންގެ ބައިވެރިވުމާއެކު "ބައޯޑައިވަރސިޓީ ނެޓްވަރކް" އުފައްދައިފި


ދުނިޔޭގައި ނެތެމުންދާ މާހައުލީ ނިޒާމުތައް އަލުން އިއާދަކުރުމަށް ބާރުއެޅުމަށް މަސައްކަތް ކުރާނެ ޒުވާނުން އުފައްދައި، އެ ޒުވަނުންނަށް އަޑުއުފުލުމުގެ ފުރުސަތު މިހާރަށްވުރެ ފުޅާކޮށް ދޭންޖެހޭކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެނޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ބަޔޯޑައިވަރސިޓީ ދުވަހާ ގުޅިގެން ބޭއްވި ޔޫތް ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.

އެނވަޔަރަމަންޓް މިނިސްޓަރ ޝައުނާ ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުފަޅުތަކާއި ރަށްތަކުގެ މުއްސަނދިކަމަކީ ދުނިޔޭގެ ފެންވަރުގައިވެސް ގުނާލެވޭ ކަނޑާއި ފަޅާއި ފަރުގެ މާހައުލުތައް މުއްސަނދި ގައުމެއްކަމަށާއި، ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި ޤައުމުގެ އިޤްތިޞާދުވެސް ބިނާވެފައިވަނީ ދިވެހިންނަށް ލިބިފައިމިވާ ޤުދުރަތީ މުއްސަނދި ވަޞީލަތްތަކުގެ މައްޗަށްކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ، ޒުވާނުންގެ ބައިވެރިވުމާއެކު "ބައޯޑައިވަރސިޓީ ނެޓްވަރކް"އެއް އުފައްދަވާފައެވެ. މިނިސްޓަރ ވިދާޅުވީ މި ނެޓްވާކަކީ ދިރޭތަކެތި ރައްކާތެރިކޮށް ހިމާޔަތްކުރުމުގައި ޒުވާނުން ބާރުވެރިކުރުވައި، ޤައުމީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގައި، ދިރޭތަކެއްޗާއި މާހައުލީ ނިޒާމްތައް ރައްކާތެރިކުރުމުގައި ޒުވާނުން އިސް ދައުރެއް އަދާކުރުމަށް ފުރުޞަތު ދިނުމަށްޓަކައި އެޅުއްވި ފިޔަވަޅެއްކަމަށެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ ދިވެހިރާއްޖޭގައި ޤާއިމުކުރި ޔޫތް ނެޓްވާކުން މަސައްކަތްކުރާނީ، ގްލޯބަލް ނެޓްވާކްއާއިއެކީ ކަމަށްވާތީ މިނެޓްވާކްގައި ބައިވެރިވާ ޒުވާނުންނަށް ކެޕޭސިޓީ ބިލްޑިންގ އެކި ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ތިމާވެށި ޙިމާޔަތްކުރުމުގައި ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ މިހާރަށްވުރެ ފުޅާކޮށް ދައްކަންޖެހޭކަމަށެވެ.

"ޒުވާނުންގެ މިނެޓްވާކް ގެ މަޤްސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ބައޯޑައިވާސިޓީ ނެތިގެންދިއުމަށް ދިމާވާ ކަންތައްތަކަށް ފިޔަވަޅު އެޅުމަށް މަސައްކަތްކުރުން ހިމެނޭ. މިގޮތުން މިހާރު މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގައި ހިމެނޭ ނޭޝަނަލް ބައޯޑައިވާސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން މުރާޖާކުރުމުގައި ޒުވާނުންގެ ޚިޔާލާއި ބައިވެރިވުން މިނެޓްވާކް ބޭނުންކޮށްގެން ކުރެވޭނެ." އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރަށްގިރުމުގެ މައްސަލަތަށް އިތުރުވެފައިވާއިރު، އެކަން ޙައްލުކުރުމަށް ހުށަހަޅާ ކަންކަމަކީ ދެމެހެއްޓެނިވި ކަންކަމަށް ވާންޖެހޭކަމަށެވެ. އަދި ރަށު ފެންވަރުގައި ރަށަށް އަންނަ މާހައުލީ ބަދަލުތައް ގަވާއިދުން ރެކޯޑް ކުރުމަކީ މުހިއްމު ކަމެއްކަމަށާއި، އެފަދަ ޑޭޓާތަކުގެ އަލީގައި ކަންކަން ޕްލޭންކުރަންޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މި ދާއިރާތަކުން ހުނަރުވެރި ޒުވާނުން ކޮންމެ ރަށެއްގައިވެސް ތިބެންވާނެ. އެ ރަށެއްގެ ބިނާވެށީގެ ޕްލޭން ހެދުމާއި، ރަށުގެ ތަރައްޤީއާމެދު ދެމެހެއްޓެނިވި އުސޫލުން ކަންކަން ކުރެވޭނެ ގޮތަކަށް ތަރައްޤީގެ ޕްލޭންތައް އެކުލަވާލެވޭނީ ޒުވާނުން ސިޔާސަތު ކަނޑައަޅާ، ތަންފީޒުކުރާ ފެންވަރަށް ތަމްރީން ކުރެވިގެން." މިނިސްޓަރ ވިދާޅުވިއެވެ.

"ބައޯޑައިވަރސިޓީ ޔޫތް ފޯރަމް"އަކީ ރާއްޖެއަށް ހުރި ތިމާވެށީގެ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ޒުވާނުންނަށް ޚާއްސަކޮށް ބޭއްވި ފޯރަމްއެކެވެ. މި ފޯރަމްގައި ވަނީ ތިމާވެށީގެން މައްސަލަތަކާއި، އެކަންކަމަށް ޙައްލު ހޯދުމަށް ކުރެވޭނެ މަސައްކަތްތަކާއި، އަދި ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދޭނެ ގޮތްތަކަށްވެސް މަޢުލޫމާތު ބަދަލުކޮށްފައެވެ.