ދުނިޔޭގެ ވިޔަފާރި

އާޓިފިޝަލް އިންޓެލިޖެންސަށް ހަރުދަނާ އުސޫލުތަކެއް ހަދަންޖެހޭ


ޤާނޫނުތަކާއި ޤަވާއިދުތައް ހަދައިގެން އާޓިފިޝަލް އިންޓެލިޖެންސާއި ގުޅޭ ކަންކަން ރެގިއުލޭޓްކުރަންޖެހޭކަމަށް ޗެޓް-ޖީޕީޓީގެ ބާނީ އަދި އޯޕަން އޭ.އައިގެ ސީއީއޯ ސޭމް އަލްޓްމަން ވިދާޅުވެއްޖެއެވެ.

ގިނަ ބައެއްގެ ތެރޭގައި މަޤްބޫލް އެޑްވާންސް ޗެޓްބޮކްސް، ޗެޓްޖީޕީޓީ އުފެއްދި ސޭމް މިހެން ވިދާޅުވީ، އޭ.އައިގެ ސަބަބުން ލިބޭ ކުރިއެރުންތަކާއި އެކަމުގެ ސަބަބުން އޮތް ނުރައްކާތަކާއި ގުޅޭގޮތުން އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓްގެ ކޮމިޓީއެއްގައި ބޭއްވި ބައްދަލުވުމެއްގައެވެ.

ސޭމް ވިދާޅުވީ އޭ.އައި ޓެކްނޮލޮޖީގެ ހިދުމަތްތަކާއި އުފެއްދުންތައް މާކެޓުގައި ބާރު ދުވެއްޔެއްގައި އިތުރުވަމުންދާއިރު، އެކަމުގެ ސަބަބުުން އޮތް ފަސޭހަތަކާއެކު، ނުރައްކާތަކެއްވެސް ކުރިމަތިވެދާނެކަމަށެވެ. އެގޮތުން އިންތިހާބުތަކާއި ދިމާކޮށް ސައްހަ ނޫން މައުލޫމާތުތައް ފެތުރުމަށް އޭ.އައިގެ ބޭނުންކުރުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުރިއަރަމުން އަންނަ އޭ.އައި ޓެކްނޮލޮޖީގެ ދާއިރާގެ ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަވާ މިންވަރު އިތުރުކަމުން ބައެއް ފަރާތްތަކުން ސޭމް ސިފަކުރަނީ އާޓިފިޝަލް އިންޓެލިޖެންސާއި ގުޅޭ ކަންކަމުގެ ސްޕޯކްސްޕާސަނެއްގެ ގޮތުގައެވެ.

ސޭމް ވިދާޅުވީ އޭ.އައިގެ މަސައްކަތްތަކަށް ލައިސަންސް ދޫކޮށް، އެ މަސައްކަތްތައް ރެގިއުލޭޓްކުރުމަށް ހާއްސަަ އެޖެންސީއެއް އުފައްދަންޖެހޭކަމަށެވެ. އަދި އޭ.އައި ކުންފުނިތަކުގެ މިނިވަން އޮޑިޓްތައްވެސް ހަދަންޖެހޭކަމަށް، ސޭމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ސެނެޓްގެ ބައެއް މެމްބަރުން ބުނީ ސޯޝަލް މީޑިއާ ތައާރަފްވެގެންދިޔައިރު އެކަން އެންމެ ރަނގަޅަށް ރެގިއުލޭޓް ނުކުރުމުން އޭގެ ނުރަނގަޅު އަސަރު މިހާރު ފެންނަމުންދާކަމަށެވެ. އެހެންކަމުން އޭ.އައިއާއެކު އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަންޖެހޭކަމަށެވެ.

ކޮމްޕިއުޓަރ ސައިންސްގެ ދާއިރާތަކުގެ ތެރެއިން، އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭ.އައިއަކީ ތަފާތު އެކި މަސައްކަތްކުރާ ސިސްޓަމްތައް ހަދާއިރު މިހާރު ބޭނުންކުރާ ޓެކްނޮލޮޖީއެކެވެ.