ޚަބަރު

ރިހެބިލިޓޭޝަން ޕްރޮގްރާމުން 22 މީހަކު މަސްތުގެ ދުނިޔެއާއި ދުރަށް


ޖަލުތަކުގައި ހިންގި ޕްރިޒަން ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދަށުން މުޖުތަމަޢަށް ދޫކޮށްލި މީހުންގެ ތެރެއިން 22 މީހަކު، އެޕްރޮގްރާމް ވަރަށް ރަނގަޅަށް ފުރިހަމަކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ޖަލުތަކުގައި ކުރިއަށްގެންދިޔަ ފުރަތަމަ ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު ޖުމްލަ 32 މީހަކުވަނީ މުޖުތަމަޢަށްވަނީ ދޫކޮށްލާފައެވެ.

ރާއްޖޭގައި ޖަލުތަކުގައި ޙުކުމް ތަންފީޒުކުރާ ގިނަ މީހުންނަކީ މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ. އެހެންކަމުން ޖަލުތަކުގައި ރަނގަޅު ނިޒާމެއްގެ ތެރެއިން ޑްރަގަށް ފަރުވާ ދެވޭނަމަ، ބަދަލެއް ގެނެވިދާނެކަމަށް ޤަބޫލުކޮށް ފުރަތަމަ ފަހަރަށް ރާއްޖޭގައި ޖަލުތަކުގައި، ޕްރިޒަން ބޭސްޑް ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމެއް ފަށާފައިވަނީ 2022 ވަނަ އަހަރުއެވެ.

މިޕްރޮގްރާމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ، ފުރަތަމަ ބުރުގައި ޕްރޮގްރާމް ފުރިހަމަކޮށް 32 މީހަކު މުޖުތަމަޢަށް ދޫކޮށްލާފައިވާކަމަށެވެ. އެހެންނަމަވެސް މީގެތެރެއިން މިހާތަނަށް އެއްވެސް މައްސަލައެއް ނުޖެހި 22 މީހުން ޕްރޮގްރާމް ފުރިހަމަކުރަމުން އަންނަ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

"ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން 22 މީހަކު ވަރަށް ފުރިހަމައަށް ކުރިއަށްދާކަން އަޅުގަނޑަށް ފާހަގަކުރެވޭ. 10 ބައިވެރިއަކަށް އެކި ކަހަލަ މައްސަލަތައް ކުރިމަތިވަމުންދާއިރު، މި 10 ބައިވެރިންގެ ތެރެއިން 5 މީހަކު އަނބުރާ ޖަލަށް ގެންނަން ޖެހިފައިވާކަން އަޅުގަނޑު ފާހަގަކުރަން." ސީޕީ އަޙްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.

ރިހެބިލިޓޭޝަން ޕްރޮގްރާމުން ގިނަ ކަންތައް ދަސްވެގެންދާކަން ހާމަކުރައްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ މިފަދަ ޕްރޮގްރާމްތައް އިތުރުކުރަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ މިޕްރޮގްރާމުން ޖަލުގައި ރިހިބިލިޓޭޝަން ޕްރޮގްރާމް ހިންގާނެ ގޮތް ދަސްވި ކަމަށާއި ނަމަވެސް ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު މުޖުތަމަޢަށް ނުކުންނަ މީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ކަރެކްޝަންސްއިން ކުރަންޖެހޭ ކަންކަމަށް އަދިވެސް އަހުލުވެރިވާންޖެހޭކަމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ތެރޭގައި އެވްރެޖްކޮށް ކޮންމެ މަހަކު 64 މީހަކު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ. އަދި ޤައިދީންގެ ތެރެއިން ކޮންމެ މަހަކުވެސް 40 މީހަކު ދޫކޮށްލާފައިވާ ކަމަށް އެސަރވިސްއިން ހާމަކުރައްވައެވެ. އަދި ވޭތުވެދިޔަ 5 އަހަރަށް ބަލާއިރު ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް 1489 ޤައިދީން ޖަލުތަކުގައި ބަލަހައްޓާ ކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ.