ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ "ބެޓަރ އިން ބާ" ފުޓްސަލް ފިއެސްޓާގައި ދަރަވަންދޫން ކަމަދޫގެ މައްޗައް ކުރި ހޯދައިފިއެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުން ދަރަވަންދޫ މޮޅުވީ 3-1 ންނެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދަރަވަންދޫޓީމަށް ލިބުނު މި މެޗްގައި އެޓީމުގެ ފުރަތަމަ ލަނޑުޖެހީ ފުރަތަމަ ހާފްގައި މުޙައްމަދު ސިމާންއެވެ. ފުރަތަމަ ހާފް ނިމުނީ މި ނަތީޖާގައެވެ.
ދެވަނަ ހާފްގައި ކަމަދޫއިން ނަތީޖާ ހަމަކުރީ އަހުމަދު އިރުފާން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑާއެކު ދަރަވަންދޫއިން ކުޅުން ވަރުގަދަކޮށް އަނެއްކާވެސް މެޗްގެ ލީޑް ނެގިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މި މެޗްގެ މޮޅު ކުޅުންތެރިއަކަަށްހޮވުނު ހުސެއިން ނާސިފްއެވެ. އެޓީމްގެ ތިންވަނަ ލަނޑުވެސް ޖަހައިދިނީ ނާސިފްއެވެ.
މި ގްރޫޕުން ސެމީގެ ޖާގަ އަދި އެއްވެސް ޓީމަކަށް ކަށަވަރެއްް ނުވެއެވެ. ގްރޫޕް އޭގައި ހިމެނޭ ދަރަވަންދޫ އޮތީ އެ ގްރޫޕްގެ އެއްވަނައިގައި ކުޅުނު ދެމެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތީ އެެއްމެޗު ކުޅެ ތިންޕޮއިންޓާއެކު ކިހާދޫއެވެ. ފެހެންދޫ އެއްޕޮއިންޓާ އެކު ތިންވަނައިގައި އޮތް އިރު ފުލުގައި އޮތީ ކުޅުނު ދެމެޗުންވެސް ބަލިވި ކަމަދޫއެވެ.
މި މުބާރާތުގައި ގްރޫޕް ބީގެ ދެޓީމްކަމަށްވާ ގޮއިދޫ އާ ހިތާދޫ ބައްދަލުކުރި މެޗުން މޮޅުވެ ގޮއިދޫ މުބާރާތުން ކުރިއަށް ދިއުމައް އޮތް ފުރުސަތު ގެއްލިޖެއެވެ. ހިތާދޫ މި މެޗުން މޮޅުވީ 2-0 ންނެވެ.
ދެޓީމްގެ ފަރާތުން ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދި މި މެޗްގައި ހިތާދޫގެ ފުރަތަމަ ލަނޑުޖެހީ މެޗްގެ ދެވަނަ ހާފްގައި ރިމާޙް އަހުމަދުއެވެ. އެޓީމްގެ ދެވަނަ ލަނޑުޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށް ހުޒެއިފަތު ރަޝީދުއެވެ. މި ނަތީޖާއާއެކު އެ ގްރޫޕްގެ ދެވަނަގައި އޮތީ ހިތާދޫއެވެ. ތިންވަނައިގައި މާޅޮސް އޮތް އިތު އެންމެ ފުލުގައި އޮތީ މުބާރާތުން މިހާރު ކަޓާފައިވާ ގޮއިދޫއެވެ.
މި ގްރޫޕުން ސެމީގެ ޖާގަ މިހާތަނަށް ކަށަވަރުކޮށްފައިވަނީ އޭދަފުށި އެކަންޏެވެ. ދެވަނަ ޓީމް ކަށަވަރުވާނީ ހިތާދޫ އާ މާޅޮސް ބައްދަލު ކުރާ މެޗައްފަހުގައެވެ.