ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރު ކުރުމުގެ ތެރޭގައި ފުލުހުން އޭނާއަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމުގައި އޭނާގެ ޤާނޫނީ ވަކީލު ތުހުމަތުކޮށްފިއެވެ. ޚާން ހައްޔަރުކޮށްފައި ވަނީ، އޭނާއާ ދެކޮޅަށް އުފުލާފައިވާ ކޮރަޕްޝަންގެ ދަޢުވާތަކެއްގެ އަޑުއެހުމުގައި ބައިވެރިވުމަށް އެ ޤައުމުގެ ހައި ކޯޓަށް ހާޒިރުވުމުން މޭ މަހުގެ 9ވަނަ ދުވަހުއެވެ.
ޚާން ހައްޔަރު ކުރި ވަގުތު ކަން ހިނގައިދިޔަ ގޮތް ކިޔައިދެމުން އޭނާގެ ޤާނޫނީ ވަކީލު ރާޖާ މަތީން ބުނީ، ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުހުން ޚާނަށް ޙަމަލާދީފައިވާ ކަމުގައެވެ. އަދި، ޕާކިސްތާނުގެ ޕެރެމިލިޓަރީ ރޭންޖަރސްގެ އޮފިސަރަކު މުގުރަކުން ޚާންގެ ބޮލުގައި ޖަހާފައިވާ ކަމަށާއި، ޚާން ވަރަށް ބޮޑަށް ޒަޚަމުވި ކަމުގައި ވެސް އޭނާ ތުހުމަތު ކުރިއެވެ.
"ޕެލެމިލިޓަރީ ރޭންޖަރސްގެ އޮފިސަރުން ކޯޓުގެ ޢިމާރާތަށް ވަދެފައި ވަނީ ދޮރުތަކުގައި ހުރި ބިއްލޫރިތައް ތަޅައިލައިގެން. ވަދެ، އެ މީހުން ވަނީ ޚާނަށް ޙަމަލާދީފައި. އެއް އޮފިސަރަކު ވަނީ ޚާންގެ ބޮލުގައި މުގުރަކުން ޖަހާފައި. ޚާންގެ ބޮލަށް ޒަޚަމު ލިބުނު ތަނުން ވަރަށް ގިނައިން ލޭވެސް ފޭބި،" ޚާން ހައްޔަރު ކުރި ވަގުތު ކަން ހިނގައިދިޔަ ގޮތުގެ މަޢުލޫމާތު ނޫސްވެރިންނާ ހުއްސާކުރަމުން މަތީން ބުންޏެވެ.
ޚާން ކައިރީގައި ތިބި އޭނާގެ ހަށިފާރަވެރިންނަށް ވެސް ފުލުހުން ޙަމަލާދީފައިވާ ކަމަށް އޭނާ ތުހުމަތު ކުރިއެވެ. ނަމަވެސް، ޕާކިސްތާނުގެ އެއްވެސް ކަމާ ގުޅޭ އިދާރާއަކުން މި ތުހުމަތުތައް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ޚާން ހައްޔަރު ކުރުމަށް ފަހު ފުލުހުން އޭނާ ގެންގޮސްފައި ވަނީ ވެރިރަށް އިސްލާމް އާބާދުގައި ހުންނަ ފުލުހުންގެ މައި އިދާރާއަށެވެ. އަދި، އެ ތަނުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ.
ޚާން ހައްޔަރުކުރުމާ ގުޅިގެން އޭނާއަށް ތާޢީދުކުރާ މީހުންނާއި، އޭނާގެ ތަހްރީކް އަލް-އިސްލާމް (ޕީ.ޓީ.އައި) ޕާޓީގެ އެތަކެއް ހާސް މެންބަރުންނެއް ވަނީ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށާފައެވެ. އޭނާގެ މިނިވަން ކުރުމަށް ގޮވައިލާ މުޒާހަރާ ކުރަމުންދާ މީހުންނާއި ޕާކިސްތާނުގެ ސަލާމަތީ ބާރުތަކާ ދެމެދު ވަނީ ނުރައްކާތެރި ކުރިމަތިލުންތަކެއް ވެސް ހިނގާފައެވެ. ޚާނަށް ތާޢީދުކުރާ މީހުން ދަނީ ތަންތަނުގައި ހުޅުޖަހައި، ފުލުހުންނާއި އަސްކަރިއްޔާގެ ޢިމާރާތްތަކަށް ގެއްލުން ދެމުންނެވެ.
ވެރިރަށް އިސްލާމްއާބާދުގެ އިތުރުން ކަރާޗީ، ލާހޯރް، ރާވަލްޕިންޑީ އަދި ޕެޝާވަރުގައި ވެސް ޚާނަށް ތާޢީދުކުރާ ގިނަ ޢަދަދެއްގެ ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ. ޕީ.ޓީ.އައިއިން ވަނީ، ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދާ މުޒާހަރާތަކުގައި ބައިވެރިވުމަށް އެ ޤައުމުގެ އެކި ކަންކޮޅުތަކުން ޚާނަށް ތާޢީދުކުރާ މީހުން ޖަމާވުމަށް ގޮވައިލާފައެވެ. މި ގޮވައިލުމަށް އިޖާބަ ދިނުމުގެ ގޮތުން ހުޅަނގުއުތުރުގައިވާ ޚައިބަރް ޕަޚްތުންޚްވާގައި ދިރިއުޅޭ ޕީ.ޓީ.އައިއަށް ތާޢީދުކުރާ އެތަކެއް ހާސް ބަޔަކު ވެސް އިސްލާމްއާބާދަށް ދިޔުމަށް ދަތުރު ފަށާފައިވާ ކަމުގައި އެ ޕާޓީން ބުނެއެވެ.
ހައި ކޯޓުގައި ކުރިއަށްދާ މައްސަލައިގެ އަޑުއެހުމަށް ޚާން ހާޒިރު ނުކުރާނެ ކަމަށާއި، ބަދަލުގައި ކޯޓުގެ އަޑު އެހުން ބާއްވާނީ އޭނާ ހައްޔަރުކޮށްފައި ހުރި ފުލުހުންގެ އިދާރާގައި ކަމުގައި ފުލުހުން ވަނީ އިޢުލާނުކޮށްފައެވެ. ފުލުހުން މި ގޮތަށް ނިންމާފައި ވަނީ އޭނާއަށް ތާޢީދުކުރާ މީހުން ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ސަލާމަތީ ސަބަބުތަކަށް ޓަކައި ކަމަށް ބެލެވެއެވެ.
ޚާން ހައްޔަރުކޮށްފައި ވަނީ ހުސްވި އަހަރު އޭނާ އަވަހާރަކޮށްލަން ދިން ޙަމަލާއެއް ރާވާފައި ވަނީ އެ ޤައުމުގެ އަސްކަރިއްޔާގެ އިސް އޮފިސަރެއް ކަމުގައިވާ މޭޖަރ ޖެނެރަލް ފައިޞަލް ނަސީރު ކަމަށް އޭނާ ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މުޒާހަރާއެއްގެ ތެރެއިން ބަޑިޖަހައިގެން ދިން ޙަމަލާގައި ޚާންގެ ފަޔަށް ވަޒަނެއް އަރައި ޒަޚަމުވިއެވެ. އެ ޙަމަލާގައި ޖެނެރަލް ފައިޞަލް ނަސީރުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެއެވެ.