ދުނިޔޭގެ ވިޔަފާރި

އެމެރިކާއާއި ޗައިނާގެ ވިޔަފާރީގެ މަޝްވަރާތަކެއް އަންނަ ހަފްތާގައި


އެމެރިކާއާއި ޗައިނާގެ ވިޔަފާރީގެ މަޝްވަރާތަކެއް އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޚަބަރުތައް ބުނެފިއެވެ.

އެމެރިކާގައި ހުންނަ ޗައިނާގެ އެމްބަސީއާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން ޗައިނާއާއި އެމެރިކާގެ މަޝްވަރާތައް އޮންނާނީ ޗައިނާގެ ކޮމާސް މިނިސްޓަރ ވަންގ ވެންޓާއޯ އަންނަ ހަފްތާގައި އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައެވެ.

ޗައިނާގެ ކޮމާސް މިިނިސްޓަރުގެ ދަތުރުފުޅުގައި ބާއްވާ މަޝްވަރާތަކުގައި އެެމެރިކާ ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ އެމެރިކާގެ ކޮމާސް ސެކްރެޓަރީ ގިނާ ރައިމޮންޑާ އާއި ޓްރޭޑް ރެޕްރެޒެންޓޭޓިވް ކެތަރިން ޓައީއެވެ.

މި ބައްދަލުވުމުގައި މުހިއްމު މަޝްވަރާތަކެއް ކުރިއަށްދާނެކަމަށް ބުނެފައިވީނަމަވެސް، އޭގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އެމެރިކާ ސަރުކާރުންވެސް މި ބައްދަލުވުމާއި ގުޅޭގޮތުން ވާހަކަ ދައްކާފައެއް ނުވެއެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދު މިދިޔަ އަހަރުވެސް 760 ބިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައިވެއެވެ. މިއީ މީގެކުރީ އަހަރުތަކާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.

ދެ ޤައުމުގެ މެދުގައި ކުރާ ވިޔަފާރި އިތުރުވިނަމަވެސް، ދެ ޤައުމުން ގުޅުން ގޯސްވަމުންދިއުމަކީ އިންވެސްޓަރުންނަށް އޮތް ވަަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް ޚަބަރުތައް ބުނެއެވެ. މިފަހުން ދެ ޤައުމުގެ ގުޅުން ގޯސްވީ ޗައިނާއިން އެމެރިކާއަށް ޖާސޫސް ކުރަން ފޮނުވިކަމަށް ބުނާ 200 ފޫޓް ދިގު ފުއްޕާހަމެއްގެ މައްސަލައިގައެވެ.