ވިޔަފާރި

އަހަރަކު 10 ޕްރޮޖެކްޓަށް އެހީތެރިވެދޭ ކޮމިއުނިޓީ ފަންޑެއް އެމްޕީއެލްއިން ޤާއިމްކޮށްފި


މުޖުތަމައުގެ އެކި މަސައްކަތްތަކަށް އެހީވުމުގެ ގޮތުން އެމްޕީއެލްއިން ކޮމިއުނިޓީ ފަންޑެއް ޤާއިމްކޮށްފިއެވެ.

އަހަރަކު 2 ބުރަކަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މި ފަންޑުގެ ފުރަތަމަ ފޭސްގެ ދަށުން ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު މިދިޔަ އޭޕްރީލްމަހު ވަނީ ހުޅުވާލާފައެވެ.

މި ފަންޑަށް ކުރިމަތިިލުމުގެ މުއްދަތު 31 މެއި 2023ގެ ނިޔަލަށް ހުޅުވާލާފައިވާއިރު މިހާތަނަށް މި ފަންޑަށް ހުށަހަޅާފައިވަނީ 2 ފަރާތަކުންކަމަށް އެމްޕީއެލްއިން ބުނެއެެވެ.

އެމްޕީއެލްއިން ބުނީ މި ފަންޑުގެ ދަށުން އެހީ ދޭ ފަރާތްތައް ކަނޑައެޅުމަށް ހާއްސަ ކޮމިޓީއެއް އެ ކުންފުނިން ވަނީ ކަނޑައަޅާފައިކަމަށެވެ.

ފަންޑުގެ ދަށުން އެހީވުމުގައި އދ.ގެ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމެނޭ ކަންކަން ހާސިލްކުރަން ހުށަހަޅާ މަޝްރޫއުތަކަށް އެހީވުމަށް އިސްކަންދޭނެކަމަށް އެމްޕީއެލްއިން ބުނެއެވެ.

ޕޮއިންޓް ދިނުމުގައިވެސް އދގެ ލަނޑުދަނޑިތައް ހާސިލްވާގޮތަށް ހުށަހަޅާ ޕްރޮޖެކްޓްތަކަށް 40 ޕަސެންޓް ދޭނެކަމަށާއި އަދި އުފެއްދުންތެރި ޕްރޮޖެކްޓްތަކަށް 20 ޕަސެންޓު ދިނުމުގެ އިތުރުން ޕްރޮޖެކްޓް ޕްލޭން އަދި ތަންފީޒުކުރާގޮތަށް 30 ޕަސެންޓު ދޭނެއެވެ. އަދި، ހުށަހަޅާ ޕްރޮޕޯސަލްގެ ޕްރޮފައިލްއަށް 10 ޕަސެންޓު މާކްސް ދޭނެއެވެ.

އެމްޕީއެލްއިން މި ފަންޑަށް އަހަރަކު 6 ލައްކަ ރުފިޔާ ކަނޑައަޅާފައިވާއިރު، އަހަރަކު 10 މަޝްރޫއަށް އެހީ ދޭން ވަނީ ނިންމާފައެވެ. އެގޮތުން 50،000 ރުފިޔާގެ ކުދި 8 މަޝްރޫއު، އަދި 100،000 ރުފިޔާގެ ބޮޑު ދެ މަޝްރޫއަށް އެހީ ދިނުމަށް ވަނީ ނިންމާފައެވެ.

އެމްޕީއެލްގެ ކޮމިއުނިޓީ ފަންޑަށް، ކައުންސިލްތައް، ހިލޭ ސާބަހަށް މަސައްކަތްކުރާ ސަރުކާރު އަދި އަމިއްލަ ޖަމިއްޔާތަކާއި ކްލަބްތައް އަދި ސްކޫލްތަކަށް ކުރިމަތިލެވޭނެއެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން އެ ކުންފުނިން ވަކިން ހުޅުވާލި ނަމަވެސް، ވޭތުވެދިޔަ އަހަރުތަކުގައި އެމްޕީއެލްއިން ދިޔައީ ސީއެސްއާރު ބަޖެޓުގެ ދަށުން، މުޖުތަމައުގެ ފައިދާއަށް ޖަމިއްޔާތަކުން ކުރާ މަސައްކަތްތަކަށާއި، ތައުލީމީ ދާއިރާއަށާއި، ކުޅިވަރުގެ ދާއިރާއަށްވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.