ޚަބަރު

ޙަމަލާއިން ސަލާމަތްވުމަށް މަސައްކަތް ކުރި ފުލުހަށް ސީޕީގެ ތަޢުރީފު


ފުލުހަކަށް އަނިޔާކުރި މައްސަލައިގައި، އެ ޙަމަލާއިން ސަލާމަތްވުމަށް މަސައްކަތް ކުރި ފުލުހަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ތަޢުރީފުކުރައްވައިފިއެވެ.

މިކަމާގުޅިގެން ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި މާރާމާރީގެ ވީޑިއޯ ފުޓޭޖް ބައްލަވާފައިވާކަމަށެވެ. ހަމަލާދިން މީހުންގެ ކިބައިން ސަލާމަތްވުމަށް ގަލޮޅު ޕޮލިސް ސްޓޭޝަންގެ ސާޖަންޓް ދެއްކި ހިތްވަރާއި ސާބިތުކަމަށް ސީޕީ ވަނީ ތަޢުރީފުކުރައްވާފައެވެ. އަދި މިކަމުގައި ބައިވެރިވި މީހުން ހައްޔަރުކުރުމުގައި ހުޅުމާލޭގެ ފުލުހުން ކުރި އަވަސް މަސައްކަތަށްވެސް ސީޕީ މަރުޚަބާ ވިދާޅުވިއެވެ.

ސީޕީގެ ޓުވީޓުގައި ފުލުސް މީހާއަށް ހަމަލާ ދިނުމުގައި ބައިވެރިވެފައިވަނީ އެންމެންވެސް ދަންނަ ގޭންގެއްކަން ފާހަގަކުރެއްވިއެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްޞީލެއް ދެއްވާފައެއްނުވެއެވެ.


ހުޅުމާލޭގައި ގްރޫޕަކުން ޙަމަލާދިން ފުލުސް މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެވެ. މި މައްސަލައާ ގުޅިގެން 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަވައި، މައްސަލަ ތަޙްޤީޤު ކުރައްވަމުން ގެންދަވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ގޭންގު މާރާމާރީތައް ހުއްޓުވުމަށް ފުލުހުންގެ ޚާއްޞަ ޑިޕާޓްމެންޓެއް އުފައްދަވައި މަސައްކަތްތަކެއް ކުރައްވަމުންދާކަން ސީޕީ ހަމީދު ހާމަކުރައްވާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައެވެ.