ޚަބަރު

"ސިވިލް އިންޖިނިއަރިންގ ޕްރޮގްރާމްތަކުގެ އެކަޑަމިކް ސްޓޭންޑަރޑް" އެކުލަވައިލެއްވުން އެމްއެންޔޫއަށް


"ސިވިލް އިންޖިނިއަރިންގ ޕްރޮގްރާމްތަކުގެ އެކަޑަމިކް ސްޓޭންޑަރޑް" އެކުލަވައިލެއްވުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރުން ދިވެހިރާއްޖޭގެ ޤަޢުމީ ޔުނިވަރސިޓީއާ ޙަވާލުކުރައްވައިފިއެވެ. އަދި މިކަމާގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ.

މި އެއްބަސްވުމަކީ ޢިމާރާތްކުރުމުގެ ދާއިރާގެ ޤާނޫނުގެ ދަށުން އެކުލަވައިލައްވައިފައިވާ ޤަވާޢިދާ އެއްގޮތަށް ރާއްޖޭގައި ހިނގާ އިމާރާތް ކުރުމުގެ ދާއިރާގެ ޓެކްނިކަލް ކޯސްތަކުގެ މިންގަނޑު އެކުލަވައިލެއްވުމަށް ވެވުނު އެއްބަސްވުމެކެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވެވި މި އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމިނިސްޓްރީގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމެންޓް ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޠަލްޙަތު ވިދާޅުވީ ދަރިވަރުން އުފެއްދުމާއި ފެންވަރު ރަނގަޅު ދަރިވަރުން މިދާއިރާއަށް ނުކުތުމުގެ އެންމެ ބޮޑު އެހީއަކަށް ވަނީ ފެންވަރު ރަނގަޅު ޕްރޮގްރާމްތަކެއް ހިންގުމެވެ.

އަދި ހިންގޭ ޕްރޮގްރާމްތަކަކީ މިނިސްޓްރީގެ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމްތަކަށް ހެއްދެވުމަކީ ވެސް މުހިންމުކަމެއް ކަމަށެވެ. ޠަލްޙަތު ވިދާޅުވީ މިއީ އަދި ފެށުމެއްކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރު ދާއިރާތަކުން މި ފަދަ ޕްރޮޖެކްޓްތައް ހިންގެވުމަށް ނިންމަވައިފައިވާ ކަމަށެވެ.

" މިއީ ސްޓޭންޑާޑް ކަނޑައެޅުމުގައި ފެށުމެއް ހަމަމީ. ދެން އެގޮތުން ސިވިލް އިންޖިނިއަރިން ފެއްޓިކަމުގައި ވީނަމަވެސް ކުރިމަގުގައި އަޅުގަނޑުމެން އާކިޓެކްޗަރ ދާއިރާއާއި ކޮންސްޓްރަކްޝަން މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ސްޓޭންޑާޑްތައް ވަރަށް އަވަސް ފުރުސަތެއްގައި ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ދާނެ" ތަލްހަތު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މިކަމުގެ ސަބަބުން ކޯސްތަކުގެ ފެންވަރު މަތިކުރެއްވުމަށާއި، ފެންވަރު ހިފެހެއްޓެވުމަށް އެމްއެންޔޫއިން ކުރައްވާ މަސައްކަތަށް އިތުރު ބާރެއް ލިބޭނެ ކަމަށެވެ. ޝަރީފް ވިދާޅުވީ މި މަސައްކަތުގެ ދަށުން ސްޓޭންޑަރޑް ކަނޑައެޅުއްވުމާއި ޑްރާފްޓް ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާނީ ދާއިރާގެ ތަޖުރިބާ ހުރި ބޭފުޅުންގެ ބައިވެރިވެވަޑައިގަތުމާ އެކުގައި ކަމަށެއެވެ.

" އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި ދާއިރާގެ މީހުންނާއި ތައުލީމީ ދާއިރާގައި ފެންވަރު ހިފެހެއްޓުމަށް މަސައްކަތް ކުރާ މީހުންނާއި ކަރިކިއުލަމް އުފެއްދުމުގައި މަސައްކަތް ކުރާ މީހުންނާއި. އެހެންވީމަ އެހުރިހާ އެންމެން ބައިވެރިވެގެން ޔުނިވަރސިޓީން މިކަން ކުރަން ނިންމާފައި މިއޮތީ" ޝަރީފް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން މައިގަނޑު ގޮތެއްގައި ކުރެއްވުމަށް ހަމަޖެހިފައިވަނީ ޑިޕްލޮމާ، އެޑްވާންސް ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގައި ދިވެހިރާއްޖޭގައި ހިންގާ ސިވިލް އިންޖިނިއަރިންގ ޕްރޮގްރާމްތަކުގެ މިންގަނޑު އެކުލަވާލެއްވުމުގެ މަސައްކަތް ކަމަށް ޕްލޭނިން މިނިސްޓްރީން ހާމަކުރައްވައެވެ.

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޠަލްޙަތެވެ. ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޝަރީފެވެ.

ޕްލޭނިންގ މިނިސްޓްރީ އާއި ޤައުމީ ޔުނިވަރސިޓީއާ ދެމެދު ވެވުނު މިއެއްބަސްވުމުގެ މުއްދަތަކީ އެއް މަހާއި 4 ހަފްތާއެވެ. މި އެއްބަސްވުމަށް ކަނޑައަޅުއްވައިފައިވަނީ 387،000 (ތިންލައްކަ އައްޑިހަ ހަތްހާސް ރުފިޔާ)އެވެ.