ޚަބަރު

ކުޅިވަރާއި ތަޢުލީމުގެ ދާއިރާއިން ޗައިނާގެ ޔުނާން ޕްރޮވިންސާއެކު ދެ އެއްބަސްވުމެއް


ތަޢުލީމާއި ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ދިނުމަށް ޗައިނާގެ ޔުނާން ޕްރޮވިންސްއާއެކު ދެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ، ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވަންގް ޔުބޯ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ޔުނާން ޕްރޮވިސާއެކު ރާއްޖެއިން ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ޔުނާން ޕްރޮވިންސްގެ ސްޕޯޓްސް އެޑްމިނިސްޓްރޭޝަނާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު ކުޅިވަރުގެ ދާއިރާއިން އެހީތެރިކަން ދިނުން ހިމެނެއެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަލީ ރަޝީދެވެ.

ދެވަނައަށް ސޮއިކުރެއްވި އެއްބަސްވުމަކީ ޗައިނާގެ ޔުނާން ޕްރިވިންސްގެ އޯޕަން ޔުނިވާސިޓީ އާއި، ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާ ދެމެދު ސޮއިކުރެއްވި އެއްބަސްވުމެވެ. މިއީ މަތީ ތަޢުލީމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެކެވެ. މި އެއްބްސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.މުޙައްމަދު ޝަރީފެވެ.

ޗައިނާގެ ޔުނާނސް ޕްރޮވިންސްގެ ގަވަރުނަރުގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާ ވެސް ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ގަވަރުނަރު ވަންގް ޔުބޯ އާއި އެމަނިކުފާނުގެ ވަފުދަށް މަރުޙަބާ ވިދާޅުވެ، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވައިފައެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ، ޔުނާން ޕްރޮވިންސްގެ ގަވަރުނަރުގެ މި ދަތުރުފުޅަކީ ރާއްޖެއާއި ޔުނާން ޕްރޮވިންސްއާ ދެމެދު އެއްބާރުލުން އިތުރުކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުޞަތެއްކަމަށެވެ.

މި ބައްދަލުވުމުގައި ޔުނާން ޕްރޮވިންސްގެ ގަވަރުނަރުވެސް ވަނީ ރާއްޖެއާއި ޗައިނާގެ ގާތް ގުޅުން ފާހަގަކުރައްވައި، އިޤްތިޞާދީ ކުރިއެރުމާއި ތަރައްޤީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގައި ރާއްޖެއާއެކު ގާތުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން ދެބޭފުޅުން ވަނީ ރާއްޖެއާއި ޔުނާން ޕްރޮވިންސްއާ ދެމެދު ދަނޑުވެރިކަމާއި، ތަޢުލީމާއި، ކުޅިވަރާއި، ފަތުރުވެރިކަމާއި، ވިޔަފާރީގެ ދާއިރާއިން އެއްބާރުލުންދީ، ގުޅުން ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި މަޝްވަރާތަކުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި އެ މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެވަޑައިގަތެވެ.