ދުނިޔޭގެ ވިޔަފާރި

ލަންކާއަށް ދިން ކްރެޑިޓް ލައިން އިންޑިއާއިން އިތުރުކޮށްފި


ސްރީލަންކާއަށް ބޭނުންވާ ޒަރޫރީ ތަކެތި އިމްޕޯޓްކުރުމަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން ދީފައިވާ 1 ބިލިއަން އެމެރިކާ ޑޮލަރުގެ ކްރެޑިޓް ލައިންގެ މުއްދަތު އެއް އަހަރަށް އިތުރުކޮށްދީފައިވާކަމަށް ލަންކާއިން ބުނެފިއެވެ.

ލަންކާއަށް މާލީ ދަތިކަން އިންތިއާއަށް ބޮޑުވި ދަނޑިވަޅުގައި މިދިޔަ އަހަރު ކުރީކޮޅު އިންޑިއާއިން ވަނީ ގާތްގަނޑަކަށް ހަތަރު ބިލިއަން އެމެރިކާ ޑޮލަރުގެ ކުއްލި އެހީ ފޯރުކޮށްދީފައެވެ.

ލަންކާގެ ޑެޕިއުޓީ ޓްރެޜަރީ ސެކްރެޓަރީ ޕްރިޔަންތާ ރަތްނަޔަކޭ ވިދާޅުވީ މަޝްވަރާއަށްފަހު ކްރެޑިޓް ލައިން މިހާރު ވަނީ އަންނަ އަހަރުގެ މާޗް މަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ކްރެޑިޓް ލައިންގެ ތެރެއިން ގާތްގަނޑަކަށް 350 މިލިއަން އެމެރިކާ ޑޮލަރު ބާކީ އެބަހުރިކަމަށާއި ބާޒާރުގައި ބޭރު ފައިސާ ލިބެން ހުރި މިންވަރު އިތުރުވެފައިވާތީ، މިދިޔަ އަހަރާއި އެއްވަރަށް އެ ކްރެޑިޓް ލައިންގެ ބޭނުންކުރާކަށް މި އަހަރު ނުޖެހޭނެކަމަށްވެސް އޭނާ ބުންޏެވެ.

ރޮއިޓާސް އިން މިދިޔަ މާޗްމަހު ރިޕޯޓުކޮށްފައިވާ ގޮތުގައި ލަންކާއާއި އިންޑިއާއިން މަޝްވަރާކުރަމުން އަންނަނީ މައިގަނޑު ގޮތެއްގައި ބޭހާއި ކާބޯތަކެތި ބޭނުން ކުރުމަށް ބޭނުންކުރާ ފެސިލިޓީ އިތުރުކުރުމަށެވެ.

މިދިޔަ އަހަރުގެ އޭޕްރީލްމަހު ލަންކާގެ ބޭރު ފައިސާގެ ރިޒާރވް ރެކޯޑް އަދަދަކަށް ދަށަށް ގޮސް، 1948 ވަނަ އަހަރު އިނގިރޭސި އިސްތިއުމާރީ ވެރިކަމުން މިނިވަންވި ފަހުން ލަންކާއަށް ކުރިމަތިވި އެންމެ ބޮޑު މާލީ ދަތިކަމާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. މިއާއިއެކު ބޭރުގެ ދަރަނިތައްވެސް ވަނީ ނުދެއްކިއެވެ.

ލަންކާގެ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކޯޑިނޭޓް ކުރުމަށް އެ ގައުމަށް ލޯނު ދީފައިވާ ގައުމުތަކުން އަންނަ އަންގާރަ ދުވަހު ބާއްވާ ފުރަތަމަ ބައްދަލުވުމަށް ތައްޔާރުވަމުން މިހާރު އަންނަނީ ތައްޔާރިވަމުންނެވެ.