ޚަބަރު

ޖަވާބުދާރީވެވަޑައިގަތުމަށް މިނިސްޓަރ ޝާހިދަށް 14 ދުވަހުގެ ނޯޓިސް ދެއްވައިފި


ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވެ ވަޑައިގެންނެވުމަށް 14 ދުވަހުގެ ނޯޓިސް ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބް ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ މިނިސްޓަރ ޝާހިދުގެ އިތުބާރުނެތްކަމުގެ މައްސަލަ މިމަހުގެ 18 ވަނަ ދުވަހު 13 މެމްބަރަކު ސޮޔާއެކު، މަޖިލީހަށް ހުށަހަޅުއްވައިފައިވާ ކަމަށެވެ. މިނިސްޓަރ ޝާހިދަށް މި މައްސަލާގައި 14 ދުވަހުގެ ނޯޓިސް މިމަހުގެ 21 ވަނަ ދުވަހު މަޖިލީހުން ފޮނުވާފައިވާ ކަމަށް މަޖިލީހުގެ ނައިބް ރައީސް ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާއިރު، ބަންޑާރަ ނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ވަނީ ހުށަހަޅުއްވައިފައެވެ. މިދެ މައްސަލަ ވެސް މަޖިލީހަށް ހުށަހަޅުއްވައިފައިވަނީ އިދިކޮޅު ޕީޕީއެމް، ޕީއެންސީއާއި، ޖުމްހޫރީ ޕާޓީއާއި، އެމްއެންޕީ އާއި ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންގެ ތާއީދާ ވެސް އެކުގައެވެ.

މި ދެ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަވައިފައިވަނީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ޚިޔާލުތަފާތުވި ކަނޑުގެ ސަރަހައްދު ބެހުމުގައި ބަންޑާރަ ނާއިބްގެ ހައިސިއްޔަތުންނާއި ފޮރިން މިނިސްޓަރު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ޒިންމާ އާއި މަސްއޫލިއްޔަތު އެންމެ ފުރިހަަމައަށް އަދާކުރައްވާފައި ނެތްކަމަށް ތުހުމަތުކުރައްވައެވެ.

މިނިސްޓަރ ޝާހިދާއި، ބަންޑާރަ ނާއިބް އިބްރާހީމް ރިފްޢަތުގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަވައިފައިވާއިރު، އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއީލް ވިދާޅުވީ މިސަރުކާރުގެ އެއްވެސް ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގައި ކާމިޔާބުވިޔަ ނުދެއްވާނެ ކަމަށެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދޭނީ މަދުވެގެން 10 މެންބަރުންގެ ސޮޔާ އެކުއެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހުގެ 43 މެމްބަރުންގެ އަޣްލަބިއްޔަތު ބޭނުންވާއިރު އިދިކޮޅު ފަރާތްތަކަށް އޮތީ 29 މެންބަރުންގެ ތާއީދެވެ.