ޚަބަރު

ހަރުދަނާ އުސޫލެއް ނެތި ސިޔާސަތު ބަދަލުކުރާނަމަ، ތައުލީމީ ދާއިރާއަށް ކުރިއެރުމެއް ނުލިބޭނެ: މިނިސްޓަރ


ހަރުދަނާ އުސޫލެއް ނެތި ސިޔާސަތު ބަދަލުކުރާނަމަ، ތައުލީމީ ދާއިރާއަށް ލިބިފައިވާ ކުރިއެރުން އެގޮތުގައި ދެމި ނޯންނާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ 2021-2022 ވަނަ އަހަރުގެ ޘާނަވީ ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލުކުރި ދަރިވަރުންނަށް "މަތީ އަރުތަވެރީންގެ އިނާމު" ދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ ސިޔާސީ އަދި އިޖްތިމާޢި ހަމަޖެހުމަކީ ޤައުމެއްގެ ތަރައްޤީގެ ސިއްރުކަމަށާއި ތަޢުލީމީ ދާއިރާއަށް އައިސްފައިވާ ކުރިއެރުމަކީ އިޖްތިމާޢީ ހަމަޖެހުމުން ލިބިފައިވާ ކުރިއެރުންތައްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ތަޢުލީމީ ދާއިރާއަކީ ކުއްލި ކުއްލިއަށް ބަދަލު ގެނެސްގެން ނަތީޖާ ނެރެވޭނެ ދާއިރާއެއް ނޫންކަމަށެވެ. އަދި ހަރުދަނާ އުސޫލެއް ނެތި ސިޔާސަތު ބަދަލުކުރާނަމަ، ތައުލީމީ ދާއިރާއަށް ލިބިފައިވާ ކުރިއެރުން އެގޮތުގައި ދެމި ނޯންނާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މަދަރުސާއެއްގައި ގްރޭޑް 1ގެ މަންހަޖަށް ގެންނަ ބަދަލު ފެންނަން ފަށާނީ 10 އަހަރު ފަހުން. ގްރޭޑް 1އަށް ވަންނަ ދަރިވަރުންގެ ނަތީޖާ ފެންނަން ފަށާނީ ސާނަވީ އިމްތިހާން ނިމުމަށްފަހު. ދަރިވަރުންގެ ހޯދާ ނަތީޖާއިން ގައުމަށް އޭގެ ރަނގަޅު އަސަރުކުރާނެ" މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ފޮތުގައި އޮންނަ އެއްޗަކަށް ބަރޯސާވުމުގެ ބަދަލުގައި ކޮންމެ ދަރިވަރަކީވެސް ކޮންމެވެސް ދާއިރާއަކުން ހުނަރެއް ދަސްކުރާ ކުއްޖަކަށްވާންޖެހޭކަމަށެވެ.

ޘާނަވީ އިމްތިޙާނުގައި ރަނގަޅު ނަތީޖާ ހޯދާ "މަތީ އަރުތަވެރިންގެ އިނާމު" 847 ދަރިވަރަކު ވަނީ ހާޞިލްކޮށްފައެވެ.

އިނާމު ދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުން ބައިވެރިވެވަޑައިގަތެވެ. މިއަހަރަކީ ތާރީޚުގައި ފުރަތަމަ ފަހަރަށް މަތީ އަރުތަވެރިންގެ އިނާމު އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންނަށް ދެއްވި ފުރަތަމަ ފަހަރެވެ.

"މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ދެވަނަ ދަންފަޅީގައި ވަކިވަކި މާއްދާތަކުން ދުނިޔެއިން އެއްވަނަ ހޯދި 4 ދަރިވަރަކަށް އެވޯޑް ދީފައިވެއެވެ. އަދި ޘާނަވީ އިމްތިޙާނުން 1 ވަނަ ޙާސިލްކުރި 9 ދަރިވަރުންނަށްވެސް އެވޯޑް ވަނީ ދީފައެވެ. އެންމެ މޮޅު ނަތީޖާ ހޯދި ދަރިވަރުންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެވެ.

މިރަސްމިޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމާއި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދާއި، ވުޒާރާތަކާއި މުއައްސަސާތަކުގެ އިސްވެރިންވެސް އިނާމު ލިބުނު ދަރިވަރުންނަށް ޓްރޮފީ އާއި ލިޔުން ޙަވާލުކޮށްދެއްވިއެއެވެ.

2021-2022ވަނަ ދިރާސީ އަހަރު 6300 ދަރިވަރުން ޘާނަވީ އިމްތިޙާން ފުރިހަމަކުރިއެވެ. މި އިމްތިހާނު ފުރިހަމަކުރި ކުދިންގެ ތެރެއިން %13 ކުދިން ވަނީ ގަދަ 10 ގައި ހިމެނިފައެވެ. މި ފަހަރު ދަރިވަރުން ވަނީ ވަކިވަކި މާއްދާތަކުން ވެސް ބޮޑެތި ކުރިއެރުންތައް ހޯދައިފައެވެ. އެގޮތުން ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ފުރަތަމަ ފަހަރަށް، %75 އަށްވުރެ ގިނަ ދަރިވަރުން ވަނީ ފާސްވެފައެވެ. އަދި އަރޓްސް އެންޑް ސައިންސް ސްޓްރީމްގެ މާއްދާތަކުން، %80 ދަރިވަރުން ވަނީ ފާސްވެފައެވެ. މަޖުބޫރު މާއްދާތައްކަމަށްވާ އިސްލާމް އަދި ދިވެހި އިމްތިޙާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން %75 ދަރިވަރުންވެސް ވަނީ މިފަހަރު ފާސްވެފައެވެ.