ޚަބަރު

ފޮރިން މިނިސްޓްރީން ކުރައްވަމުން ގެންދަވަނީ އަގުހުރި ޚިދުމަތްތަކެއް: ރައީސް މައުމޫން


ފޮރިން މިނިސްޓަރާއި އެމިނިސްޓްރީގެ މުވައްޒަފުން ދިވެހި ސަރުކާރާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވަނީ އަގުހުރި ޚިދުމަތްތަކެއް ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ އެމިނިސްޓްރީއަށް ކުރެއްވި ޒިޔާރަތުގައި އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވަމުންނެވެ.

ރައީސް މައުމޫން ފޮރިން މިނިސްޓްރީއަށް ޒިޔާރަތް ކުރެއްވީ ސަރުކާރަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި އަލްމަރުހޫމާ ޢާބިދާ އަޙްމަދުގެ ހަނދާނުގައި ފޮރިން މިނިސްޓްރީގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރެއްވުމަށެވެ.

ރައީސް މައުމޫނު ވިދާޅުވީ ޢިމާރާތުގެ ރީތިކަމަށްވުރެ މުހިއްމީ ޢިމާރާތުގައި މަސައްކަތްކުރައްވާ މިނިސްޓަރާއި އެންމެހައި މުވައްޒަފުން ދިވެހި ސަރުކާރާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ އަގުހުރި ޚިދުމަތް ކަމަށެވެ. އަދި އެމަނިކުފާނު ވަނީ މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށް ތަހުނިޔާ ދަންނަވައި މުބާރަކުބާދީ އަދާކުރައްވައިފައެވެ.


ރައީސް މައުމޫން ފޮރިން މިނިސްޓްރީއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، ޢަބްދުﷲ ޝާހިދާއި ފޮރިން މިނިސްޓްރީގެ އިސްވެރިންނެވެ.

ރައީސް މައުމޫނުގެ މިޒިޔާރަތުގައި ވަނީ ފޮރިން މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ. އަދި އަލްމަރުޙޫމާ ޢާބިދާ އަޙުމަދު ނިޔާވުމާ ގުޅިގެން މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށް އެމަނިކުފާނު ތަޢުޒިޔާ ވިދާޅުވިއެވެ