އިޔާދަކުރުވަނިވި ހަކަތައަށް ވާސިލްވުމަކީ އިޤްތިޞާދީ ފައިދާ ހޯދުމަށް މިއަދު އޮތް އެންމެ ބޮޑު އެއް ފުރުޞަތުކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރ މިހެން ވިދާޅުވީ، ސްވިޑަންގައި ކުރިއަށްދިޔަ އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ބޭއްވި ރައުންޑް ޓޭބަލް މަޝްވަރާ ބައްދަލުވުމެއްގައެވެ.
އީޔޫ އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމަކީ ދުނިޔޭގެ 60 ޤައުމެއްގެ ހާރިޖީ ވަޒީރުން ބައިވެރިވެވަޑައިގަންނަވާ ފޯރަމްއެކެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ ޔޫރަޕްގެ އިއްތިހާދާއި އިންޑޯ-ޕެސިފިކް ޤައުމުތަކުގެ މިނިސްޓަރުންގެ ފޯރަމްގައި ބައިވެރިވުމަށް ދަޢުވަތު ލިބުމަކީ ދިވެހިރާއްޖެއަށް ލިބުނު ޝަރަފެއްކަމަށެވެ. އަދި އީޔޫ އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ބައިވެރިވުމަށް ސްވިޑަންއަށްކުރާ ދަތުރުގެ ސަބަބުން ދިވެހިރާއްޖެއާއި އިންޑޯ ޕެސިފިކް ސަރަޙައްދާއި، ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އޮތްް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މި ބައްދަލުވުންތަކަކީ ޞުލްހަ ޤާއިމްކުރުމަށާއި ދެމެހެއްޓުމަށް، އަދި ދެމެހެއްޓެނިވި ތަރައްޤީ ހާސިލްކުރުމަށް މުހިންމު ބައްދަލުވުންތަކެއްކަމަށެވެ.
Arrival and doorstep by @abdulla_shahid, Minister of Foreign Affairs of the #Maldives, at the EU-#IndoPacific Ministerial Forum taking place on 13 May 2023 in #Stockholm https://t.co/pSolrb1vbL
— EU Council TV News (@EUCouncilTVNews) May 13, 2023
މިނިސްޓަރ ޝާހިދު ވަނީ ޔޫރަޕްގެ އިއްތިހާދުގެ ކޮމިޝަނަރ ފޯރ އެނާރޖީ، ކަޑްރީ ސިމްސަންއާއެކު ފޯރަމްގައި ކުރިއަށްދިޔަ މިނިސްޓީރިއަލް ރައުންޑްޓޭބަލް ބައްދަލުވުމުގައި ކޯ-ޗެއާކަން ކުރައްވާފައެވެ.
މި ސެޝަންގެ ޝިއާރަކީ، "ތިމާވެއްޓާ ރަޙްމަތްތެރި ފުރުޞަތުތައް ހޯދުމާއި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުން"އެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ދެމެހެއްޓެނިވި، އިޔާދަކުރުވަނިވި ހަކަތައަށް ވާސިލްވުމަކީ އިޤްތިޞާދީ ފައިދާ ހޯދުމަށް މިއަދު އޮތް އެންމެ ބޮޑު އެއް ފުރުޞަތުކަމަށެެވެ. އަދި ދެމެހެއްޓެނިވި ހަކަތައިގެ ބާވަތްތައް މިހާރު ވަނީ ކުރިއަށްވުރެ އަގުހެޔޮވެފައިކަމަށާއި، މި ވަގުތަކީ މި ފުރުޞަތުތަކުގެ ބޭނުން ކުރަންވީ ވަގުތުކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރ ޝާހިދު ވަނީ އެމަނިކުފާނު ކޯ-ޗެއާ ކުރި ރައުންޑްޓޭބަލްގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ޚުލާސާއެއް ފޯރަމްއަށް ހުށަހަޅައިދީފައެވެ.
ޝާހިދު ވިިދާޅުވީ ޤައުމުތަކަށް ބޭނުންވެފައިވާ ކަންތައްތަކަށް ހައްލުހޯދައިދޭނެ ޕާޓްނަޝިޕްތަކާއި، ޓެކްނޮލޮޖީއާއި ބޭނުންވާ ފައިނޭންސިންގ ލިބުމުގެ މަގު ފަހިވެފައި އޮތުމުގެ މުހިންމުކަން ބައިވެރިން ފާހަގަކުރިކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް، ނަތީޖާ ދައްކުވައިދޭނެފަދަ މަސައްކަތްތަކެއް ކުރުން އަވަސްކުރުމުގެ މުހިންމުކަންވެސް ބައިވެރިން ފާހަގަކުރެއްވިކަމަށްވެސް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
އީޔޫ އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގެ ހަވާސާގެ ތެރެއިން މިނިސްޓަރ ޝާހިދު ވަނީ އެކި ޤައުމުތަކުގެ އެންމެ އިސްވެރިންނާއި، ވަޒީރުންނާއި އަދި އެހެނިހެން ބައެއް އޮފިޝަލުންނާއި ބައްދަލުކުރައްވައި، ބައެއް މަޝްވަރާތައް ބާއްވަވަފާއެެވެ.