ވިޔަފާރި

ޗައިނާ މާކެޓް: 4 މަސްދުވަހުން 40،000 ފަތުރުވެރިން


ޗައިނާއަކީ ރާއްޖެގެ ފަތުރުވެރިކަމުގައި ގަދަ ނަމެކެވެ. އެ ޤައުމުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ އަބަދުވެސް މަޤުބޫލު މަންޒިލެކެވެ.

ޗައިނާ މާކެޓަކީ 2020 ވަނަ އަހަރުގެ ކުރިން ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރި މާކެޓެވެ. 2019 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް 284،029 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ޗައިނާގެ ބޯޑަރުތައް ބަންދުކުރުމުން ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު ވަރަށް ބޮޑަށް ދަށްވިއެވެ. ނަމަވެސް އެއިރުވެސް ޗައިނާގެ ފަތުރުވެރިން ތިބީ ރާއްޖެ އަންނަން ބޭނުންވެފައެވެ.

ޗައިނާގެ ބޯޑަރުތައް އަލުން ހުޅުވާ، ރާއްޖެއަށް ޗައިނާ ފަތުރުވެރިން އަލުން އަންނަން ފެށީ މިދިޔަ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އަލުން ދަތުރު ފަށައި 4 މަހުގެ ތެރޭގައި ޗައިނާ މިވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ޤައުމުގެ ތެރޭގައި ހިމެނިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ޗައިނާވެފައިވަނީ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމަށެވެ. ޗައިނާއިން ރާއްޖެއަށް ދަތުރު ފެށިތާ މިވީ އެންމެ 4 މަސްދުވަހެވެ. މި މުއްދަތުގައި ޗައިނާއިން ރާއްޖެއަށް 40،002 ފަތުރުވެރިން ވަނީ އައިސްފައެވެ.

ޗައިނާއިން ރާއްޖެއަށް އަލުން ދަތުރު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވެފައިވަނީ ޗައިނާ މާކެޓާއިއެކު މިއަހަރު ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް އަމާޒުހިފާފައިވާ ޢަދަދަށްވުރެ %10 އިތުރުވެގެންދާނެކަމަށެވެ.

މިހާރު ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތަށް ބަލާއިރު، އަހަރު ނިމުމުގެ ކުރިން ޗައިނާ މާކެޓް ރާއްޖޭގެ ގަދަ 1 އަށް އެރުމަކީ އެކަށީގެންވާ ކަމެކެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 757،992 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ 2022 މިދިޔަ އަހަރާއި އަޅާބަލާއިރު %27.1 ކުރިއެރުމެކެވެ.

އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމުތައް:

• ރަޝިއާ - 89،408 ފަތުރުވެރިން
• އިންޑިއާ - 84،903 ފަތުރުވެރިން
• އިނގިރޭސިވިލާތް - 69،920 ފަތުރުވެރިން
• އިޓަލީ - 58،906 ފަތުރުވެރިން
• ޖަރުމަނުވިލާތް - 55،569 ފަތުރުވެރިން
• ޗައިނާ - 40،002 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5533 ފަތުރުވެރިން އާދެއެވެ. އަދި ނިމުނު 4 މަސްދުވަހުވެސް ރާއްޖެއަށް 150،000 އަށްވުރެ ގިނަ ފަތުރުވެރިން ކޮންމެ މަހަކުވެސް ވަނީ އައިސްފައެވެ. ރާއްޖެ އަންނަ ފަތުރުވެރިން އެވްރެޖްކޮށް ރާއްޖޭގައި 7.8 ދުވަހުގެ ޗުއްޓީއެއް ހޭދަކުރާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.