ކުޅިވަރު

ބެޓަރ އިން ބާ: އަންހެން ޑިވިޝަނުގެ ފައިނަލަށް ދަރަވަންދޫ އާއި ގޮއިދޫ


ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ބެޓަރ އިން ބާ" ފުޓްސެލް ފިއެސްޓާގެ އަންހެން ޑިވިޝަނުގެ ފައިނަލަށް ދަރަވަންދު އާއި ގޮއިދޫ ދަތުރުކޮށްފިއެވެ.

ދަރަވަންދޫ ފައިނަލަށް ދިޔައީ މާޅޮހާ ބައްދަލުކުރި ސެމީ ފައިނަލް މެޗުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. ދެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗްގެ ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ފުރުޞަތުތަކެއް ދެޓީމަށްވެސް ވަނީ ލިބި ބޭކާރުކޮށްލާފައެވެ.

މި މެޗްގައި ޖެހި ހަމައެކަނި ލަނޑު ދަރަވަންދޫއަށް ކާމިޔާބުކޮށްދިނީ ފާތުމަތު މާހާއެވެ. އަދި މެޗު ނިމެން ސިކުންތު ކޮޅަކަށްވެފައި ވަނިކޮށް މާޅޮހު ޓީމްގެ ފަރަހް އަހުމަދަށް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބި ވަނީ ބޭކާރުކޮށްލާފައެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޅޮހުން އުފެއްދި ގިނަ ހަމަލާތަކެއް ދިފާއުކުރި ދަރަވަންދޫ ޓީމްގެ ގޯލްކީޕަރު ސަޖުވާ އިބްރާހީމެވެ.

ފައިނަލުގެ ދެވަނަ ޖާގަ ގޮއިދޫން ހޯދީ ސެމީ ފައިނަލުގައި ދޮންފަނު ޓީމުގެ މައްޗައް 4-0 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ގޮއިދޫން އުފެއްދި މި މެޗްގައި ދޮންފަނުގެ ގޯލްކީޕަރުގެ ފަރާތުންވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.

މި މެޗްގައި ގޮއިދޫ ޓީމްގެ ލަނޑުތައް ޖެހީ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މައިޝާ ޢަބްދުލްހަންނާނުގެ އިތުރުން ފިރުޝާނާ ނަޞީރެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ.

ދަރަވަންދު އާއި ގޮއިދޫ ބައްދަލު ކުރާ ފައިނަލް މެޗު އޮންނާނީ މި މަހުގެ 24 ވާ ބުދަ ދުވަހު ދަރަވަންދޫ ފުޓްސެލް ދަނޑުގައެވެ.