ޚަބަރު

މީހުންގެ އާބާދީއާއި އެއްވަރަށް ރުކުގެ އާބާދީ އިތުރުނުވޭ، ރުއް އާލާކުރުމުގެ ޕްރޮގްރާމުން ޙައްލެއް އަންނާނެ!


ރާއްޖޭގެ އާބާދީ އިތުރުވަމުން އަންނަ މިންވަރާ ގާތަށްވެސް ރުކުގެ އާބާދީ އިތުރުނުވާކަމަށާއި، ދެމެހެއްޓެނިވިގޮތެއްގައި ކާއްޓައި ކުރުނބާ ލިބޭނީ ރުކުގެ އާބާދީ އިތުރުކޮށްގެން ކަމަށް މިނިސްޓަރ އޮފް ފިޝަރިޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގެ ރުކުގެ އާބާދީ ދަށްވެ، ކާއްޓާއި ކުނބާ ލިބުން ދަތިވުމާއި ގުޅިގެން، ރުކުގެ އައު ޖީލެއް އުފެއްދުމަށް ކުރިއަށްގެންދާ ރުއް އާލާކުރުގެ ޤައުމީ ޕްރޮގްރާމެ ދަށުން ނ. ކެނދިކުޅުދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ

ރާއްޖޭގައި ރުއްގަހަށް ޖެހޭ ބަލީ އިތުރުވުމާއި، ރުކުގެ އާބާދީ ދަށްވުމުގެ ސަބަބުން ކުރުނބާ އަދި ކާށި ލިބުން ވަނީ ދަތިވެފައެވެ. އެކަމަށް ޙައްލެއް ގެނައުމަށް ސަރުކާރުން ފެއްޓެވި މަސައްކަތުގެ ދަށުން ވަނީ ފަސް ހާސް ރުއް ރާއްޖެ ގެނެސްފައެވެ. އަދި އެ ރުއްތަށް އަތޮޅުތެރޭގެ އެކި ރަށްތަކަށް ދަނީ ބަހަމުންނެވެ. އެގޮތުން 7 އަތޮޅެއްގެ 11 ރަށަކަށް މި ރުއްތައް ބެހުމަށް ސަރުކާރުން ނިންމާފައިވެއެވެ. މި ޕްރޮގްރާމްގެ ދަށުން ހއ އަދި ހދގެ ބައެއް ރަށްތަކަށް މިހާރު ވަނީ ރުއް ހަދިޔާކޮށްފައެވެ. އަދި މިހާރު ކުރިއަށްދަނީ ނ އަދި ރ އަތޮޅުގެ ރަށްތަކަށް ރުއް ހަދިޔާކުރުމުގެ މަސައްކަތެވެ.

ރުއް އާލާކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ދަށުން ނ.ކެނދިކުޅުދޫގައި ރުއް އިންދުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، ރުއް އިންދުގެ ޤައުމީ ޕްރޮގްރާމް ކުރިއަށް ގެންދަވަނީ ރުއްގަނޑެއް ހެއްދޭނެ ޖާގަ އޮތް ރަށްރަށުގައިކަމަށެވެ.

މިނިސްޓަރ ވަނީ ރާއްޖޭގައި ކާއްޓާއި ކުރުނބާ ލިބުން ދަތިވި ސަބަބުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރާއްޖޭގައި އާބާދީ އިތުރުވަމުން އަންނަ މިންވަރާ ގާތަށްވެސް ރުކުގެ އާބާދީ އިތުރު ކުރެވިފައިނުވާކަމަށާއި، މިހާރު ރާއްޖޭގެ ރުކުގެ އާބާދީގައި ހިމެނޭ ރުއްތަކަކީ މުސްކުޅި ރުއްތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެހެންކަމުން ރުކުން ލިބޭ މަންފާ ދެމެހެއްޓެނިވިގޮތެއްގައި ލިބެމުން ނުދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށްރަށުގައި ބިމުގެ ޖާގަ ކުޑަވުމާއި، ފެން ތަޣައްޔަރުވުމުގެ ސަބަބުންވެސް ރުކުގެ އާބާދީ އިތުރު ނުކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރަށްރަށުގައި ފަތުރުވެރިކަން ކުރިއަރައިގެން އަންނައިރު، ކުރުނބާގެ ޑިމާންޑު އިތުރުވެ އެކަމުގެ ސަބަބުންވެސް ކާށި ލިބުން ދަތިވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


"ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި މިހުރީ ފެން ތަޣައްޔަރުވެފައި. ޚާއްޞަކޮށް ބޮޑު ރާޅު އެޅުމުގެ ސަބަބުން ރަށްރަށުގެ ފެން ވަރަށް ބޮޑަށް ލޮނުވެފަ މިހުރީ. މީހުން އުޅޭ ރަށްރަށުގެ އިތުރުން މީހުން ނޫޅޭ ރަށްރަށުގައިވެސް. މިހެން މިކަން އޮތް އިރު ރާއްޖޭގެ އާބާދީ އިތުރުވީމަ ކުރިން ރުއް ހުރި ޢަދަދަށް ރުއް ހުރިކަމަށް ބެލިޔަސް ލިބޭ ކާށިން ދެކޮޅު ޖައްސަން އުނދަގޫވޭ. ރާއްޖޭގެ އާބާދި އިތުރުވެއްޖެ. ނަމަވެސް ރުކުގެ އާބާދި އެއްގޮތަކަށްވެސް އިތުރުވެފައެއް ނުވޭ. އަދި ރުއް އިންދަން އޮތް ބިންވެސް ކުރިއާ ބަލާއިރު ކުޑަވާނެ ޓޫރިޒަމްގެ ބޭނުމަށާއި، އެހެން ބޭނުންތަކަށް ކަނޑައެޅީމަ. އެހެންވީމަ އެބަޖެހޭ ޒަމާނީކޮށް ވަކި ތަރުތީބަކުން ރުއް އިންދަން. އޭރުން މަތިވަރު ރަނގަޅުވެ އަދި ތަރުތީބުން ރީއްޗަށް ހެދި އެއިންލިބޭ މޭވާ އެކަށީގެންވާ ގޮތެއްގައި ލިބޭނެ." އެގްރިކަލްޗަރ މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މީގެ ކުރިން ރުއް އިންދާ އާލާކުރުމަށް އިސްކަން ދެވިފައިނުވާކަމަށެވެ. އަދި ތަރުތީބުން ރުއް އިންދާފައިވެސް ނުހުންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ސަރުކާރުން މިހާރު ފަށްޓަވާފައިވާ ރުއް އާލާކުރުމުގެ ޕްރޮގްރާމްގެ ދަށުން ރަށްރަށުގައި ރުއް އިންދަވަނީ ވަކި ތަރުތީބަކުންކަމަށެވެ. އެގޮތުން ކޮންމެ ރުކެއްގެ ދެމެދު 20 ފޫޓުގެ ދުރުމިނެއް ބަހައްޓަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ އެއް ރުކަށް ޖެހޭ ބަލި އަނެއް ރުކަށް ޖެހުމުގެ ފުރުޞަތު ކުޑަކުރުމަށްކަމަށެވެ.

ރުއް އާލާކުރުމުގެ ޕްރޮގްރާމްގެ ދަށުން ރަށްރަށުގައި އިންދާ ރުއްތަކަކީ ގާތްގަނޑަކަށް ފަސް މީޓަރަށް ހެދޭނެ ރުއްތަކެކެވެ. އަދި ފަނުގެ ދިގުމިނުގައި ގާތްގަނޑަކަށް 3 މީޓަރު ހުންނާނެއެވެ.

"ދެ ރުއް ދޭތެރޭ ޖާގަ އޮނަންނަޖެހޭ. އެއް ރުކުގެ ފަން އަނެއް ރުކުގެ ފަނުގައި ޖެހިގެން ނުވާނެ. އެއިރުން ބަލި ފެތުރުން ހުއްޓުވޭނެކަމަށް. އަދި މި ރުއްތަށް ހުރި ސީދަލކަށް އަވަހަށް ހެދި އެ ރުއްތަކުން އަވަހަށް ފައިދާ ވާން ފަށާނީ." އެގްރިކަލްޗަރ މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ރަށްރަށަށް ރުއްތައް ބަހަމުން އަންނަނީ، އެ ރުއްތަކުގައި ބައްޔެއް ނެތްކަން ކަށަވަރުކުރުމަށް ފަހުކަމަށެވެ. އެހެންކަމުން އެރުއްތަކަށް ބައެއް އެރިޔަ ނުދިނުމަށާއި، ކެމިކަލް ބޭނުން ނުކުރުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. އަދި އެ ރުއްތައް ފޯދި، ދެ އަހަރާ ބައިގެ ތެރޭގައި މަންފާ ލިބެން ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓރ ވަނީ ރަށްރަށުގައި ރުއްގަނޑެއް ހެއްދިނަމަވެސް، އެ ސަރަހައްދުގައި ދަނޑުވެރިކަން ކުރުމަށް އެ ބިމުގެ ބޭނުންހިފުމަށްވެސް ކައުންސިލްތަކުގައި އެދިވަޑައިގެންފައެވެ. ސަބަބެއްކަމަށް މިނިސްޓަރ ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ކާބޯތަކެތީގެ ރައްކާތެރިކަމަށް ބޭނުންވާ މިންވަރަށް ކާނާ ހެއްދުމެވެ. މިނިސްޓާރ ވަނީ މި ރުއްތަކުން ކައުންސިލްތަކަށް އާމްދަނީ ލިބޭނެކަމަށްވެސް ވިދާޅުވެފައެވެ.