ޚަބަރު

ތިނަދޫގައި ފެށި ކީމޯ ތެރަޕީގެ ޚިދުމަތާއެކު މާލެއަށް ކުރަންޖެހުނު ދަތުރު ނިމުމަކަށް


ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ކީމޯ ތެރަޕީގެ ޚިދުމަތް ފަށައިފިއެވެ.

އެހޮސްޕިޓަލުގައި ކީމޯ ތެރަޕީގެ ޚިދުމަތް ފަށާފައިވަނީ އާދިއްތަ ދުވަހުއެވެ.

ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ކެންސަރު ބަލި އަންނަނީ ކަންބޮޑުވާ މިންވަރަށް އިތުރުވަމުންނެވެ. ބައްޔާއި ދެކޮޅަށް ޢާއްމުން ހޭލުންތެރިކުރުވާ ބަލިޖެހުމަށް މަގުފަހިވާކަންކަން ދެނެގަތުމުގެ މަސައްކަތް ޑަބްލިއުއެޗްއޯއާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ވަނީ ކުރިއަށްގެންދަވާފައެވެ. ހަމައެއާއެކު ބަލި ޖެހިފައިވާ މީހުންނަށް ބޭނުންވާ ފަރުވާގެ ޚިދުމަތް ފުޅާކުރެއްވުމަށްވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އާދިއްތަ ދުވަހު ވަނީ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކީމޯ ތެރަޕީގެ ޚިދުމަތް ފައްޓަވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްޢަޒީޒް ރިފާއު ވިދާޅުވީ އެހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ލިބެން ނެތުމުން ގިނަ ބަޔަކު ޚިދުމަތަށް އެދި އެހެން ހޮސްޕިޓަލްތަކަށް ނުވަތަ މާލެއަށް ދާންޖެހޭކަމަށެވެ. އެކަމަށް ޢާއްމުންގެ އަތުން ބޮޑު ހޭދައެއް ހިނގާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އިތުރުވެފައިވާ ޑިމާންޑާއެކު ފެށުނު މިޚިދުމަތުގެ ސަބަބުން ޢާއްމުންނަށް ބޮޑު ފަސޭހައެއް ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ރިފާއު ވިދާޅުވިއެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ހޯދަމުން އަންނަ އެއަތޮޅު މީހުން ރަށަށް ބަދަލުވެ، ހުޅުމާލޭ ހޮސްޕިޓަލުގެ ކީމޯ ކިޔުއަށްވެސް ލުޔެއް ލިބިގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކީމޯ ތެރަޕީގެ ޚިދުމަތް ފެށީ 2 އެނދުގެ ވޯޑަކާއެކުއެވެ. އެހޮސްޕިޓަލުން ވިދާޅުވީ ޚިދުމަތް ފެށިއިރު ހޮސްޕިޓަލުގެ ކީމޯ ތެރަޕީއަށް އެދި 3 ޕޭޝަންޓުން ތިބިކަމަށެވެ. އަދި މިހާރު ކީމޯއަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާކަމަށްވެސް އެހޮސްޕިޓަލުން ހާމަކުރައްވައެވެ.

ކީމޯގެ ޚިދުމަތް ފެށުމަށް ހުޅުމާލޭ ހޮސްޕިޓަލާއި ގުޅިގެން މުވައްޒަފުން ތަމްރީންކޮށްފައިވާކަމަށާއި، އަދި ބޭނުންވާ ވަޞީލަތްތައް ޤާއިމުކޮށް މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ސްޓޭންޑަޑަށް ތަރައްޤީކޮށްފައިވާކަމަށް ރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.

ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ 5 ސަރަޙައްދެއްގައި ތަރައްޤީކުރާ ޓަރޝަރީ ހޮސްޕިޓަލްތަކުގެ މަޝްރޫޢުގެ ދަށުން 100 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެއް ހޮސްޕިޓަލެވެ. އެހޮސްޕިޓަލުން ވިދާޅުވީ ޓަރޝަރީ ހޮސްޕިޓަލާއެކު، ކެންސަރަށް ދެވޭ ފަރުވާ ހޮސްޕިޓަލުގައި އިތުރަށް ފުޅާކުރުމަށް ނިންމާފައިވާކަމަށެވެ.

އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން އަތޮޅުތެރޭގެ ބައެއް ހޮސްޕިޓަލްތަކުގައި އަންނަނީ ކީމޯ ތެރަޕީގެ ޚިދުމަތްދެމުންނެވެ.