ޚަބަރު

ދާންދޫ ޕޮލިސް ސްޓޭޝަނަށް ޙާޟިރުކުރި މީހަކު ފިލައިފި


ގއ. ދާންދޫ ޕޮލިސް ސްޓޭޝަނަށް ޙާޟިރުކުރި މީހަކު ފިލައިފިއެވެ.

ފުލުހުން ވިދާޅުވީ، ދާންދޫ ޕޮލިސް ސްޓޭޝަނަށް ޙާޟިރުކޮށްފައި ހުއްޓާ ފިލާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ދާންދޫ ޕޮލިސް ސްޓޭޝަނަށް ރޭ ޙާޟިރުކުރި މީހެއްކަމަށެވެ. އަދި އޭނާ ފިލާފައިވަނީ ރޭ ދަންވަރު 12:57 ހާއިރުކަމަށެވެ. ނަމަވެސް މި މައްސަލައިގައި ހޯދަމުންދާ މީހާއާ ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ހާމަކުރައްވައިފައެއް ނުވެއެވެ.

ދާންދޫ ޕޮލިސް ސްޓޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލި މައްސަލައެއް ބަލަމުންދާއިރު، މިމަހުގެ ކުރީކޮޅު އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުގައި ފުލުހުންގެ ބަންދުގައި ހުރި މީހަކުވެސް ވަނީ ފިލާފައެވެ. އަދި އޭނާ ހޯދާފައިވަނީ ރަސްދު އާއި ކައިރީގައި އޮންނަ ރަށެއްގެ ފަޅުތެރެއިންނެވެ. އޭނާއަކީ މަސްތުވާތެކީގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި މީހެކެވެ.