ޚަބަރު

ދުވާފަރު މަގު ތަރައްޤީކުރުމުގެ މަސައްކަތް ނިމިއްޖެ


ރ. ދުވާފަރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާލައިފިއެވެ.

ދުވާފަރުގެ މަގު ހެދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރަސްޓްރަކްޗަރއިން އެމްޓީސީސީއަށް ހަވާލުކުރެއްވީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ތެރޭގައެވެ.

ފަސްހާހެއްހާ މީހުން ދިރިއުޅޭ ރ. ދުވާފަރަކީ ކުރިން ފަޅު ރަށެއްގެ ގޮތުގައި އޮތް ރަށެއް ނަމަވެސް، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ރ. ކަނދޮޅުދުއަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އެރަށު ރައްޔިތުންނަށް ދުވާފަރަށް ސަރުކާރުން ބަދަލުކުރެއްވިއެވެ.

ރ. ދުވާފަރުގައި އިޤްތިސާދީ، އިޖްތިމާޢީ އަދި އުމްރާނީ ތަރައްޤީގެ އެކި ކަހަލަ މަޝްރޫއުތަކުގައި ބޭނުންކުރުމަށް ސައިކަލާއި، ރަށު ޕިކަޕާއި، ކާރު އަދި ލޮރީ ފަދަ އެއްގަމު އުޅަނދުފަހަރު ހަރަކާތްތެރިވުމާއެކު، ރަނގަޅު ފެންވަރުގެ މަގުތަކެއް ހެދިފައި އޮތުމަކީވެސް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އެރަށު ރައްޔިތުން ދެކެއެވެ.

ދުވާފަރު ރައްޔިތުންނާއި އަދި ރަށަށް އެހެނިހެން ބޭނުންތަކަށް އަންނަ ފަރާތްތަކަށްވެސް މީގެ ކުރިން އެންމެ ދަތިވާކަމަށް ފާހަގަކުރާ އެއް ކަމަކީ ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުމެވެ. ވިއްސާރަ ދުވަސްވަރެއްނަމަ ފެން ރަނގަޅަށް ނުހިނދި އެތައް ދުވަހެއް ހުރެއެވެ. އަދި މަގުގައި އަޑިގުޑަންތައް ހުރުމުގެ ސަބަބުން ހިނގާ މީހުންނާއި އެއްގަމު އުޅަނދުފަހަރަށް ދަތިތަކާއި ގެއްލުމާވެސް މީގެ ކުރިން ވަނީ ކުރިމަތިލާން ޖެހިފައެވެ. އަދި މީގެ އިތުރުން މަގުތަކުގައި ހިރަފުހުގެ އުނދަގޫވެސް އެހާ ބޮޑުކަމަށް ރައްޔިތުން ފާހަގަކުރެއެވެ.

ނަމަވެސް މިހާރު މިވަނީ ރައްޔިތުންގެ މިޝަކުވާތަކަށް ހައްލު ލިބި މަގުގައި ފެންބޮޑުވުމުންނާއި، ޗަކަވުމުންނާއި، އަޑިގުޑަންވުމާއި، ހިރަފުސްވުމުން ލިބެމުންދިޔަ ދަތި އުނދަގުލަށް ހައްލު ލިބިފައެވެ. ރ.ދުވާފަރުގެ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީން 2021 ވަނަ އަހަރު ނިންމާލާފައިވާއިރު، މި އަހަރުގެ މާރިޗް މަހު މިވަނީ ދުވާފަރުގެ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހިވެސް ނިމިފައެވެ.

ރ. ދުވާފަރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، 19،797.44 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، 6،003.85 އަކަ މީޓަރުގެ ހިނގާ ސަރަޙައްދެއް ޤާއިމުކުރުމާއި، ސަރވިސް ލައިން އެޅުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢުގެ ދަށުން ދުވާފަރުގެ ހުރިހާ މަގެއްހެން މިހާރު މިވަނީ ރަނގަޅު ފެންވަރަށް ތަރައްޤީކޮށް ތާރުއަޅާ ނިމިފައެވެ. އެހެންކަމުން އެއްގަމު ދަތުރުފަތުރުކުރުމުގައާއި އެއްތަނުން އަނެއްތަނަށް މުދަލާއި ތަކެތި އުފުލުމުގައި ގިނަ ފަސޭހަތަކެއް ދުވާފަރުގެ ރައްޔިތުންނަށާއި އަދި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ލިބިގެންދާނެއެވެ.

ރ. ދުވާފަރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވައްސަކީ 20.40 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެވެ.