ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އޭބިޔޫ މީޑިއާ ސަމިޓު ފަށައިފި


7ވަނަ އޭބީޔޫ މީޑިއާ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަން ކްރޮސްރޯޑްސް މޯލްޑިވްސްގައި ފަށައިފިއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އައިމިނަތު ޝައުނާއެވެ. މިއީ މި ސަމިޓު ރާއްޖޭގައި ބާއްވައި ފުރަތަމަ ފަހަރެވެ.

މިއަހަރުގެ އޭބީޔޫ މީޑިއާ ސަމިޓް އޭޝިއާ-ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން، އޭބީޔޫއާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކުރާއިރު، މިސަމިޓް ކުރިއަށްދާނީ މިމަހުގެ 9ން 10އަށް ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މިއަހަރުގެ ސަމިޓް ކުރިޔަށްގެންދާނީ ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަން ނުވަތަ މޫސުމީ ބަދަލުތަކާއި ކާރިސާތަކުން ރައްކާތެރިވުމުގެ މައްޗަށެވެ.

މިއަހަރުގެ އޭބީޔޫ މީޑިއާ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަންގައި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ރާވާފައިވާނީ "އަތޮޅުތަކުން އެންމެ އުސް ފަރުބަދަތަކާ ހަނަފަސް ބިންތަކަށް: މޫސުމީ ބަދަލުތަކުގެ ވާހަކަ ޙިއްސާކުރުން" މި މައުޟޫއުގެ މައްޗަށެވެ. މި ސަމިޓްގައި 40އަށްވުރެ ގިނަ ޤައުމުން 152 ފަރާތުން ބައިވެރިވެއެވެ. މީގެ ތެރޭގައި ރާއްޖެއާ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ހިމެނެއެވެ. މި ސަމިޓުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ މީޑިއާތަކުގައި އިސްކޮށް ހަރަކާތްރެތިވާ ފަރާތްތަކާއި މޫސުމީ މައްސަލަތަކާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން މަޝްވަރާތައް ބާއްވާނެއެވެ.

މި ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އޭބީޔޫގެ ސެކްރެޓަރީ ޖެނެރަލް، އަހްމަދު ނަދީމް ވަނީ ސަމިޓްގެ އެންމެހާ ބައިވެރިންނަށް މަރުޙަބާ ވިދާޅުވެފައެވެ. ނަދީމް ވިދާޅުވީ 40އަށްވުރެ ގިނަ ޤައުމުން އެކި ފަރާތްތައް މި ސަމިޓްގައި ބައިވެރިވުމަކީ މިފަދަ ސަމިޓެއްގެ މުހިއްމުކަން ހާމަވާކަމެއްކަމަށެވެ. އަދި މޫސުމަށް ދިމާވާ މައްސަލަތަކާއި އެކި ކާރިސާތަކުގެ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދިނުމަށް މީޑިއާ ބްރޯޑްކާސްރުންގެ ދައުރު ބޮޑުކަން ފާހަގަކުރައްވާ ނަދީމްވަނީ މިފަދަ މައުލޫމާތުތައް އާއްމުންނަށް ފޯރުކޮށްނުދެވޭނަމަ މީޑިއާ ބްރޯޑްކާރުންނަށް އެފަރާތްތަކުގެ ދައުރު އަދާނުކުރުވޭކަމަށެވެ. ނަދީމްވަނީ ރާއްޖޭގައި މި ސަމިޓް ބާއްވާތީ އެކަމާ ފަޚުރުވެރިވާކަމަށް ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި އެ ބަދަލުތަކާ ގުޅިގެން ދިރިއުޅުމަށް އަންނަމުންދާ ބަދަލުތަކުގެ ވާހަކަދައްކާއިރު، ދިވެހިރާއްޖެއަކީ މި ސަމިޓް ބާއްވަން އެންމެ އެކަށޭނަ ޤައުމުކަމަށެވެ. އަލީ ޚާލިދު ވަނީ މީޑިއާތަކުން އާއްމުންގެ އިތުބާރު ހޯދަން މަސައްކަތް ކުރަންޖެހޭކަމަށާއި މޫސުމީ މައްސަލަތަކުގެ ވާހަކަ އާއްމުންނަށް ފުރިހަމައަށް ފޯރުކޮށްދިނުމުގައި ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

އޭބީޔޫ ސަމިޓުގައި މޫސުމަށް އަންނަ ބަދަލުތަކާއި ކާރިސާތަކުން ރައްކާތެރިވުމަށް ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރުންގެ ދައުރާއި މޫސުމަށް އަންނަ ބަދަލުތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގައި ހުރި ދަތިތަކާއި މޫސުމީ ފިޔަވަޅުތަކަށް އެހީތެރިވުމަށް ޑިޖިޓަލް މީޑިއާގެ ޤާބިލްކަން އިތުރުކުރުން ފަދަ މައުޟޫއުތަކަށް ވާހަކަދައްކާ، މަޝްވަރާކުރާނެއެވެ. މީގެ އިތުރުން މޫސުމީ ސައިންސާއި ސިޔާސަތުގެ އެންމެ ފަހުގެ ހޯދުންތަކާބެހޭ ސެޝަންތައްވެސް ސަމިޓުގައި ކުރިއަށް ގެންދާއިރު، ދުނިޔޭގެ މޫސުމީ ބަދަލުތަކުގެ މައްސަލަައިގެ ހާލަތާއިބެހޭ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކުގެ ވެރިންނާއި ބައިވެރިންނަށް ލިބިގެންދާނެއެވެ.

އޭބީޔޫ އުފެދުނީ 1964 ވަނަ އަހަރު އޭޝިޔާ އަދި ޕެސިފިކް ސަރަހައްދުގައި ބްރޯޑްކާސްޓިންގެ ދާއިރާ ތަރައްގީކުރުމަށް އެހީތެރިވުމުގެ ގޮތުންނެވެ. އޭބީޔޫއަކީ ޓީވީ އަދި ރޭޑިއޯ ބްރޯޑްކާސްޓަރުންގެ އިތުރުން ސިނާއަތުގެ މުހިންމު ފަރާތްތަކުގެ މަސްލަހަތު ކުރިއެރުވުމާއި ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މީޑިއާތައް ކުރިއެރުވުމަށް މަސައްކަތްކޮށްދޭ ޖަމިއްޔާއެކެވެ. އޭބީޔޫގެ މެންބަރު ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ޗައިނާ، ޖަޕާން، ސައުތް ކޮރެއާ ހިމެނޭހެން 70 އަށްވުރެ ގިނަ ގައުމު ހިމެނެއެވެ.

އޭބީޔޫ މީޑިއާ ސަމިޓް ފުރަތަމަ ބާއްވާފައިވަނީ 2014 ވަނަ އަހަރު އިންޑޮނޭޝިއާގެ ޖަކާޓާގައެވެ. އޭގެފަހުން 2016 ވަނަ އަހަރު ތައިލެންޑުގެ ކްރާބީގައި، 2017 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާ، 2018 ވަނަ އަހަރު ފިޖީގައި، 2019 ވަނަ އަހަރު ނޭޕާލްގެ ކަތްމަންޑޫގައެވެ. 2020ވަނަ އަހަރު ކޯވިޑުގެ ސަބަބުން ސަމިޓް ބާއްވާފައި ނުވާއިރު، 2021 ވަނަ އަހަރު މި ސަމިޓް ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.