ޚަބަރު

ކޮންމެ ޤައިދީއަކަށް މަހަކު 20،000 ރ ހޭދަވޭ- ކޮމިޝަނަރ


ކޮންމެ ޤައިދީއަކަށް އެވްރެޖުކޮށް ވިހި ހާސްރުފިޔާ މިދިޔަ އަހަރު ޚަރަދުވެފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ މިހެން ވިދާޅުވީ ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމްގެ 9 ވަނަ ބެޗްގެ އޮފިސަރުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ދެއްކެވި ވާހަކައިގައި ޖަލުތަކާއި، ޤައިދީންގެ ޙާލަތު ރަނގަޅުކުރުމަށް މިހާތަނަށް ކުރެއްވި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ކޮމިޝަނަރ ވިދާޅުވީ މިދިޔަ އަހަރު އެ މުއައްސަސާއަށް ކަނޑައަޅާފައިވާ ބަޖެޓުން ކޮންމެ ޤައިދީއަކަށް ވެސް ބޮޑު ޚަރަދެއް ހިނގާފައިވާ ކަމަށެވެ. ޚާއްޞަކޮށް ކޮންމެ ޤައިދީއަކުވެސް އަނބުރާ މުޖުތަމަޢަށް ނެރުމަށް ކުރެވޭ މަސައްކަތަށް ކުރަންޖެހޭ ހޭދަ ބޮޑުކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

އެގޮތުން މިދިޔަ އަހަރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ކަނޑައެޅި ބަޖެޓުން ކޮންމެ މަހަކު، 20000 ރުފިޔާ ކޮންމެ ޤައިދީއެއްގެ މައްޗަށް ޚަރަދުވެފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

"ވޭތުވެދިޔަ އަހަރުގެ ބަޖެޓަށް ބަލާއިރު، ކޮންމެ ޤައިދީއެއްގެ މައްޗަށް 20000 ރުފިޔާ ޚަރަދުކުރެވިފައިވޭ. މީގެން ދައްކައިދެނީ ދައުލަތުން މިކަމަށް ކުރާ ހޭދަ. އެހެންކަމުން އަޅުގަނޑުމެން މިކުރާ މަސައްކަތުން ހެޔޮ ބަދަލެއް ގެނެވޭތޯ މަސައްކަތްކުރަންޖެހޭ." ސީޕީ އަޙްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.

ޖަލުތަކުގައި ތިބި ޤައިދީންނަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ އަހަރުން އަހަރަށް އިތުރުވަމުންދާއިރު އޭގެ ސަބަބުން މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނައުމަށް ޖަލު އޮފިސަރުންގެ ފަރާތުން ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި މިހާރުވެސް ޕެރޯލްގެ ޤާނޫނުގައި ބަޔާންކުރާ ކަންކަން ތަންފީޒުކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވެމުން އަންނަކަންވެސް ސީޕީ ވަނީ ފާހަގަކުރައްވައިފައެވެ.

ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން ފުރަތަމަ ފަހަރަށް ވަނީ ޖަލުތަކުގެ އޮޑިޓެއް ހައްދަވައިފައެވެ. މި އޮޑިޓުން ފާހަގަކުރެވުނު ކަންކަން ރަނގަޅުކުރުމަށް މި ވޭތުވެދިޔަ 5 އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން ޖަލުތަކަށް ބޭނުންވާ އިންސާނީ ވަޞީލަތާއި ޢުމްރާނީ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އަދި ޒަމާނީ ވަޞީލަތްތަކުގެ އެހީގައި ޚިދުމަތް ފުޅާކުރައްވަން ކުރައްވާ މަސައްކަތުގެ ދަށުން ފްރީ ޓްރައިލް އެގްރީމަންޓްގެ ދަށުން، ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށްޓަވަން ގެންދަވަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ. މިގޮތުން މިއަހަރު ދާއިމީގޮތެއްގައި 50 ބޮޑީވޯން ކެމެރާ ބޭނުންކުރައްވައިގެން ޖަލުތައް ބެލެހެއްޓުމުގެ މަސައްކަތް ކުރައްވަން ފަށްޓަވާނެކަމަށް ކަރެކްޝަނަލް ސަރވިސުން ވިދާޅުވެއެވެ.

މިކަމުގެ ސަބަބުން ޤައިދީންނަށާއި، ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވާނެކަމަށް އެ މުއައްސަސާއިން ވިދާޅުވެއެވެ. ހަމައެއާއެކު ޖަވާބުދާރީ ވާންޖެހޭ އިދާރާތަކަށް ޖަވާބު ދާރީވުމުގައި އިތުރަށް ލުއިފަސޭހަ ލިބޭނެކަން ފާހަގަކުރައްވައެވެ.