ޚަބަރު

ދަރަވަންދޫއަށް މޯލްޑިވިއަންގެ ދަތުރުތައް އަލުން ފަށަނީ


ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ބ.ދަރަވަންދޫއަށް އަލުން ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިކަމާއި ގުޅިގެން މޯލްޑިވިއަން ހިންގާ، އައިލޭންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑުން ބުނީ، ދިގުމުއްދަތަކަށް މެދުކަނޑާލާފައި އޮތުމަށްފަހު، އަލުން މޯލްޑިވިއަންގެ ދަތުރުތައް ދަރަވަންދޫއަށް ފެށުމަށް ހަމަޖެހިފައިވާކަމަށާއި، ދުވާލަކު އެއް ފްލައިޓް ދަރަވަންދޫ އެއަރޕޯޓަށް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އެ ކުންފުނިން ބުނީ، އަންނަ މަހުގެ 15 އިން ފެށިގެން ކޮންމެ ދުވަހަކު ދަރަވަންދޫއަށް މޯލްޑިވިއަނުން ދަރަވަންދޫއަށް ޝެޑިއުލް ދަތުރު ބާއްވާނެކަމަށެވެ. އަދި ފުރަތަމަ ފަށާއިރު ދަތުރުތައް ކުރާނީ ހާއްސަ ފެއަރއެއްގައި ކަމަށްވެސް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

އެ ކުންފުނިން މިހާރު ވަނީ ދަރަވަންދުއަށް ބުކިން ހެއްދުމަށްވެސް ހުޅުވާލާފައެވެ.

މޯލްޑިވިއަން އިން ވަނީ ކުރިއާލައި ޓިކެޓް ނެގުމުން %5 އާއި %15 ދެމެދުގެ ޑިސްކައުންޓެއް ދޭން ފަށާފައެވެ. އެގޮތުން ދަރަވަންދޫއަށް އެއްކޮޅު ޓިކެޓުގެ އަގަކީ 1125 ރުފިޔާ ނަމަވެސް ކުރިއާލައި ޓިކެޓް ނަގާނަމަ 859 ރުފިޔާއަށް ޓިކެޓް ލިބޭނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

މޯލްޑިވިއަންއިން ދަރަވަންދުއަށް ކުރިން ކުރަމުން އައި ދަތުރުތައް ހުއްޓާލީ 2019ވަނަ އަހަރުއެވެ. މިވަގުތު ދަރަވަންދޫއަށް ދަތުރުކުރަނީ ފްލައިމީއާއި މަންޓާ އެއާއިންނެވެ.

ދަރަވަންދޫ އެއަރޕޯޓަކީ ކޮންމެ ދުވަހަކުވެސް އެތަކެއް ފަތުރުވެރިންނެއް ދަތުރުކުރަމުންދާ އެއަރޕޯޓެކެވެ.