ޚަބަރު

ރަށު ފަތުރުވެރިކަމުން އެންމެ އާދައިގެ މީހާއަށްވެސް މާލީ މަންފާ ލިބޭނެ: މިނިސްޓަރ


ފަތުުރުވެރިކަން ރާއްޖެއަށް ތައާރަފްވެގެން އައީ މީގެ ފަންސާހަކަށް އަހަރު ކުރިންނެވެ. އޭރު ހަމައެކަނި އޭގެ މާލީމަންފާއާ ފައިދާކުރީ ރިސޯޓްތައް ހިންގާ ފަރާތްތައް ނުވަތަ މުއްސަދިންނަށެވެ. އެހެން ނަމަވެސް އެކަން މިހާރު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އަދި ވަކިން ހާއްސަކޮށް އެންމެ އާދައިގެ ރައްޔިތު މީހާއަށްވެސް މިހާރު މި ވިޔަފާރީގައި ބައިވެރިވެ ނަފާ ހޯދުމުގެ ފުރުސަތު ޤާނޫނުން މިހާރު ވަނީ ފަހިވެފައެވެ.

ފަތުރުވެރިކަމުގެ ވިޔަފާރި ރާއްޖޭގެ ރަށްރަށުގައި ފަށާ، އޭގެ ފައިދާ މުޅި ރާއްޖޭގެ ރައްޔިތުންނަށް ކުރާނޭގޮތަށް އެވިޔަފާރި ފުޅާ ކުރުމަކީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިޙްގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަމަށެވެ. އެގޮތުން ކުރެވޭ އެންމެ މުހިންމު މަސައްކަތަކީ "ޓޫރިޒަމް ޑައިވަރސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ނުވަތަ ރަށު ފަތުރުވެރިކަން ތައާރަފްކުރުމަށް ކުރެވޭ މަސައްކަތެވެ.

މި މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިންވެސް ވަނީ ހާމަކޮށްފައެވެ.

މީގެ ކުރިން ރާއްޖޭގެ ރަށްރަށުގެ މީހުން ބަރޯސާވެެފައި އޮތް މަސްވެރިކަން ދޫކޮށް އަތޮޅުތަކުގެ ރަށްތަކުން މިހާރު އެންމެ ބޮޑު އެއް ފައިދާއެއް ހޯދަމުންދަނީ ފަތުރުވެރިކަމުގެ ވިޔަފާރިންނެވެ.

ރާއްޖޭގެ އިޤްތިސާދުގެ 50 އިންސައްތަ ހިއްސާ ކުރާ މި ވިޔަފާރިއަކީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ފެށިދާނެ މަސައްކަތެއްކަމަށް މިހާރު ރައްޔިތުން ގަބޫލުކުރެއެވެ. މިކަމަށް މީހުން އަހުލުވެރިކުރުމަށް ފަތުރުވެރިކަމާއިބެހޭ ވުޒާރާއިންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޓޫރިޒަމް ޑައިވަރސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮގްރާމް" އަކީ މި ވިޔަފާރި ރަށްފުށުގެ ރައްޔިތުންނާހަމައަށް ގެނަސްދިނުމަށް ކުރައްވާ އެންމެ މުހިންމު އެއްމަސައްކަތްކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

އެންމެ ފަހުން މިފަދަ ބައްދަލުވުންތަކެއް ކުރިއަށްގެންގޮސްފައިވަނީ ރ އަތޮޅުގައެވެ. ރ އަތޮޅުގެ 15 ރަށެއްގައި މީހުން މިކަމަށް އަހުލުވެރިކޮށް މިވިޔަފާރިފެށުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށް ކުރެއްވި ދަތުރުޅުފުޅުގައި މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ އަބްދުﷲ މައުސޫމް ވިދާޅުވީ، މިއީ އެންމެ އާދައިގެ މީހާއަށްވެސް މާލީ މަންފާ ލިބޭނެ މަސައްކަތެއްކަމަށެވެ.

"ރައީސް ސޯލިޙްގެ ވިސްނުންފުޅާ އެއްގޮތައް މިވިޔަފާރި ރަށްތަކުގައި ކުރިއަށްގެންދިއުމަށް ކައުންސިލުގެ އެހީތެރިކަމާއެކު މިނިސްޓްރީގެ އެއްބާރުލުމާއެކު އެ ވިޔަފާރި ކުރަންތިބި ފަރާތްތަކާއެކު އެކަންކަމަށް މަގުފަހިކޮށްދެވޭނެ" މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ފުރަތަމަ މި މަސައްކަތް ފަށާފައި ވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ދުވަސްވަރު ވާޗުއަލް ކޮށެވެ. އެއަށްފަހު މިނިސްޓަރ މައުސޫމް ހިމެނޭހެން މިހާތަނަށް 11 އަތޮޅެއްގެ 101 ރަށަކަށް ޒިޔާރަތްކޮށް ހާލަތު ދެނެގަނެވިފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ފަތުރުވެރިކަމާ ބެހޭވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މިދަތުރުތަކުގެ ނަތީޖާ މަޑުމަޑުން ފެންނަން ފަށާފައިވާކަމަށާ، އަމާޒަކީ މި ވިޔަފާރި ފަށަން ބޭނުންވާ ކޮންމެ ރަށަކަށް މިނިސްޓްރީގެ އެއްބާރުލުމާއެކު މަސައްކަތް ކުރެވޭނެ މަގުތަކެއް ފަހިކޮށްދިނުންކަމަށެވެ.

"
"ރަށްރަށުގައި އެބަހުރި ރާއްޖޭގެ ތާރީހާ ގުޅުންހުރި ބިނާތަކާ ތަކެތި، އެރަށެއްގައި އޮންނަ މުއްސަދިކަމުގެ މައްޗައް ފަތުރުވެރިކަން ބިނާކޮށް ކުރިއަށްގެންގޮސްފިނަމަ އޭގެ މަންފާ އެންމެ އާދައިގެ ރައްޔިތު މީހާއަށްވެސް ފަތުރުވެރިމުގެ މާލީ މަންފާ ކުރާނެކަމެއް ކަމަށް ދެކެން"
ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ އަބްދުﷲ މައުސޫމް

ކޮމިއުނިޓީ ބޭސް ޓުއަރިޒަމް ނުވަތަ ރަށު ފަތުރުވެރިކަން ސަރުކާރުން ބައްޓަން ކޮށްފައި އޮތް ގޮތުން މިކަން ފެށުމަށް ގެސްޓު ހައުސްއެއް ހަދާކަށް ނުޖެހެއެވެ. މިކަން ބައްޓަން ކޮށްފައި އޮތީ އެންމެ އާދައިގެ މީހާއަށްވެސް މިކަމުގެ ނަފާ ހޯދޭނެ ގޮތަށެވެ. މި ވިޔަފާރި ފެށުމަށް ބޭނުންވަނީ އިދާރީގޮތުން ކައުންސިލްތަކުން ކަންކަން ފަހިކޮށްދިނުމަށެވެ.

މި ދަތުރުފުޅުގައި ރ އަތޮޅުގެ އިނގުރައިދޫ ދާއިރާ އާއި އަލިފުށި ދާއިރާގެ މެމްބަރު ބައިވެރިވަޑައިގެންނެވިއެވެ. މި ދަތުރުފުޅަށްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙުމަދު ވިދާޅުވީ ޤާނޫނީ ގޮތުން މި ވިޔަފާރިއަށް މަގުފަހިވެފައި އޮންނަ އޮތުމުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުން މި ވިޔަފާރި ތެރެއަށް ވަނުމަށް މީހުންގެ ޝައުގު އިތުރުވެފައިވާކަން ފެންނަކަމަށެވެ.

މި ދަތުރުގައި ރާއްޖޭގެ މީހުން ދިރިއުޅޭ 189 ރަށަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި ބައްދަލުކުރާނެއެވެ.