ޚަބަރު

މޫސުމީ ކާރިސާތަކަކީ ދުނިޔޭގެ އިޤްތިޞާދަށާއި، ސަލާމަތަށްވެސް އޮތް ނުރައްކަލެއް: ޝައުނާ


މޫސުމީ ކާރިސާތަކަކީ ތިމާވެއްޓަށް އެކަނި ދިމާވާ މައްސަލައެއް ނޫންކަމަށާއި، އެއީ ދުނިޔޭގެ އިޤްތިޞާދަށާއި ސަލާމަތަށްވެސް އޮތް ނުރައްކަލެއްކަމަށް މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމޭޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިހާރު ކުރިޔަށްދާ 7ވަނަ އޭބީޔޫ މީޑިއާ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވީ، މޫސުމީ ކަންކަމުން އަރައިގަތުމަށް ދިވެހިރާއްޖެއިން ކުރެވެންހުރި ހުރިހާކަމެއް ކުރަމުންދާކަމަށެވެ. އެގޮތުން މިނިސްޓަރ ވަނީ ޖަޒީރާ ރަށްތަކުގެ އައްސޭރިފަށާއި، ގޮނޑުދޮށް ގިރުމުގެ މައްސަލަތަކުން ރައްކާތެރިކުރުމަށް އެކި މަޝްރޫއުތައް ހިންގަމުންދާކަމަށް ވިދާޅުވެފައެވެ. އަދި ސާފު ބޯފެން ފޯރުކޮށްދީ، ފެންބޮޑުވިޔަ ނުދިނުމަށްވެސް ސަލާމަތީ ފިޔަވަޅުތައް އަޅަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ރާއްޖޭގައި މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، މޫސުމީ ކާރިސާތަކުގެ އަސަރު ދިވެހިރާއްޖެއަށް ކެނޑިނޭޅި ކުރިމަތިވަމުންދާއިރު، ދުނިޔެއިން ރާއްޖެ ސަލާމާތްކުރަން އަންނާނެކަމަށް ނުބަލައި ދިވެހިން މަސައްކަތްކުރަނީ އެކަންކަމުގެ އަސަރު ކުޑަކުރުމަށްކަމަށެވެ. ދިވެހިރާއްޖެއިން އެކަނި މި މަސައްކަތް ކުރިނަމަވެސް ކާމިޔާބު ނުލިބޭނެކަމަށާއި، ހުރިހާ ޤައުމެއްވެސް ގުޅިގެން އެކުގައި މަސައްކަތްކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، މިނިސްޓަރ ވިދާޅުވީ މިއަހަރު ޔޫއޭއީގައި ކޮޕް28 ސަމިޓްގެ ލީޑަރުން ބައްދަލުކުރާއިރު، މިއީ ދެމެހެއްޓެނިވި ބަދަލުތަކެއް ގެންނަން މުހިއްމު އަހަރެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖެއިން އޮންނާނީ އަބަދުވެސް ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް ކަމަށެވެ. އަދި އަވަށްޓެރި ޤައުމުތައް ހިމެނޭ ގޮތަށް ދުނިޔޭގެ މުޖުތަމަޢުއާއި ގުޅިގެން މި ފުރުޞަތުގެ ބޭނުން ހިފައި، މޫސުމީ ފިޔަވަޅު އިތުރުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

މި ސަމިޓުގެ ބައިވެރިންނާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ކޮންމެ ހިސާބަކުން މި ސަމިޓަށް ދަތުރުކުރިކަމުގައި ވީނަމަވެސް ހުރިހާ ބައިވެރިންނަށްވެސް މޫސުމީ ކާރިސާތަކުގެ މައްސަލަ އެއްވަރަކަށް ކުރިމަތިވާނެކަމާއި، އެކަމާއި އެއްވެސް ބޭފުޅަކު ދެބަސްވެވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އަދި މޫސުމީ ކާރިސާތަކަކީ ހަމައެކަނި ތިމާވެއްޓަށް ދިމާވާ މައްސަލައެއް ނޫންކަމަށާއި، އެއީ ދުނިޔޭގެ އިޤްތިޞާދަށާއި ސަލާމަތަށްވެސް އޮތް ނުރައްކަލެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިކަމުން އަރައިގަތުމަށް ދެމެހެއްޓެނިވި މަސައްކަތްތަކެއް އެންމެން ގުޅިގެން ކުރެއްވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

މިއަހަރުގެ އޭބީޔޫ މީޑިއާ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަންގައި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ރާވާފައިވާނީ "އަތޮޅުތަކުން އެންމެ އުސް ފަރުބަދަތަކާ ހަނަފަސް ބިންތަކަށް: މޫސުމީ ބަދަލުތަކުގެ ވާހަކަ ޙިއްސާކުރުން" މި މައުޟޫއުގެ މައްޗަށެވެ. މި ސަމިޓްގައި 40އަށްވުރެ ގިނަ ޤައުމުން 152 ފަރާތުން ބައިވެރިވެއެވެ. މީގެ ތެރޭގައި ރާއްޖެއާ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ހިމެނެއެވެ. މި ސަމިޓުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ މީޑިއާތަކުގައި އިސްކޮށް ހަރަކާތްރެތިވާ ފަރާތްތަކާއި މޫސުމީ މައްސަލަތަކާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން މަޝްވަރާތައް ބާއްވާނެއެވެ.