ޚަބަރު

އެންމެ ބޮޑު ދައްޗަކީ ފަންނީ ޤާބިލު މީހުން ނުލިބުމުގެ މައްސަލަ: އާޒިމް


ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާ ކުންފުނި، އެމްޓީސީސީއަށް މިވަގުތު އޮތް އެންމެ ބޮޑު އެއް ދައްޗަކީ ފަންނީ ޤާބިލު މީހުން ނުލިބުމުގެ މައްސަލަކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ ފަންނީ ޤާބިލު މީހުން ނުލިބުމުގެ މައްސަލަ ޙައްލުކުރުމަށް އެކި ދާއިރާތަކުން އިންޖިނިއަރުން ތަމްރީންކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

އެމްޓީސީސީއިން ހިނގާ އެކި މަޝްރޫޢުތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވީ، އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތްތަކާގުޅޭ އެކި ދާއިރާތަކުން ޤައުމީ ޚިދުމަތަށް ތަމްރީން ލިބިފައިވާ މީހުން ނެރެދިނުމަކީ ކުންފުނީގެ އަމާޒެއްކަމަށެވެ.

ޢާޒިމް ވިދާޅުވީ، ބަނދަރާއި، އެއަރޕޯޓާއި، މަގުތައް ތަރައްޤީކުރުމަކީ އެ ކުންފުންޏަށް މިހާރު މާބޮޑު ކަމެއް ނޫންކަމަށެވެ. އެހެންނަމަވެސް އެކުންފުންޏަށް މިވަގުތު އޮތް އެންމެ ބޮޑު އެއް ދައްޗަކީ ބްރިޖް ފަދަ މަޝްރޫޢުތައް ހިނގުމަށް ބޭނުންވާ ވަޞީލަތާއި އެކަން ކުރުމަށް ބޭނުންވާ ފަންނީ ޤާބިލު މީހުން އަދި ތަމްރީނުވެފައި ނެތުންކަމަށް ޢާޒިމް ވިދާޅުވެއެވެ.

ޢާޒިމް ވިދާޅުވީ މުވައްޒަފުން ތަމްރީންކުރުމުގެ އަމާޒަށް ވާޞިލުވުމަށް 2021 ވަނަ އަހަރު އެކުންފުނިންގ ތަޢާރަފްކުރި ސްކޮލަރޝިޕް ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެއް ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން ފަންނީ ގިނަ ޒުވާނުން ބިނާކުރުމަކީ އަމާޒެއްކަމަށް ޢާޒިމް ވިދާޅުވިއެވެ.

"ޢުމްރާނީ މަސައްކަތްތަކަށް ބަލާއިރު، އެއަރޕޯޓެއް އަޅާލުމަކީ މިހާރު މާބޮޑުކަމެއް ނޫން އެމްޓީސީސީއަށް. މަގު ހެދުމާއި ބަނދަރު ހެދުމަކީވެސް މާބޮޑުކަމެއް ނޫން. އެހެންނަމަވެސް ގޮންޖެހުން ހުރީ ބްރިޖް ފަދަ ޕްރޮޖެކްޓް ހިނގުމަށް ބޭނުންވާ ވަޞީލަތްތަކާއި، ފަންނީ މީހުން މަދު. އެހެންވީމަ އެމްޓީސީސީން މަސައްކަތްކުރަނީ އެކި ޑިސިޕްލިންގެ އިންޖިނިއަރުން އުފެއްދުމަށް." އާޒިމް ވިދާޅުވިއެވެ.

މުވައްޒަފުން ބިނާކުރުމަށް އެމްޓީސީސީން ފެށި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން އިންޖިނިއަރިންގެ އެކި ދާއިރާތަކާއި، އައިޓީގެ ދާއިރާގެ ސްކޮލަރޝިޕްތައް ދޫކުރެއެވެ. 25 މުވައްޒަފުން ރާއްޖެއިން ބޭރުގެ ބޮޑެތި ޔުނިވަރސިޓީތަކުގައި މިހާރު ތަޢުލީމު ޙާސިލުކުރަމުން އަންނަކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މިއަހަރުވެސް އިތުރު 15 ކުއްޖަކު ފޮނުވުމަށް އެކުދިންނަށް ލިޔުން ޙަވާލުކޮށްފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.