ޚަބަރު

ގޭސްފުޅިއެއް ގޮވައިގެން ޒަޚަމްވި މީހާގެ ހާލު ސީރިއަސް، ހަށިގަނޑުގެ 45 އިންސައްތަ ފިހިފައި


ރ. މަޑުއްވަރީގެ ގެއެއްގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާ ލިބުނު އަންހެން މީހާގެ ހާލު ސީރިއަސް ކަމަށާއި، އޭނާގެ ހަށިގަނޑުގެ 40 އިންސައްތައާ 45 އިންސަތަ ފިހިފައިވާކަމަށް އުނގޫފާރު ހޮސްޕިޓަލުން ބުނެފިއެވެ.

ރޭ ދަންވަރު 12:30 ހާއިރު ގޭސް ފުޅިއެއް ގޮވައި ހިނގި މިހާދިސާގައި އަނިޔާ ލިބުނީ މަޑުއްވަރު ހޮސްޕިޓަލުގައި މަސައްކަތް ކުރާ އުމުރުން 36 އަހަރުގެ އިންޑިއާގެ އަންހެން ނަރުހަކަށެވެ. ހާދިސާ ހިނގުމާއެކު ފުރަތަމަ ފަރުވާއަށް ގެންދިޔައީ މަޑުއްވަރީ ހޮސްޕިޓަލަށެވެ.

އިތުރު ފަރުވާ ބޭނުންވާތީ އެ އަންހެން މީހާ ރޭ ދަންވަރު 1:30 ހާއިރު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އެމެޖެންސީގައި ފަރުވާ ދިނުމަށްފަހު، ހާލަތު ރަގަޅުނުވާތީ ހެނދުނު އައިސީޔޫއަށް ބަދަލުކޮށް އެތަނުގައި ފަރުވާދެމުން އަންނަކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މައުލޫމާތު ލިބޭގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހޮސްޕިޓަލުގެ ޑިއުޓީ ނިންމާފައި ގެއަށްގޮސް އޭނާ ކެއުމަށް ތައްޔާރުވި ވަގުތުގައެވެ. އޭނާ އުޅޭ ގޭގެ ބަދިގެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި ހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.