ޚަބަރު

އިޤްތިޞާދު އިތުރަށް ކުރިއެރުވުމަށް އީޖާދީ އައު ވިސްނުންތައް ބޭނުންވޭ: ނާއިބު ރައީސް


ހަލުއިކަމާއެކު ބަދަލުވަމުން އަންނަ ދުނިޔޭގައި، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި، އައު އީޖާދީ ވިސްނުންތައް ކުރިއަށް ނެރެ، އައު ވިޔަފާރިތަކާއި ދާއިރާތައް އުފައްދަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކްރޮސް ރޯޑުގައި ބޭއްވި އޯކާ މީޑިއާ ގުރޫޕުގެ 7 ވަނަ "ގޯލްޑް 100 ގާލާ" ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ކުރިއަރަމުން އަންނަ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ޖެއްސުމަށް ވިލުންތެރި މަސައްކަތްތެރިން ބިނާކުރުމަށް އިސްކަންދެއްވުމަށް ކުންފުނިތައް ހިންގުމުގައި ޙަރަކާތްތެރިވާ އިސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ގޮވާލެއްވިއެވެ.

ކޯޕަރޭޓް މޯލްޑިވްސް އާއި އޯރކާ މީޑިއާ ގުޅިގެން ދޭ "ގޯލްޑް 100" އެވޯޑް ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި ދިވެހި ކުންފުނިތަކުން ކުރަމުންދާ މަސައްކަތް ފާހަގަކުރެއްވިއެވެ.

ރައީސުލްުމްހޫރިއްޔާގެ ނާއިބު ވިދާޅުވ، ދިވެހި ސަރުކާރު އަބަދުވެސް ވިޔަފާރިތައް ކުރިއެރުވުމުގައި އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށެވެ. އެއީ ވިޔަފާރިތައް ކުރިއަރައިގެން ދިޔުމަކީ ރައްޔިތުންނަށް ބޭނުންވާ އެތައް ޚިދުމަތެއް ފަހިވެ، އޭގެ މަންފާ މުޅި ޤައުމަށް ލިބޭނެ ކަކަމަށް ވާތީ ކަމުގައި ނާއިބު ރައީސް ވިދާޅުވިއެވެ.

"ޤައުމުގެ ތަރައްޤީގެ ޒިންމާއަކީ ހަމައެކަނި ސަރުކާރުގެ މަސްއޫލިއްޔަތެއް ނޫން. އެއި ޤައުމުގެ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް. ޚާއްސަކޮށް ކުރިއަރާފައިވާ ވިޔަފާރިތަކުގެ ދައުރު އެކަމުގައި ވަރަށް ބޮޑު. މީގެ 50 އަހަރުކުރިން އަމިއްލަ ބަޔަކު ފެށި ފަތުރުވެރިކަމުގެ ސިނާޢަތަކީ މިއަދު ރާއްޖޭގެ އިޤްތިޞާދުގެ މައި ސިނާޢަތް. އެހެންކަމުން ޤައުމުގެ ކުރިއެރުމުގައި ވިޔަފާރިތަކުގެ ދައުރު ވަރަށް ބޮޑު." ނާއިބު ރައީސް ވިދާޅުވިއެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ މި އަހަރުގެ މެގަޒިން ކަމުގައިވާ "ކޯޕަރޭޓް މޯލްޑިވްސް ގޯލްޑް 100" މެގަޒިންވެސް އިފްތިތާޙްކޮށްދެއްވާފައެވެ. މިއީ އަހަރުގެ އެންމެ ވަރުގަދަ 100 ކުންފުންޏާ ގުޅޭގޮތުން ތައްޔާރުކޮށް ކޯޕަރޭޓް މޯލްޑިވްސްއިން ނެރެމުން އަންނަ މަޖައްލާއެކެވެ.

ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ތެރެއިން އެ އަހަރެއްގެ ތެރޭގައި އެންމެ ބޮޑަށް ކުރިއެރުން ޙާޞިލްކޮށްފައިވާ 100 ކުންފުނި ހޮވުމަށްފަހު ދެވޭ "ގޯލްޑް 100" އެވޯޑް ރަސްމިއްޔާތުގެ އެންމެ ޝަރަފްވެރި އެވޯޑަކީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެވެ.

މިއެވޯޑް މިއަހަރު ލިބިވަޑައިގަތީ އޭޑީކޭ ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއަރމަން އަޙްމަދު ނާޝިދަށެވެ. އޭޑީކޭ ނާޝިދަށް މިއެވޯޑު ލިބިވަޑައިގަތީ ފާއިތުވި 36 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ވިޔަފާރީގެ ދާއިރާއިން ދިވެހި އިޤްތިޞާދަށާއި ދާއިރާގެ ކުރިއެރުމަށް ކުރެއްވި މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

"ގޯލްޑް 100" އަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުނި ހިމެނޭ ލިސްޓެކެވެ. މި ޙަފްލާގައި މި ލިސްޓުގައި ހިމެނުނު 100 ކުންފުންޏާ އެވޯޑް ޙަވާލުކުރިއެވެ.

"ގޯލްޑް 100 ގާލާ" ޙަފްލާއަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ އެންމެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ އައު ފުރުޞަތުތައް ހޯދާފަރާތްތަކަށް ވެސް އެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ޙަފްލާއެކެވެ. މި ޙަފްލާގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ވިޔަފާރިތަކުގެ ޗެއަރމަނުންނާއި، މެނޭޖިންގ ޑިރެކްޓަރުންނާއި، ސީ.އީ.އޯ. އިންނާއި، ވިޔަފާރިތަކުގައި ޙަރަކާތްތެރިވާ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.