ޚަބަރު

ސިއްހީ ދާއިރާގެ މުސާރައަށް ގެނައި ބަދަލުގައި ހުރި މައްސަލަތައް ހައްލުކޮށްދޭނަން: ރައީސް


ސިއްޙީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގައި އަދިވެސް ފުރިހަމަކުރަންޖެހޭ ކަންކަން އެބަހުރިކަމަށާއި، އެކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ލަސްތަކެއްނުވެ ނިމިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރައްވަނީ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގެ މަންފާ ޞިއްޙީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ހޯއްދައިވައިދެއްވުމަށްކަމަށެވެ.

ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމަށް އަދިވެސް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެންނަންޖެހޭކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމުގެ މަސައްކަތް މިހާރަށް ވުރެ ހަލުވިކުރުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޞިއްޙީ ދާއިރާއަށް ވަންނަ މީހުން އެ ވަޒީފާތަކުގައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އިތުރު ކަންކަން ދެނެގަނެ، އެކަންކަމަށް މަސައްކަތް އިތުރުކުރަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަގުން ކުރިއަށްގެންދާ މަސައްކަތުގައި، ގެނެވުނު އެންމެ މުހިންމު ބަދަލަކީ މުވައްޒަފުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލުކަމަށެވެ.

މި ބަދަލުގެ ސަބަބުން، ޞިއްޙީ ޚިދުމަތުގެ ދާއިރާތަކުން ތަޢުލީމު ހާސިލުކޮށްގެން ތިބި މަސައްކަތްތެރިންނަށް ވަޒީފާގެ ކުރިއެރުން ހޯދުމަށް މަގު ފަހިވެ، ޞިއްޙީ ދާއިރާއަކީ ކުރިއަށް ދިއުމަށް އެކަށީގެންވާ ފަންނެއްކަމުގެ ޔަޤީންކަން ލިބި، ޞިއްޙީ ޚިދުމަތްތެރިން އެ ވަޒީފާތަކުގައި ތިބުމަށް މަގުފަހިވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުސާރައިގެ އޮނިގަނޑަށް ސަރުކާރުން ގެނައި ބަދަލުގައި އަދިވެސް ރަނގަޅުކުރަންޖެހޭ ކަންކަން ހުރުމާއެކު، އެކަން ކަމާގުޅުން ހުރި ފަރާތްތަކާއެކު ކުރަމުންގެންދަވާކަމަށެވެ.

"މުސާރައިގެ އޮނިގަނޑަށް މި ގެނައި ބަދަލުގެ މަންފާ، ޞިއްޙީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް އެންމެ ފުރިހަމައަށް ހޯދައިދިނުމަކީ، އަޅުގަނޑުމެންގެ އަމާޒެއް. އެ އަމާޒަށް ވާޞިލުވުމަށްޓަކައި އަދިވެސް ފުރިހަމަކޮށްލަންޖެހޭ ބައެއް ކަންތައް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެކަންކަން ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް އަޅުގަނޑުމެން މިހާރު މިއަންނަނީ ކުރަމުން. އޭގެ ނަތީޖާ ލަސްތަކެއް ނުވެ ފެންނާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޞިއްޙީ ޚިދުމަތް މިހާރު އަންނަނީ މީގެ ކުރިން ފުޅާނުވާހާ މިންވަރަށް ފުޅާވަމުންކަމަށެވެ. މީގެ ކުރިން މާލެއިން ނޫނީ ނުލިބޭ ޞިއްޙީ އެތައް ޚިދުމަތެއް، މިދިޔަ ފަސް އަހަރުގެ ތެރޭގައި އަތޮޅުތަކުގައި ޤާއިމުކުރެވިއްޖެކަމަށާއި އަދި މިހާރު ކުރިއަށްދާ ޚިދުމަތްތަކާއެކު، ޞިއްޙީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ރަށުގައި އަމިއްލަ ޢާއިލާ ކައިރީގައި ހުރެގެން، ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއަކަށް ބަލަބަލައި ތިބި ޒުވާނުންނަށް، އަޅުގަނޑުމެން މި ފަހިކޮށްދެނީ ވަރަށް ފަހި ފުރުޞަތުތަކެއް. މަތީ ތަޢުލީމަށް ތައްޔާރުވެގެން ތިބި ޒުވާނުންނަށް އަޅުގަނޑު ދަންނަވާނީ، ރާޢްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އުފެދޭ ވަޒީފާތަކަށް ތިޔަ ޒުވާނުން މިހާރުން ފެށިގެން ތައްޔާރުވާށޭ. އެފަދަ ދާއިރާތަކުން ތަޢުލީމު ޙާޞިލުކޮށް، އަމިއްލަ ރަށާއި ޤައުމަށް ޚިދުމަތް ކުރުމަށް ތައްޔާރުވާށޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިއްޙީ ދާއިރާއަށް އަންނަ ތަރައްޤީއާއި މުސާރައަށް ގެނައި ހެޔޮ ބަދަލާއެކު، ގިނަ ދިވެހި ޒުވާނުންތަކެއް ރާއްޖޭގެ ޞިއްޙީ ޚިދުމަތަށް ނިކުންނާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ސަރުކާރުން ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލާއެކު 3710 މުވައްޒަފުންގެ މުސާރަ ވަނީ ބޮޑުވެފައެވެ. ސިއްޙީ ދާއިރާގެ މުސާރަ ބޮޑުކުރުމަށް ކޮންމެ އަހަރެއްގެ ބަޖެޓުގެ ބަޖެޓުން 482 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.