ޚަބަރު

މުސާރައަށް އައި ބަދަލާއެކު، ނަރުހުންގެ ސްޕެޝަލައިޒްޑް ކޯސްތައް އިތުރުކުރުން މުހިންމު: އެމްއެންޔޫ


ނަރުހުންގެ މުސާރައަށް އައި ބަދަލާއެކު، އިތުރު ދާއިރާތަކުން ސްޕެޝަލައިޑްވުމުގެ ކޯސްތައް ފަށަންޖެހޭކަމަށް ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވަނީ ދާދިފަހުން ސިއްހީ ދާއިރާގެ މުސާރައަށް ބޮޑު ބަދަލެއް ގެންނަވާފައެވެ. މުސާރައަށް ބަދަލުއައި ނަމަވެސް އެކި ދާއިރާތަކަށް ޚާއްސަ ދިވެހި ނަރުހުން ނެތްކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް ނަރސިންގައި މިވަގުތު ކުރިއަށްގެންދަނީ ނަރުސްކަމުގެ ބެއިސިކް ކޯސްތަކާއި ސްޕެޝަލައިޒްޑް 3 ކޯހެކެވެ. އެއީ މާސްޓާރސް އޮފް ނަރސިން އިން އެޑްމިނިސްޓްރޭޝަންގެ ކޯހާއި، މިޑްވައިފަރީ އަދި ކްރިޓިކަލް ކެއަރ ނަރސިން ކޯހެވެ. ސްކޫލް އޮފް ނަރސިންއިން ފާހަގަކުރައްވާ ގޮތުގައި ނަރުހުންގެ މުސާރައަށް އައި ބަދަލާއެކު މިދާއިރާއިން ޚާއްސަ އިތުރު ކޯސްތައް ފަށަން ޖެހެއެވެ. އެގޮތުން މިހާރުން މިހާރަށް ބޭނުންވާ ޚާއްސަ ދާއިރާތަކަކީ ކޮބައިތޯ ބަލައި، ވަކި ޚާއްސަ ޕްލޭނެއް އެކުލަވާލައި ކޯސްތައް ފެށުން މުހިއްމުކަމަށް ޤައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް ނަރސިންގެ ލެކްޗަރަރއިން ފާހަގަކުރައްވައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޤައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް ނަރސިންގެ ސިނިއަރ ލެކްޗަރަރ މަރްޔަމް ރަޝީދާ ވިދާޅުވީ، މުސާރައަށް އައި ބަދަލަކީ ހެޔޮ ބަދަލެއްކަމަށެވެ. މިއާއެކު ނަރުހުން ލިބުން ދަތި ދާއިރާތަކަށް ޚާއްޞަކޮށްގެން ނަރުހުން ބިނާކުރުމުގެ މުހިންމުކަން މަރްޔަމް ރަޝީދާ ފާހަގަކުރެއްވިއެވެ. އޭނާ ވަނީރާއްޖެގައި މިވަގުތު ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުމުގެ ސަބަބުން އެދާއިރާތަކަށް ނަރުހުން ސްޕެޝަލައިޒް ވުމަުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ޚާއްސަ ދާއިރާތަކުގެ ތެރެއިން މިހާރުން މިހާރަށް ބޭނުންވާ ދާއިރާތައް ދެނެގަނެ ޕްލޭނެއް އެކުލަވާލަން ޖެހޭކަމަށަށާއި، އެފަދަ ދާއިރާތަކަށް ޚާއްޞަ ކޯސްތައް ކައިރި މުސްތަޤްބަލުގައި ފަށަންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށް ޤައުމީ ޔުނިވާސިޓީގެ ސީނިއަރ ލެކްޗަރަރ ވިދާޅުވިއެވެ.

"އިތުރު ކޯސްތައް ކުރިއަށްގެންދިޔުމަށްވެސް ވަގުތު ނަގާނެ. މީހުންވެސް ހޯދަން ޖެހޭނެ. ހުރި ވަޞީލަތްތައް ތަރައްޤީ ކުރަންވެސް ޖެހޭ. ނަމަވެސް ހޮޕިޓަލްތަކަށް ބޭނުންވާ ސްޕެޝަލައިޒްޑް ދާއިރާތައް ފާހަގަކޮށްފައި އެދާއިރާތަކުން ތަމްރީން ލިބޭނެ ގޮތް ހަދަން އެބަޖެހޭ." ޤައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް ނަރސިންގެ ސިނިއަރ ލެކްޗަރަރ މަރްޔަމް ރަޝީދާ ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު 1900 އަށް ވުރެ ގިނަ ދިވެހި ނަރުހުން އެކި ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގައި އަންނަނީ މަސައްކަތް ކުރަމުނެވެ. ނަރުހުންގެ ތެރެއިން ސްޕެޝަލް ކެއަރ ނަރުހުންގެ ގޮތުގައި މިވަގުތު ތިބީ 117 ނަރުހުންނެވެ. އަދި ނަރސް މެނޭޖަރުންގެ ގޮތުގައި 8 ނަރުހުން އެބަތިއްބެވެ.

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނަރސިން އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ނަރުހުން ތަމްރީން ކުރަމުން އަންނަ ޔުނިވަރސިޓީއެވެ. ކޮންމެ އަހަރެއްގައިވެސް ނަރުސްކަން ކިޔަވަން ބޭނުންވާ ކުދިންނަށް އެ ފުރުޞަތު ހުޅުވާލުމުން ކަނޑައެޅިފައިވާ ޢަދަދަށް ވުރެ އިތުރަށް ކުދިން ކުރިމަތިލާކަން ޔުނިވަރސިޓީން ފާހަގަކުރައްވައެވެ. މިވަގުތުވެސް ޤައުމީ ޔުނިވާސިޓީގެ ނަރސިންގެ އެކި ލެވެލްތަކުގެ ކޯސްތަކުގައި 1،200 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. މީގެ ތެރޭގައި އަލަށް ނަރުސްކަން ކިޔަވަން ބޭނުންވާ ކުދިންނާއި ނަރުސްކަމުގެ އެކި ދާއިރާއިން ސްޕެޝަލައިޒްޑްވުމަށް ބޭނުންވާ ނަރުހުންވެސް ހިމެނެއެވެ. އަދި އެ ޔުނިވަރސިޓީން އަހަރެއްގެ މައްޗަށް 200 އެއްހާ ދަރިވަރުން ނަރުހުންގެ ގޮތުގައި ތަމްރީންވެގެން ދަސްވެނިވެއެވެ.