ޚަބަރު

އުރުދުޣާނަށް %50 ކާމިޔާބުނުވެ އިންތިޚާބުގެ ދެވަނަ ބުރަކަށް


ތުރުކީވިލާތުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ގުނަމުންދާއިރު ރައީސް ރަޖަބް ޠައްޔިބް އުރުދުޣާނަށް ވޯޓުގެ 50 އިންސައްތައަށް ވުރެ މަތިން ކާމިޔާބު ނުކުރެވުމުން، ދެވަނަ ބުރަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވައިފިއެވެ. ވޯޓުގެ 97 އިންސައްތަ ގުނައި ނިމިފައިވާއިރު ކުރީގައި އުޅުއްވަނީ އުރުދުޣާނެވެ. މިހާތަނަށް އިޢުލާނުކޮށްފައިވާ ނަތީޖާއަށް ބަލާއިރު އޭނާ ވަނީ 49.39 އިންސައްތަ ކާމިޔާބު ކުރައްވާފައެވެ. ތުރުކީވިލާތުގެ ހައި އިލެކްޝަން ބޯޑުން އިޢުލާނުކޮށްފައިވާ ނަތީޖާތަކުން 49.49 އިންސައްތައާ އެކު ކުރީގައި އުޅުއްވަނީ އުރުދުޣާނެވެ. ވޯޓުގެ 91.93 އިންސައްތަ ގުނައި ނިމިފައިވާ ކަމަށް އެ ބޯޑުން ބުނެއެވެ.

ނަމަވެސް، އޭނާއާ ވާދަކުރައްވާ ހަ އިދިކޮޅު ޕާޓީއެއް ހިމެނޭހެން އެކުލަވައިލާފައިވާ ކޯލިޝަންގެ ކެނޑިޑޭޓު ކެމާލް ކްލިޗްތަރޯލޯ އުޅުއްވަނީ ވަރަށް ގާތުގައެވެ. ވާދަވެރި މި އިންތިޚާބުގައި އޭނާ ވެސް ވަނީ 44.92 އިންސައްތަ މީހުންގެ ތާޢީދު ހޯއްދަވާފައެވެ. އޭނާ އުޅުއްވަނީ އުރުދުޣާނަށް ވުރެ 2.6 މިލިޔަން ވޯޓު ފަހަތުގައެވެ. އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މީގެ ދެ ހަފުތާ ފަހުން މޭ މަހުގެ 28 ވަނަ ދުވަހުއެވެ. ދެވަނަ ބުރުން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވައިފި ނަމަ އުރުދުޣާންގެ 20 އަހަރުވީ ދިގު ވެރިކަން ނިމުމަކަށް އަންނާނެއެވެ.

އިންތިޚާބުގައި ކުރި ލިބިފައިވާ ކަމަށް ދެ ބޭފުޅުން ވެސް ކުރިން ވަނީ އިޢުލާނު ކުރައްވާފައެވެ. އަދި، ކްލިޗްތަރޯލޯ ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރު ފަސޭހަ ކަމާ އެކު ކާމިޔާބު ކުރައްވާނެ ކަމުގައެވެ. އިންތިޚާބުގެ ވޯޓު ގުނުމާއި ނަތީޖާ އިޢުލާނު ކުރުމަށް އުރުދުޣާން ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ. މި އިންތިޚާބުގައި ދެން ވާދަ ކުރައްވާފައިވާ ސިނާން އޮގާނަށް 5.3 އިންސައްތަ ވޯޓު ކާމިޔާބު ކުރެވިފައިވާއިރު، ދެވަނަ ބުރުގައި އޭނާ "ކިންގް މޭކަރ"އެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

ރިޔާސީ އިންތިޚާބުގެ އިތުރުން ޢާންމު އިންތިޚާބުގެ ވޯޓުލުން ވެސް މޭ 14 ވަނަ ދުވަހު ތުރުކީވިލާތުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އިންތިޚާބުތަކުގެ ނަތީޖާ ނިކުންނަ ގޮތަކުން 85 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ތުރުކީވިލާތުގައި ވެރިކަން ކުރާނީ ކާކުކަން ކަނޑައެޅުމުގެ އިތުރުން، ވެރިކަމުގެ ނިޒާމަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. އަދި، ނޭޓޯގެ މެންބަރު ޤައުމެއް ކަމުގައިވާ ތުރުކީވިލާތުގެ ޚާރިޖީ ސިޔާސަތަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

އިންތިޚާބުގެ ކުރިން ނަގާފައިވާ ޕޯލްތަކުން ވެސް ފެނިގެން ގޮސްފައި ވަނީ އުރުދުޣާނާއި ކްލިޗްތަރޯލޯއާ ދެމެދު އޮތް ފަރަގުގެ ހަނިކަމެވެ. އަދި، އިންތިޚާބުގެ ވާދަވެރިކަމެވެ. ދެ ޕޯލަކުން ކްލިޗްތަރޯލޯ ވަނީ 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ކާމިޔާބު ވެސް ކުރައްވާފައެވެ. ތުރުކީވިލާތުގެ ޢާންމު ރައްޔިތުންނަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ އިންފްލޭޝަން ރޭޓު އުފުލި ތަކެތީގެ އަގުތައް އުފުލުމެވެ. މިއީ، އިންތިޚާބުގެ ނަތީޖާއަށް އަސަރު ކުރާނެ ކަމެއް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ތުރުކީވިލާތުގެ ރިޔާސީ އިންތިޚާބަށް ބޭރު ދުނިޔޭގެ ނަޒަރު ވެސް ވަނީ ހުއްޓިފައެވެ. އުރުދުޣާނަކީ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ވަރަށް ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ. އުރުދުޣާނަށް އިންތިޚާބުގައި ކާމިޔާބީ ލިބުމަކީ ޕުޓިންއަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. އަދި، އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ލިބޭނެ ނުތަނަވަސް ކަމެކެވެ. އުރުދުޣާނަށް ކާމިޔާބީ ލިބުމަކީ، އޭނާއާ ދެބަސްވުންތައް އުފެދިފައިވާ ވިލާތާއި މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ ވެރިން ވެސް ބޭނުންވާ ގޮތެއް ނޫނެވެ.

އުމުރުފުޅުން 69 އަހަރުގެ އުރުދުޣާނަކީ ދޫހެލޭ ބޭފުޅެކެވެ. އަދި، ކެމްޕޭން ކުރުމުގެ އުކުޅުތައް ވަރަށް ފުރިހަމައަށް ދެނެވަޑައިގަންނަވާ، ވިސްނުންތެރި، ތޫނުފިލި ބޭފުޅެކެވެ. 2016 ވަނަ އަހަރު އޭނާގެ ސަރުކާރު ބަޣާވާތަކުން ވައްޓައިލަން ކުރި މަސައްކަތްތައް އޭނާ ވަނީ ނާކާމިޔާބު ކޮށްލައްވާފައެވެ. އަދި، އޭނާއާއި އޭނާގެ ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކޮށްފައިވީ ނަމަވެސް، އެ ދަޢުވާތައް ކާމިޔާބުވެފައެއް ނުވެއެވެ.

އޭނާއާ ވާދަކުރައްވާ 74 އަހަރުގެ ކްލިޗްތަރޯލޯއަކީ ކުރިން ސަރުކާރުގައި ސިވިލް ސަރވެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އުރުދުޣާންގެ އިޤްތިޞާދީ ސިޔާސަތުތަކާއި، ހަރުކަށި ގޮތްތައް ދޫކޮށްލައްވާނެ ކަމުގައި އޭނާ ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކީ ވެސް އޭނާގެ ވަޢުދެކެވެ. އަދި، ޝަރުޢީ ދާއިރާ މިނިވަން ކުރަން ވެސް އޭނާ ވަނީ ވަޢުދުވެ ވަޑައިގަންނަވާފައެވެ.