ޚަބަރު

ނައިބު ރައީސް ފައިސަލް ނަސީމް ބަންގްލަދޭޝްގެ ރައީސާއި ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބަންގްލަދޭޝްގެ ރައީސްއާއި ބައްދަލުކުރެއްވީ، 6 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނު މިހާރު ބަންގްލަދޭޝަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގެ ރިޔާސީ ގަނޑުވަރުގައެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ، ބަންގްލަދޭޝްގެ އައު ރައީސްގެ މަޤާމާއި މުޙައްމަދު ޝަހާބުއްދީން ހަވާލުވެވަޑައިގެންވުމާއި ގުޅިގެން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން ތަޙްނިޔާ ވިދާޅުވެފައެވެ. ދެބޭފުޅުން ވަނީ މި ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި އޮތް 45 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ދެޤައުމަށްވެސް ފައިދާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުންވެސް ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ބަންގްލަދޭޝަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން އެމަނިކުފާނުވަނީ ބަންގަބަންދު އައި.އެޗް.އެފް ޗެލެންޖް ޓްރޮފީ ވިމެން 2023ގައި 17 އަހަރުން ދަށުގެ ބައިގައި ރާއްޖެއާއި ބަންގްލަދޭޝްގެ އަންހެން ޓީމު ވާދަކުރި މެޗު ބައްލަވާލައްވާފައެވެ. އަދި ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިންނާއިވެސް އެމަނިކުފާނުވަނީ ބައްދަލުކުރައްވާފައެވެ.

ދިވެހިރާއްޖެއިން ބަންގްލަދޭޝްއާއެކު ސިޔާސީ ގުޅުން ޤާއިމްކުރައްވާފައި ވަނީ، 22 ސެޕްޓެމްބަރު 1978ގައެވެ.