ޚަބަރު

ހުޅުދުއްފާރު މަގުތަކުގައި ތާރުއެޅުން، އެރަށުގައި ހިންގާ އެންމެ ބިޔަ މަޝްރޫޢު


ހުޅުދުއްފާރަކީ މީގެ 28 އަހަރު ކުރިން ފަޅު ރަށެކެވެ. ރ. ގާއުނޑޫދޫއާއި އެއަތޮޅު އުނގުލުގައި ދިރިއުޅުނު މީހުން ހުޅުދުއްފާރަށް ބަދަލުކޮށް އާބާދުކޮށް އެރަށަކީ މީހުން ދިރި އުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސެވީ 1995 އަހަރުއެވެ. އެއިރުން ފެށިގެންވެސް އެރަށުގެ މީހުންނަށް ދިމާވަމުން އައި އެންމެ ބޮޑު އެއް ދައްޗަކީ މަގުތަކުގެ އަޑިގުޑަންތަކާއި ފެންބޮޑުވުންފަދަ މައްސަލަތަކެވެ. އެކަމަށް ޙައްލު ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން މިހަރު ވަނީ ފަށްޓަވާފައެވެ. އެރަށު ބޮޑުމަގުން މިހާރު ވަނީ ޒަމާނީ ތަރައްޤީ ފެންނަން ފަށާފައެވެ.

ރ.ހުޅުދުއްފާރު އެންމެ ބޮޑަށް އިޝްތިހާރުވެ ނުވަތަ އެހެން މީހުންގެ މަޤްބޫލުކަން އެރަށަށް ލިބިގެންދިޔައީ އެރަށުގައި އޮންނަ ބޮޑު ދިގު މަގުގެ ސަބަބުންނެވެ. އެއްކިލޯ މީޓަރު ހުންނަ މިމަގު ދެފަރާތުގައި އިންދާފައިވާ ރުއްތަކުން މަގުގެ ހިތްގައިމުކަން ގެނުވިނަމަވެސް އެމަގުގައި އުޅަނދު ދުއްވުމަށާއި، ވާރޭވެހި ފެބޮޑުވާ ދުވަސްތަކުގައި އެ މަގުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެރަށު މީހުންނަކަށް ނުކުރެވެއެވެ.

މި ކަހަލަ އެތައް ސަބަބުތަކަކާހުރެ އެކަންކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެރަށު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ފެއްޓެވިއެވެ. މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސްރޫއުގެ ދަށުން ބޮޑު 5 މަގެއްގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާނެއެވެ. މީގެ އިތުރުން ބަނދަރު ވަރަށައިގެން އޮންނަ މަގުވެސް ތަރައްޤީ ކުރާނެއެވެ.

މިރަށުގެ ބޮޑެތި ހުރިހާ މަގުތަކެއްގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތްކުރާއިރު، މިއީ މަގުބޭނުން ކުރާ ރައްޔިތުންނަށް ލިބޭނެ ބޮޑު ލުޔެކެވެ. ހުޅުދުއްފާރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސްރޫއުއަކީ ތަރައްޤީ އާއި ގުޅިފައި އޮތް މުހިންމު މަސައްކަތްކަމަށް އެރަށު ކައުންސިލުން ދެކެއެވެ. އެރަށު ކައުންސިލްގެ ރައީސް އަޙްމަދު ޢާތިފް ވިދާޅުވީ ރަށުގެ ބޮޑެތި ހުރިހާ މަގުތަކުގެ ޙާލަތުވެސް ގޯސްކަމަށެވެ. ޢާތިފް ވިދާޅުވީ މަގު ހެދުމުގެ މަޝްރޫޢުއާއެކު ވާރޭ ވެހި ފެންބޮޑުވާ ދުވަސްވަރުގައި ހިނގާބިނގާވެ އުޅޭ ޢުމުރުން ދުވަސްވީ މީހުންނާއި، ސްކޫލް ކުދިންނަށް އެމަގުތައް ބޭނުން ކުރުމުގައި ދިމާވާ ދަތިކަމަށް ހައްލު ލިބިގެންދާނެކަމަށެވެ.

"މަގުގައި ފެންބޮޑުވުމާއި ހޫނު ގަދަ ދުވަސްތަކުގައި ހިރަފުސް ވުމުން ބަލިމަޑުކަން އިތުރުވޭ. މަގު ބޭނުން ކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކާ ދަނީ ކުރިމަތިވަމުން. ބައެއްފަހަރު މީހުންނަށް ގެއްލުންވެސް ވެފައި އެބަހުރި ބައެއް ކަންކަން މަގުމަތީ ހިނގާފަ. އެހެންކަމުން ކުރިއަށް މިއޮތްތަނުގައި އެކަމަށް ވަރަށް ބޮޑަށް ހައްލުލިބިގެން ދާނެ" ހުޅުދުއްފާރު ކައުންސިލްގެ ރައީސް އަޙްމަދު އާތިފް ވިދާޅުވިއެވެ.

ރ.ހުޅުދުއްފާރުގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ. މަގުހެދުމުގެ ޢަމަލީ މަސައްކަތް ފެށީ އޭގެ އަހަރެއްހާ ދުވަސް ފަހުންނެވެ.

މި ރަށަށު މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ހަލުވި މިނެއްގައި ކުރިއަށްދާއިރު، މަގުތަކުގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. މިކަމުގެ ސަބަބުން މިހާރުވެސް މަގުތަކުގެ ފަސޭހަކަން ހިނގާބިގާވެ އުޅޭ ފަރާތްތަކަށް ވަނީ ލިބެންފަށާފައެވެ.

މިމަސްރޫޢުގެ ދަށުން އެރަށުގައި 3.2 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ސަރަޙައްދުގެ އިތުރުން ދެން ހަދާނީ ރަށުގައި އެންމެ ގިނައިން ބޭނުންކުރަމުން އަންނަ މައި ފަސް މަގެވެ.

އާރުޑީސީން ބުނީ އުންމީދަކީ ލަސްނުކޮށް މިހާރު ކުރަމުންދާ މަސައްކަތްތައް އަވަހަށް ނިންމާ ތާރުއަޅަން ފެށުންކަމަށެވެ. މިހާރު ކުރަމުންދަނީ ބައެއް މަގުތަކުގައި ކާނުތައް އެތުރުމުގެ މަސައްކަތާއި، ޕޭވްމަންޓް ގައު އެތުރުމުގެ މަސައްކަތާއި، ބަނދަރު މަގުގައި ކާނުތައް ފެއްތުމުގެ މަސައްކަތެވެ.

މި މަޝްރޫޢުގައި ދަށުން ހުޅުދުއްފާރުގައި ފެންހިންދާ ނިޒާމު ޤާއިމުކުރާނެއެވެ. އަދި މަގު ބައްތި ޖެހުންވެސް ހިމެނެއެވެ. މި މަޝްރޫޢުގެ ކާސްޓިން މަސައްކަތްތައް ރަށުގެ އާރްޑީސީ ސައިޓްގައި ފަށައިގެންދަނީ ކުރިއަށް ގެންދަމުންނެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހުޅުދުއްފާރު މަގުތައް ހެދުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 88.9 މިލިއަން ރުފިޔާއަށެވެ.