އެމް.ޑީ.ޕީގެ އަސާސީ ޤަވާޢިދާއި، އުޞޫލުތަކާ ޚިލާފަށް ޢަމަލުކުރައްވާފައިވާތީ އެ ޕާރޓީން ވަކިކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމްގެ ނަން އެމްޑީޕީގެ އިލެކްޝްންސް ކޮމިޝަންސްގެ ދަފްތަރުން އުނިކުރައްވައިފިއެވެ.
ޢަލީ ޢާޒިމް އެމްޑީޕީން ވަކިކުރަން ނިންމާފައިވަނީ އެ ޕާރޓީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ފަރާތުން ހުށަހެޅި މައްސަލައެއް ބެލުމަށްފަހުއެވެ. ޕީޖީ ގްރޫޕުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ޢާޒިމް އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ޕާޓީގެ އަަސާސީ ޤަވާޢިދާ ޚިލާފަށް ކުރައްވައިފައިވާ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ، އެ ކަންކަން ބެލުމަށްފަހު ފިޔަވަޅު އަޅައިދިނުމަށެވެ.
ޢާޒިމް އެމްޑީޕީން ވަކިކުރުމަށްފަހު އެ ޕާޓީން ވަނީ އިލެކްޝަންސްގެ ދަފްތަރުން ޢާޒިމްގެ ނަން އުނިކުރުމަށް އިއްޔެ އިލެކްޝަންސްގައި އެދިފައެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރަކު ވިދާޅުވީ، ޢާޒިމްގެ ނަން އެމްޑީޕީގެ ދަފްތަރުން އުނިކުރައްވައި، ރައްޔިތުންގެ މަޖިލީހަށްވެސް އަންގަވައިފައިވާކަމަށެވެ.
މި މައްސަލާގައި ޢާޒިމަށް އެމްޑީޕީގެ އިސްތިޢުނާފް ކޮމެޓީގައި އިސްތިޢުނާފް ކުރެއްވުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި އިސްތިޢުނާފް ކޮމެޓީގެ ނިންމުމާމެދު ހިތްހަމަޖެހިވަޑައިނުގެންފިނަމަ، އެނިންމުން ސިވިލް ކޯޓަށް ހުށަހަޅުއްވައިގެން ކުރިއަށް ވަޑައިގަތުމުގެ ފުރުޞަތުވެސް އޮންނާނެއެވެ.
ޢާޒިމާ ގުޅޭގޮތުން އެމްޑީޕީން ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ބަންޑާރަ ނާއިބުގެ މައްޗަށް އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ސޮއިކުރުމާއި، އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފާޑުކިޔައި ސަރުކާރާއި ދެކޮޅަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުން ހިމެނެއެެވެ.
މި މައްސަލައިގައި އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީން ނިންމާފައިވަނީ ޢާޒިމް އެމްޑީޕީގެ މެމްބަރުކަމުން 1 އަހަރު ދުވަހުގެ މުއްދަތަށް ވަކިކުރުމަށެވެ. އަދި 1 އަހަރު ދުވަހުގެ މުއްދަތަކަށްފަހު ޕާޓީއަށް އަލުން ވެދެވަޑައިގެންނެވޭނީވެސް 100 މީހުންގެ ފޯމް ހުށަހެޅުއްވުމުންކަމަށްވެސް ކޮމިޓީގެ ނިންމުމުގައިވެއެވެ. މީގެއިތުރުން ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ޕާޓީގެ އެެތެރޭގެ މަޤާމަކަށްވެސް، އަދި ޕާޓީގެ އެއްވެސް ޕްރައިމަރީއެއްގައި އާޒިމްއަށް ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.