ޚަބަރު

ޖަލުތަކުގައި އަނިޔާކުރުމަކީ މާޒީ، މިހާރު އެފަދަކަމެއް ކުރާ މީހުންނަށް ވަޒީފާގައި ނުތިބެވޭނެ: އިމްރާން


ޖަލުތަކުގައި އަނިޔާވެރި ޢަމަލުތައް ހިންގުމަކީ މާޒީކަމަށާއި، އެއްވެސް މީހަކަށް ޖަލުގައި އަނިޔާކުރާނަމަ އެކަން ކުރާ މީހަކަށް ވަޒީފާގައި ދެމި ނުހުރެވޭނެކަން މިހާރު ކަށަވަރު ވާނެކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޢިމްރާން މިހެން ވިދާޅުވީ، ރާއްޖޭގެ ޖަލުތަކުގައި މީހުންނަށް އަނިޔާކުރުމާއި، އަދި ޖަލަށް ލެވޭ މީހުންނާމެދު ޢަމަލުކުރެއްވުމުގައި ގެންގުޅޭ އުޞޫލުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް ވަޑައިގެން، ޖަލުތަކުގައި ކުރެވޭ އަނިޔާވެރި އަމަލުތައް ހުއްޓުވުމަކީ އެންމެ އިސްކަންދެއްވި އެއްކަންތައް ކަމަށެވެ. ޖަލުތަކުގައި ކުރެވޭ އަނިޔާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިރުޝާދުގެ ދަށުން ހުއްޓުވައިފައިވާނެ ކަމަށާއި އެފަދަ ކުށްތައް ކުރާ އޮފިސަރުންނަށް ވަޒީފާގައި ދެމި ނުތިބެވޭނެކަން މިހާރު ޔަޤީންވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ޔަޤީންކުރަން އިނގޭތޯ ޖަލުގަ މީހަކަށް އަނިޔާކޮށްގެން އެއްވެސް ރިޕޯޓެއް އައިސްސިއްޔާ އަޅުގަނޑު އަމިއްލަޔަށް އެކަން ބަލަން. މިވޭރުވެދިޔަ ހަތަރު އަހަރު ބައިގެ ތެރޭގަ ޖަލުގަ މީހަކަށް އެއްވެސް ގޮތަކަށް އަނިޔާއެއް ކޮށްފި ކަމަށްވާނަމަ، އެކަމެއް އަޅުގަނޑު ހުންނާނީ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް އަދި ބައެއް ކޭސްތައް ސީދާ މީހުނާއި އަޅުގަނޑު ބައްދަލުކޮށްފަ ހުންނާނެ." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ ޖަލުތަކުގައި އަނިޔާވެރި ޢަމަލެއް ހިންގަވާފައިވާ އެއްވެސް އޮފިސަރެއް ވަޒީފާގައި ނުބަހައްޓަވާނެކަމަށް ވަރަށް ސާފުކޮށް ދަންނަވާފައިވާނެ ކަމަށެވެ. އަދި މިހާތަނަށްވެސް އެފަދަ ކަންކަން ކުރައްވާފައިވާ އޮފިސަރުން މަޤާމުތަކުން ވަކި ކުރައްވާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ޖަލުތަކުގެ ޙާލަތު ރަނގަޅު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ޖަލުގައި މިހާރުވެސް ވަރަށް ބޮޑު މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންދަވާކަމަށެވެ. އަދި ޖަލުތަކުގައި ރިހިބިލިޓޭޝަންގެ މަސައްކަތް ކުރިއަށްވުރެ އިސްކަމެއް ދެއްވައިގެން ކުރައްވާކަމަށެވެ.

މި މަސައްކަތުގައި ފުރަތަމަ ފަހަރަށް ޑްރަގު ރިހިބިލިޓޭޝަން ޖަލުގައި ހިންގައި އެއް ބެޗު މިހާރު މުޖުތަމަޢަށް ނެރުއްވައިފައިވާކަން މިނިސްޓަރ ޢިމްރާން ފާހަގަކުރެއްވިއެވެ. އަދި ދެވަނަ ބެޗުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، މި މަސައްކަތާއެކު ޖަލަށްލެވޭ މީހުން އަނބުރާ މުޖުތަމަޢުއަށް ނެރުއްވުމުގައި ބޮޑު އެހީތެރިކަމެއް ލިބިދޭކަމަށެވެ.

ޖަލުތަކުގެ ޙާލަތު ރަނގަޅުކުރެއްވުމަށްޓަކައި ސަރުކާރުން ގެންދަވަނީ ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ޖަލުތަކުގައި މަންޑޭލާ ރޫލްސް ތަޢާރުފްކުރައްވައި، އެރޫލްތަކަށް ދަނީ ޢަމަލު ކުރަމުންނެވެ. މީގެ އިތުރުން ޖަލަށް ވައްދާ މަނާ ތަކެތި އަތުލައިގަނެ، އެފަދަ ކުށްކުރާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅުއްވަމުން ގެންދަވާކަމަށް ވެސް ވިދާޅުވިއެވެ.