ޚަބަރު

"960" ކާމިޔާބުކުރީ އިލްޔާސް ޝުޖާޢު


މިދިޔަ ރޯދަމަހު ޓީވީއެމްއިން ގެނެސްދިން "ނުވައެއް ހައެއް ސުމެއް" ހދ. ނޮޅިވަރަން އިލްޔާސް ޝުޖާޢު ކާމިޔާބުކޮށްފިއެވެ.

ކޮންމެ އަހަރެއްގައިވެސް ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "ނުވައެއް ހައެއް ސުމެއް" ޕްރޮގްރާމްއަކީ ދިވެހި އަދަބިއްޔާތާއި ތާރީޚާއި ތިމާވެއްޓާއި ކަނޑުފަޅުގެ ދިރުންތަކާ ގުޅޭ ސުވާލު މުބާރާތެކެވެ.

ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގެ ރޭގަނޑު ގެނެސްދިން ނުވައެއް ހައެއް ސުމެއް މި ރަމަޟާން މަހު ގެނެންދިނީ 11 އެފިސޯޑެެވެ. މި ޕްރޮގްރާމްގައި ރާއްޖޭގެ އެކި އަތޮޅުތަކުން ޖުމްލަ 12 މީހުންވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމްގެ ފައިނަލް އެޕިސޯޑާއި އިނާމު ދިނުން ކުރިއަށް ގެންދިޔައީ ޓީވީއެމްގައެވެ.

މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ހދ.ނޮޅިވަރަން އިލްޔާސް ޝުޖާއުއެވެ. ފައިނަލް އެޕިސޯޑުގައި އޭނާއާ ވާދަކޮށް، ދެވަނައަށް ދިޔައީ ފ. ނިލަންދޫ އަބްދުﷲ އަޙްމަދުއެވެ. މި މުބާރާތުގެ އެއްވަނަ ހޯދި ފަރާތަށް އިނާމެއްގެ ގޮތުގައި 60000 ރުފިޔާ އަދި ދެވަނައަށް ދިޔަ ފަރާތަށް އިނާމެއްގެ ވަނީ 30000 ރުފިޔާ ވަނީ ދީފައެވެ.

މި އަހަރުގެ ނުވައެއް ހައެއް ސުމެއް ގެ ފަހު އެޕިސޯޑު ޝަރަފުވެރި ކޮށްދެއްވީ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފު އަބްދުއް ރަހީމްއެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ވިދާޅުވީ، ޓީވީއެމްއިން ކުރިއަށްގެންދާ ނުވައެއް ހައެއް ސުމެއް ޕްރޮގްރާމްގެ ސަބަބުން ދިވެހިންގެ ތެރޭ ދިވެހި ބަހަށާއި އަދި ދިވެހި ތާރިހަށް ޝައުގުވެރިކަން އިތުރު ވަމުން އަންނަ ކަމަށެވެ. އަދި މި ޕްރޮގްރާމް ހަމައެކަނި ރަމަޞާންމަހު ގެނައުމުގެ ބަދަލުގައި ސްކޫލް ދަރިވަރުންނަށް ހުޅުވާލައިން ކޮންމެ އަހަރެއްގައިވެސް މީގެއިތުރު ދެ ޕްރޮގްރާމް ކުރިއަށް ގެންދިއުން މުހިންމު ކަމުގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ވިދާޅުވިއެވެ.

" މީ ދައުލަތުގެ މީޑިޔާއިން ދިވެހިރާއްޖޭގެ ރައްޔިތުންނަށްޓަކާ ދިވެހި ރާއްޖެ އޮޅުންފިލުވައި ދިނުމަށް ކުރެވޭ ވަރަށް ބުރަ މަސައްކަތެއް. ބައެއް ތަރީހީ ސުވަލުތަކަކީ އަބަދު ހަނދަނުގައި ހަރުލާ ހުންނާނެ ސުވަލުތަކެއް ނޫން އެހެންނަމަވެސް މިކަހަލަ ޝޯތަކުގެ ޒަރިއްޔާއިން ގެންސްދޭ މައުލޫމާތުތައް ގިނަ ދުވަހު ހަނދާނުހައި ހަރުލަ ހުންނާނެ. މިމޕްރޮގްރާމްގެ ޓީމުން ކުރަނީ ޤައުމިއްޔަތު ދިރުވުމުގެ މަސައްކަތެއް" ޑރ. އަޝްރަފު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ސުވާލުތައް ގެނެސްފައިވަނީ 4 ބަޔަކަށް ބަހާލައިގެނެވެ. އެއީ ދިވެހި ބަހާއި އަދަބިއްޔާތު، ތިމާވެށި، ޖޯގްރަފީ އަދި ދިވެހި ތާރީހްއެވެ.

މި ޕްރޮގްރާމްގެ މަޤްސަދަކީ ދިވެހިންގެ ތެރޭ ޤައުމިއްޔަތު ދިރުވާ އާލާކުރުމެވެ. މި ޕްރޮގްރާމަށް މީހުންގެ މެދުގައި އޮންނަ މަޤްބޫލުކަން އަހަރުން އަހަރަށް އިތުރުވަމުންދާއިރު، ރަށްރަށުން ޕްރޮގްރާމްގެ ބައިވެރިވާން އަންނަ މީޙުންގެ އަދަދުވެސް ކޮންމެ އަހަރަކު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.