ކުޅިވަރު

ބެޓަރ އިން ބާ: އަންހެން ޑިވިޝަނުން ހިތާދޫ ކަޓައި، ދޮންފަނު ސެމީއަށް


ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ "ބެޓަރ އިން ބާ" ފުޓްސަލް ފިއެސްޓާގއ އަންހެން ޑިވިޝަނުން ހިތާދޫ ކަޓައި، ދޮންފަނު ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ހިތާދޫ އާ ދޮންފަނު ބައްދަލުކުރި މެޗު ނިމުނީ 7-1 ން ދޮންފަނު މޮޅުވެގެންނެވެ. ދޮންފަނު ޓީމުން ކޮންޓްރޯލްކޮށްގެން ކުޅުނު މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ދޮންފަނު ޓީމްގެ އައިމިނަތު ފަޒްލާ މިމެޗްގައި ހަތަރު ލަނޑު ޖަހައިފައިވާއިރު، މަރިޔަމް ޝިމާނާ ވަނީ ދެ ލަނޑު ޖަހައިދީފައެވެ. އަނެއް ލަނޑު ޖެހީ މަރިޔަމް ހުދާއެވެ. ހިތާދޫ ޓީމުން ޖެހި ހަމަ އެކަނި ލަނޑުޖެހީ ނާސިރާ މުހައްދެވެ.

ދޮންފަނު މި ގްރޫޕްގައި ކުޅޭ ފަހު މެޗްގައި ބައްދަލު ކުރާނީ ދަރަވަންދޫ އާ ދެކޮޅަށެވެ. ގްރޫޕް އޭގައި ހިމެނޭ ހިތާދޫ މި މުބާރާތުގައި ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ.

މިމުބާރާތުގައި އޭދަފުށްޓާ ކިހާދޫ ބައްދަލުކުރި މެޗް ފަސޭހަކަމާއެކު އޭދަފުށި މޮޅުވީ 5-0 ންނެވެ. މިމެޗްގައި އޭދަފުށީގެ ލަނޑުތައް ޖަހައިދިނީ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އައިޝަތު އީމާން އާ އައިޝަތު ޝަމްހާ އައިމިނަތު ޝިފާގެ އިތުރުން އައިޝަތު ރަޝީދާއެވެ.

މިގްރޫޕުން ސެމީގެ ޖާގަ ކަށަވަރުވާނީ މާދަމާ އޭދަފުށްޓާ މާޅޮސް ބައްދަލުކުރާ މެޗައްފަހުގައެވެ. މި މުބާރާތުގައި މާޅޮސް އެއްމެޗު ކުޅެ މޮޅުވެ ތިން ޕޮއިންޓް ލިބިފައި ވާއިރު، އޭދަފުށި ކުޅުނު ދެމެޗުން ލިބިފައި އޮތީ ތިން ޕޮއިންޓެވެ. މާދަމާ އޭދަފުށި ކުޅޭނީ ގްރޫޕް ސްޓޭޖްގެ ފަހުމެޗެވެ.